ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ބައިނަލްއަގުވާމީ މައިދާނުގައި ތައުރީފް!

ޔޫރަޕްގެ އިއްތިހާދުގެ ތެރޭގައިި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭކާ)ގެ މެމްބަރުކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޔޫރަޕުގެ ގައުމުތަކާއި އަދި ދުނިޔޭގެ ބޮޑެތި ގައުމުތައް ހިމެނޭ ގޮތަށް އުފެދިފައިވާ އެ ޖަމާއަތަކީ ބައިނަލްއަގުވާމީ މައިދާނުގައި ނަން ހިނގާ، ނުފޫޒުގަދަ ޖަމާއަތެކެވެ.

އެމެރިކާގައި މިހާރު ވެރިކަން ކުރަމުންދާ ރިޕަބްލިކަން ޕާޓީ ފަދަ ބޮޑެތި ޕާޓީތައް މެމްބަރުންގެ ގޮތުގައި ހިމެނޭ އެ ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ބައިވަރެވެ. އެންމެ މުހިންމު އަދި އެންމެ އިސްކަމެއްދޭ ކަމަކީ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް އޮތުމެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމެވެ. އަމިއްލަ ވިޔަފާރިތައް ފުޅާކޮށް އިގްތިސާދީ ނަފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތް ހޯދައިދިނުމެވެ.

އޭކާގެ މެމްބަރުކަން ޕީޕީއެމް އިން މިވަނީ މިދިޔަ ހަފްތާތެރޭގައި ހޯދައިފަ އެވެ. އަޒަރު ބައިޖާންގެ ވެރިރަށް ބަކޫގައި ކުރިއަށްދިޔަ އެ އެލަޔަންސްގެ ސަމިޓްގައި ޕީޕީއެމަށް މެމްބާޝިޕް ހާވާލުކުރި އިރު، މިއީ މި ސަރަހައްދުގެ ގައުމެއްގެ ޕާޓީއަކަށް އޭކާގެ މެމްބަރުކަން ލިބުނު ފުރަތަމަ ފަހަރެވެ.

އޭކާގެ ބައްދަލުވުމެއްގައި މެމްބަރު އަހްމަދު ޝިޔާމް ބައިވެރިވަނީ--ފޮޓޯ/ޕީޕީއެމް

ޕީޕީއެމްގެ ޖެނެރަލް ސެކެރެޓެރީ، ޑރ. އަބްދުﷲ ހަލީލް "ސަން"އަށް ވިދާޅުވީ ސިޔާސީ ގޮތުން ވަރުގަދަ އެތައް ޕާޓީއެއް ހިމެނޭ އޭކާއިން ޕީޕީއެމްއަށް މެމްބަރުކަން ދިނީ އެ ޕާޓީގެ ހަރުދަނާ ސިޔާސަތުތަކަށް ރިޔާޔަތްކޮށް ކަމަށެވެ. އަދި ވިދާޅުވީ، އެ ޖަމިއްޔާއިން ވަރަށް ގާތުން ރާއްޖޭގެ ކަންކަން ބަލާފައިވާ ކަމަށާއި ޕީޕީއެމް އަށް މެމްބަރުކަން ދިނުމުގެ އެންމެ މުހިއްމު އެއް ސަބަބކީ ރައީސް އަބްދުﷲ ޔާމީންގެ ހަރުދަނާ އިގްތިސާދީ އެޖެންޑާ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރުން ރައްޔިތުންނަށް ހުށަހަޅާފައިވާ މެނިފެސްޓޯ ތަންފީޒުވަމުންދާ ސްޕީޑަކީ ވެސް އޭކާ އިން އެ ޕާޓީއާ މެދު ޝައުގުވެރިވީ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އޭކާ ފަދަ ބޮޑު އަދި ނުފޫޒު ގަދަ ޖަމިއްޔާއެއްގެ މެންބަރަކަށް ވުމަކީއެއް ގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. ޕީޕީއެމްއަށް އޭކާގެ މެމްބަރުކަން ލިބުނީ އެ ފަރާތުން ކުރަން ޖެހޭ ދިރާސާތައްކޮށް އެ ފަރާތްތަކަށް ކުރެވިފައި ހުރި މަސައްކަތް ކަމުގޮސްގެން. އާކާއިން މެމްބަރުކަން ދިނުމުގައި ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ވަނީ ރިޔާއަތްކޮށްފައި،" ބަކޫގައި ކުރިއަށް ދިޔަ ސަމިޓްގައި ޕީޕީއެމް ތަމްސީލް ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޑރ. ހަލީލް ވިދާޅުވި އެވެ.

ޑރ. ހަލީލް ފާހަގަކުރެއްވި ގޮތުގައި އޭކާ އިން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރާ މެދު ތައުރީފް ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިފަދަ ކުޑަ ގައުމަކުން އިގްތިސާދީ ބޮޑު ކުރިއެރުމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދަމުންދާތީ އެކަމާ މެދު އެމީހުން އަޖައިބުވި ކަމަށެވެ.

"އެމީހުން ވަރަށް ބޮޑަށް ހައިރާންވި ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ ފައިސާގެ ނިސްބަތް ދެ ގުނައަށް އިތުރުވެފައިވާތީ. އެމީހުން ވަރަށް ހައިރާންވި މިއޮއް ކުޑަ ގައުމުގައި ބިޔަ ބްރިޖެއް އަޅާތީ،" ޑރ. ހަލީލް ވިދާޅުވި އެވެ.

