ޓްރަމްޕް ކިމް ސަމިޓް: ތާރީހީ އެއްބަސްވުމެއްގައި ދެ ބޭފުޅުން ސޮއިކުރައްވައިފި

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް---

"ޓްރަމްޕް - ކިމް" ސަމިޓްގެ ތާރީހީ ބައްދަލުވުން ސިންގަޕޫރުގެ ސެންތޯސާގައި މިއަދު ފަށައިފި އެވެ.

ބައްދަލުވުމުގެ ކުރިން ޓްރަމްޕް ކިމް އާ ސަލާމްކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުމުގައި ގިނަ މަޝްވަރާތަކެއް ކުރައްވާނެ ކަމަށާއި މި ގުޅުން "ބަރާބަރުވާނެ" ކަމަށެވެ.

ޓްރަމްޕްގެ ޖަވާބަށް ރައްދުދެއްވަމުން އުތުރު ކޮރެއާގެ ލީޑަރު ކިމް ވިދާޅުވީ "މިހާ ހިސާބަށް އައުމަށް ފަސޭހަ ނުވި" ކަމަށެވެ.

ޓްރަމްޕް އަދި ކިމް ބައްދަލު ކުރައްވާފައި ވަނީ އެމެރިކާ އާއި ނޯތުކޮރެއާގެ ވެސް އިސް ބޭފުޅުންނާ އެކު އެވެ. ގިނަ ކަންތައްތަކަކަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް މަޝްވަރާ ކުރެއްވި ކަންކަން ވަނީ ސިއްރެއްގެ ގޮތުގައި ބާއްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ. މިހާރު ދެ ލީޑަރުން ވެސް ވަނީ ތާރީޚީ ލިޔުމެއްގައި ސޮއި ކުރައްވައިފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ވެވުނު އެއްބަސްވުމަކީ ވަރަށް މުހިއްމު އަދި ތާރީޚީ އެއްބަސްވުމެއް ކަމަށެވެ.

"މިހާރު ދެގައުމުގެ ގުޅުން ވަރަށް ތަފާތުވާނެ. ކުރިއަށް ވުރެ ވަރުގަދަވާނެ. ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ރާއްޖޭގެ ގަޑިން މިއަދު 6:30ގައި ފެށުނު ހާއްސަ ސަމިޓުގައި ގިނަ މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސަމިޓުގެ އެޖެންޑާގެ މުހިއްމު އައިޓަމްތަކުގެ ތެރޭގައި ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ނިމުމަކަށް ގެނައުމާއި އިގްތިސާދީ ގޮތުންނާއި ދިފާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކަތައް ހިމަނާފައިވެ އެވެ. މީގެ އިތުރުން ގިނަ ކަންތައްތަކެއް އެ ސަމިޓްގައި ކުރިއަށްދާނެ އެވެ.

comment ކޮމެންޓް