އުރީދޫ ވޯލްޑްކަޕް ފޯރި ކެމްޕޭން ފަށައިފި

އުރީދޫ ވޯލްޑްކަޕް ފޯރި ކެމްޕޭން ފެށުން -- ފޮޓޯ/ އުރީދޫ

ރަޝިއާގައި ފަށާ ވޯލްޑްކަޕް 2018 އާ ގުޅިގެން އުރީދޫއިން ޚާއްސަ ކެމްޕޭނެއް ލޯންޗުކޮށްފިއެވެ.

އުރީދޫއިން މި ކެމްޕޭން ފެށީ ރޭ ބަރިސްޓާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތަކާ އެކުގައެވެ.

މިއަހަރުގެ ވޯލްޑްކަޕާ ދިމާކޮށް، އުރީދޫއިން ވަނީ ސްމާޓްފޯނު މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ލައިވްސްޓްރީމް ކުރެވެނެ ފަސޭހަކަން ފޯރުކޮށްދޭ ޕެކޭޖެއް ތައާރަފުކޮށްފައެވެ. އުރީދޫއަކީ ޕީއެސްއެމްގެ ވޯލްޑްކަޕް ޕްރެޒެންޓިންގް ޕާޓްނަރެވެ.

އުރީދޫއިން ބުނީ 195 ރުފިޔާގެ މި ޕެކޭޖުން އިތުރު ޗާޖަކާ ނުލައި މުޅި ވޯލްޑްކަޕް ބެލޭނެ ކަމަށެވެ. ވޯލްޑްކަޕް ފަށާ ދުވަސް، ޖޫން 14 ވަނަ ދުވަހުން ފެށިގެން މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ ފީފާ ވޯލްޑްކަޕް ފެންޓަސީ އުރީދޫ ލީގުގައި ބައިވެރިވެގެން އެއްވަނައަށް ދާ ފަރާތަކަށް އައިފޯނު x އެއް ލިބޭނެކަމަށެވެ. ލީގުގައި ބައިވެރިވާން ބޭނުންކުރަންޖެހޭ ކޯޑަކީ YOB4GGV3 އެވެ.

މީގެ އިތުރުން، ކޮންމެ މެޗަކުންވެސް މޮޅުވާނެ ޓީމު ދިމާކޮށްގެން، ނަސީބުވެރި ފަރާތަކަށް ފަސް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެކަމަށް އުރީދޫއިން ބުންޏެވެ. "މޮޅުވާނީ ކާކު؟" ގެ ނަމުގައި މި މުބާރާތް ކުރިއަށް ދާނީ ޓްވިޓާގައެވެ.

މީގެ އިތުރުން ވޯލްޑްކަޕް ދެއްކުމަށް ގިނަ ކެޕޭތަކާއި ރެސްޓޯރަންޓްތަކާ އެކު ޕާޓްނަޝިޕް ހަދާފައި ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، ފުޓުބޯޅައަކީ ދިވެހީންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވާ އިރު، ރާއްޖެއަށް އެންމެ ފުރިހަމަގޮތުގައި ވޯލްޑްކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫއިން ބޮޑު އިސްކަމެއް ދޭކަމަށެވެ.

"އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ކަސްޓަމަރުން ކޮންމެ ތާކު ތިބެގެންވެސް ވޯލްޑް ކަޕް ބަލާލަން ލިބި، މި މުބާރާތާ ގުޅޭ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ފުޓުބޯޅައިގެ މި އީދަށް ރާއްޖޭގައި އޮތް ފޯރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ،" ނަޖީބު ވިދާޅުވިއެވެ.

comment ކޮމެންޓް