ކުރީގެ ރައީސުންނާއީ ޔޫރަޕްގެ ޕާލިމަންޓް މެންބަރުން ވެސް ހިމެނޭ އޭކާގެ ހާއްސަ އެއް ކަމަކީ އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި ބޮޑެތި ކުންފުނިތައް ތަމްސީލުކުރައްވާ މެމްބަރުން ވެސް ތިބުމެވެ. ޑރ. ހަލީލް ވިދާޅުވީ މީގެ ކުރިން އެއްވެސް ރައީސަކަށް ކުރަން ނުކެރުނު "ކްރެޑިޓް ރޭޓީން"، ރާއްޖޭގައި އަލަށް ހަދައި އިގްތިސާދީ ހާލަތު ދުނިޔެއަށް ބަޔާންކޮށްދިނުމަކީ ވެސް އެ ޖަމިއްޔާގެ މެމްބަރުންގެ ޝައުގުވެރިކަން ހޯދި ކަމެއް ކަމަށެވެ.

އޭކާގެ ބައްދަލުވުމުގައި ޕީޕީއެމްގެ ދެ އޮފިޝަލުން ބައިވެރިވަނީ--ފޮޓޯ/ޕީޕީއެމް

ބަކޫގައި ކުރިއަށްދިޔަ އޭކާގެ އެނުއަލް ސަމިޓްގައި ޑރ. ހަލީލްއާ އެކު ބައިވެރިވެވަޑައިގެންނެވި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ފާހަގަ ކުރެއްވި ގޮތުގައި އޭކާއިން ހުށަހަޅާ ގިނަ ކަންކަން ރާއްޖޭގައި މިހާރު ވެސް ތަންފީޒު ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފްރީ ޓްރޭޑާއި އިންވެސްޓަރުންނަށް ގައުމު ހުޅުވާލުމަކީ ވެސް އެ އެލަޔަންސްގެ ވަރަށް ބޮޑު މަގުސަދެކެވެ. އެކަންކަން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރަމުން ދިޔުމަކީ އެ ޖަމުއްޔާއިން ރާއްޖެއާ މެދު އަދި ޕީޕީއެމްއާ މެދު ޝައުގުވެރިކުރުވި ސަބަބެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އޭކާގެ މެމްބަރަކަށް ވުމުން ކުރިއަށް އޮތްތަނުގައި ޑިމޮކްރަޓީކް ގޮތުން ހަރުދަނާ ޕާޓީއަކަށް ވުމަށް ޕީޕީއެމްއަށް ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މައިދާނުން ރައީސް ޔާމީންގެ ސިޔާސަތުތަކާއި ޕީޕީއެމް ބަލައިގެން ކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުތަކަށް ތައުރީފް ކުރާ ކަަމަށެވެ.

ޔޫރަޕްގެ އެހެން ޖަމައަތްތަކެކޭ އެއްގޮތަށް އޭކާގެ ސިޔާސަތު ތެރޭގައި ވެސް ދީނީ މިނިވަންކަން ހިމެނޭއިރު ޑރ. ހަލީލް ވިދާޅުވީ އެއީ މި ސަރުކާރުން ދޭނެ މިނިވަން ކަމެއް ނޫން ކަމަށާއި އެކަމަށް ޕީޕީއެމް އިން ގަބޫލުނުވާނެކަން އަންގާފައިވާ ކަމަށެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނެއް އޮތުމަށް، ނޫނީ ދީނީ މިނިވަންކަން ރާއްޖޭގައި އޮތުމަށް އޭކާއިން ދުވަހަކު ވެސް މަޖުބޫރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަަމަށް ވިދާޅުވި އެވެ.

އޭކާއިން ޕީޕީއެމް އަށް މެމްބަރުކަން ދިން ވަގުތަކީ އިދިކޮޅު ފަރާތްތަކުން ބޭރު ގައުމުތަކުގައި ދިވެހި ސަރުކާރު ބަދުނާމް ކުރަމުންދާ ވަގުތެކެވެ. ޑރ. ހަލީލް ވިދާޅުވީ އޭކާގެ އަހަރީ ސަމިޓްގައި އެތައް ބައިވަރު ސިޔާސީ ފަރާތްތަކާއި ބައްދަލުވި އިރު އިދިކޮޅުން އެ ވިދާޅުވާ އެއްވެސް ކަހަލަ ކަމެއްގެ ވާހަކަ ފާހަގަ ނުކުރާ ކަމަށެވެ. ހުރިހާ ބޭފުޅުން ވެސް ފާހަގަ ކުރެއްވީ "ރައިސް ޔާމީންގެ އިގްތިސާދީ އެޖެންޑާގެ ފުރިހަމަކަން" ކަމަށް ޑރ. ހަލީލް ވިދާޅުވި އެވެ. ޕީޕީއެމް އިން ކުރިއަށް އޮތް ތަނުގައި އޭކާގެ ހިޔަލުގައި ރާއްޖޭގެ ޑިމޮކްރަސީ އަދި އިގްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ދަނީ ރާވަމުންނެވެ.

comment ކޮމެންޓް