ގައުމީ ޓީމު ޖާރޒީގެ ފަރުމާއެއް ހުށަހަޅައިފިންތަ؟ ސުންގަޑި ހަމަވަނީ!

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ފަރުމާކޮށް، ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފައިވާ ސުންގަޑި މާދަމައަށް ހަމަވާނެއެވެ.

އެއްވަނައަށް ހޮވޭ ފަރުމާއަކަށް 25،000 ރުފިޔާގެ ގިފްޓް ކާޑެއް ދޭގޮތަށް، ޖޫން ތިންވަނަ ދުވަހު ހުޅުވާލި އެ ފުރުސަތުގެ ސުންގަޑިއަކީ މާދަމާ (13 ޖޫން 2018)ގެ މެންދުރު 12:00އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ގައުމީ ޓީމުގެ ޖާރޒީ ފަރުމާކުރަން ގައުމީ ބޭންކުން ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޮންސަރު، ބީއެމްއެލްއިން ބުނެފައިވަނީ ޖާޒީ ފަރުމާކުރަން އާންމުންނަށް ހުޅުވާލީ ތަފާތު ހުނަރުވެރިންނަށް ރާއްޖޭގެ ގައުމީ ޓީމުގެ ތާރީހުގައި ނަން ލިޔެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ޑިޒައިނެއް ފަރުމާކުރުމަށްފަހު ފޮނުވަން ޖެހޭނީ، ޕީޑީއެފް ފޯމެޓްގައި ދިހަ އެމްބީއަށްވުރެ ފައިލް ސައިޒް ކުޑަކޮށް ބީއެމްއެލްގެ މެއިލް [email protected] އަށެވެ.

އެއްވަނައަށް ހޮވޭ ލޯގޯ ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށާއި، އެއްވަނައަށް ހޮވޭ ޖާޒީ އިއުލާންކުރާނީ މިމަހު 21 ވަނަ ދުވަހު، ބީއެމްލްގެ ރަސްމީ ފޭސްބުކާއި ޓްވިޓާގައި ކަމަށް އެ ބޭންކުން ބުނެއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކިޓް ޕާޓްނަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އެޑިޑާސް ކުންފުނި ދޫކޮށް ސްޕެއިންގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޖޯމާއާއެކު އެއްބަސްވުމަށް އައީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ގައުމީ ޓީމުގެ ކިޓް ސަޕްލައި ކޮށްދީފައިވަނީ ޖޯމާއިންނެވެ.

comment ކޮމެންޓް