ސަމިޓް ކާމިޔާބު ވެއްޖެ ނަމަ އެމެރިކާއަށް ޒިޔާރަތް ކުރުމުގެ ދައުވަތު އުތުރު ކޮރެޔާގެ ޒައީމަށް އަރުވާނަން: ޓްރަމްޕް

ޓްރަމްޕާއި ކިމް ބައްދަލުކުރައްވަނީ

ސެންތޯސާ (ޖޫން 12) : އެމެރިކާ އާއި އުތުރުކޮރެޔާގެ ސަމިޓް ކާމިޔާބު ވެއްޖެ ނަމަ އެމެރިކާއަށް ޒިޔާރަތް ކުރުމުގެ ދައުވަތު އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އަށް އަރުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއަދު ސިންގަޕޫރުގެ ސެންތޯސާގެ ކަޕެއްލާ ހޮޓަލުގައި ބޭއްވި ދެ ބޭފުޅުންގެ ފުރަތަމަ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވީ މިއަދުގެ ބައްދަލުކުރެއްވުން ކާމިޔާބު ކަމަށާއި މިއަދު ބާއްވާ ސަމިޓް ކާމިޔާބުވެ، ސަމިޓްގެ މަގްސަދުތައް ޙާސިލްވެއްޖެ ނަމަ އެމެރިކާއަށް ޒިޔާރަތް ކުރުމުގެ ދައުވަތު އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އަށް އަރުވާނެ ކަމުގަ އެވެ.

ކިމް އާއި ޓްރަމްޕް މި ބައްދަލުކުރެއްވީ ދެބޭފުޅުންގެ ތާރީޚީ ސަމިޓްގެ ކުރިންނެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ކުރެއްވީ ސަމިޓަށް ތައްޔާރުވުމުގެ މަޝްވަރާތަކެވެ. ދޮޅު ގަޑިއިރަށް ދިގުދެމިގެން ދިޔަ މި ބައްދަލުކުރެއްވުމުގައި އުތުރުކޮރެޔާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ލީ ޔުން ހޫ އާއި ދިފާއީ ވަޒީރު ހިޔުޔުންގް ޗޮލް އާއި ކިމް ޖޮންގް އުންގެ އަންހެން ކޮއްކޮ ކިމް ޔޫ ޖޮންގް އާއި އުތުރުކޮރެޔާގައި ވެރިކަންކުރާ ވޯކާސް ޕާޓީގެ ނައިބުޒައީމް ކިމް ޔޮންގް ޗޮލް ހިމެނިވަޑައިގަންނަވަ އެވެ.

ޓްރަމްޕާއި ކިމް ބައްދަލުކުރައްވަނީ އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެގައުމުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ހިމެނިވަޑައިގަންނަވަ އެވެ. މިބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން މެންދުރުގެ ފަރިއްކޮޅަކަށް އިންސާފުކުރެއްވި އެވެ. މިފަރިއްކޮޅަކީ އެވަކާޑޯ ހިމެނޭ ގޮތަށް ސީފުޑްގެ ބާވަތްތައް އެކުލެވޭ ވަރަށް ޚާއްސަ ފަރިއްކޮޅެކެވެ.

ފަރިއްކޮޅަށް ފަހު ޓްރަމްޕާއި ކިމް ވަނީ ކަޕެއްލާ ހޮޓަލުގެ ކައިރީގައިވާ ބަގީޗާގައި އެކުގައި ހިންގަވައި ވާހަކަ ދައްކަވާލައްވާފަ އެވެ. އެއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ ގުޅިފައިވާ ތާރީޚީ ބަޔާނެއްގައި ސޮއިކުރައްވައިފަ އެވެ.

މިއީ އެމެރިކާގެ ރައީސަކާއި އުތުރު ކޮރެޔާގެ ޒައީމަކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ކިމް އާއި ޓްރަމްޕްގެ ރަސްމީ ސަމިޓް އޮންނާނީ މިއަދު މެންދުރު ފަހުގަ އެވެ. ސަމިޓް ކުރިޔަށްދާނީ ސިއްރު ގޮތެއްގަ އެވެ. ސެންތޯސާގެ ކަޕެއްލާ ހޮޓަލުގައި ސަމިޓް ކުރިޔަށްގެންދާ އިރު ސަންތޯސާގެ ވަށައިގެންވާ ސަރަހައްދަކީ ސަލާމަތީ ޚައްސަ ސަރަހައްދެއްގެ ގޮތުގައި ސިންގަޕޫރުން ވަނީ ކަނޑައަޅައިފަ އެވެ.

ފަރިއްކޮޅަށް ފަހު ދެބޭފުޅުން ހިންގަވާލައްވަނީ އުތުރުކޮރެޔާގެ އެއްވެސް ޒައީމެއް މީގެކުރިން އެމެރިކާގެ ރައީސަކާ ބައްދަލުކުރައްވާފައެއް ނުވެ އެވެ. އަދި ފޯނުން ވެސް ގުޅުއްވައި ވާހަކަ ވެސް ދައްކަވާފައެއްނުވެ އެވެ. ނަވާރަސަތޭކަ ފަންސާސް އިން 1953 އަށް ހިނގި ކޮރެޔާ ހަނގުރާމައަށް ފަހު އެމެރިކާ އާއި އުތުރުކޮރެޔާއަކީ ވަރަށް ހަތުރުވެރި ދެގައުމެވެ. ދާދިފަހަކާ ޖެހެންދެން ވެސް އެއްގައުމު އަނެއްގައުމަށް ނިއުކްލިޔާ ހަތިޔާރުން ޙަމަލާދޭނެ ކަމުގެ އިންޒާރުތައް ދީ އެއްގައުމު އަނެއް ގައުމަށް ބިރު ދައްކާފައިވެ އެވެ. އަދި އުތުރުކޮރެޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފަހަތުގައިވާ މައިގަނޑު ގައުމަކީ ވެސް އެމެރިކާ އެވެ.

ނަމަވެސް އުތުރު ކޮރެޔާއިން މިފަހަކަށް އައިސް ގެންގުޅެންފެށި މައިތިރި ސިޔާސަތުތަކާ އެކު ދެކުނު ކޮރެޔާ މެދުވެރިއެއްގެ ބައި އަދާކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ އާއި އުތުރުކޮރެޔާގެ ލީޑަރުން މިއަހަރުގެ ކުރީކޮޅުގައި ވަނީ ސަމިޓް ބައްދަލުވުމަކަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ކިމް އާއި ޓްރަމްޕްގެ ސަމިޓް ކަވަރުކުރުމަށް ޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެހާހަށް ވުރެ ގިނަ ނޫސްވެރިން ހަރަކާތްތެރިވާނެ އެވެ.

މިސަމިޓްގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ދެކޮރެޔާގެ ދެމެދުގައި ސުލްޙަ ގާއިމް ކުރުމާއި ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދަކަށް ހެދުމާއި އުތުރުކޮރެޔާ ހުށަހަޅާ ޝަރުތުތަކަށް އެމެރިކާ އެއްބަސްވާ ނަމަ އުތުރުކޮރެޔާގެ ނިއުކްލިޔާ ޕްރޮގްރާމާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމުގެ މައްސަލަ ހިމެނެ އެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް