ދަޅަކްގެ ޓްރެއިލާ އާންމުކޮށްފި، އާ ދެތަރިންގެ އެކްޓިން ކިހިނެއް؟

ދަޅަކްގެ ޕޯސްޓަރެއް---

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އަދި ސްރީދޭވީއާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ދަޅަކް'ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ދެ ތަރިންނެވެ. ޓްރެއިލާއިން ފެންނަ މަންޒަރުތަކުން ފިލްމު ބެލުމަށް އިތުރަށް ޝައުގުވެރިވެގެން ދިޔައެވެ.

ދައްކުވައިދީފައިވާ މޮޅު އެކްޓްގެ ސަބަބުން އާ ތަރިން ތަކެކޭ ހީވެސް ނުވެއެވެ. ޖާންވީއާއި އިޝާންގެ ޖޯޑަށް ބެލުންތެރިންނަށް ކަމުގޮސްފިޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އަންނަ ޖުލައި 20 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޝަޝާންކް ޚައިތަން އެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ. ކަރަންގެ ފިލްމަކަށް ވުމުންވެސް ފިލްމަށް ކުރާ އިތުބާރު ވަރަށް ބޮޑުވާނެކަން ގައިމެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އާ ތަރިންތަކެއް ބޮލީވުޑަށް ތައާރަފްކޮށް އެ ތަރިންގެ ހުނަރު ދައްކާލާފައެވެ. މިއަދު އެންމެ ޑިމާންޑް ބޮޑު ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ވަރުން ދަވާން އަކީ ވެސް ކަރަން ބޮލީވުޑަށް ތައާރަފް ކުރި ދެ ތަރިންނެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ ދަޅަކްގެ މަސައްކަތް ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

'ދަޅަކް' އަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ. 'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި، ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމުގެ ހަފްލާ އަށް ޖާންވީގެ އެއްބަފާ ބޭބެ/އެކްޓަރު އަރްޖުން ކަޕޫރަށް ވަނީ ބައިވެރިވެވޭ ގޮތް ނުވެފައެވެ. "ނަމަސްތޭ އިންގްލެންޑް"ގެ ޝޫޓިންއަށް މި ވަގުތު ލަންޑަނުގައި ހުރެ އޭނާ ވަނީ ޖާންވީއަށް މަރުހަބާ ކިޔުމުގެ ގޮތުން ޓްވީޓެއް ވެސް ކޮއްފައެވެ.

"އަބަދުވެސް އަހަރެން ކޮއްކޮ އާ އެކީ ހުންނާނަން. މިވަގުތުން ފެށިގެން ޖާންވީ އޯޑިއަންސް އާ ހަވާލުވީ. އާ ޖާނީ އެއް ފެށުނީމި. ޓްރެއިލާ ވަރަށް ފުރިހަމަ. ދެމީހުންގެ އެކްޓިން މެޖިކަލް،"

comment ކޮމެންޓް