ރޯގާއާއި އިންފުލުއެންޒާ އުޅޭ މިންވަރު ދަށްވެއްޖެ، ނަމަވެސް ރައްކާތެރިވޭ!

ތާޖުއްދީން ސްކޫލުގައި ގާއިމްކުރި ފްލޫ ކްލިނިކުން ކުއްޖަކަށް ސިއްހީ ހިދުމަތް ދެނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ އުޅޭ މިންވަރު މިހާރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށް ރިޕޯޓްތަކުން ދައްކާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރޯގާގެ ހާލަތު ބަޔާންކޮށް އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޯގާއާއި އިންފުލުއެންޒާ ޖެހިގެން ވޭތުވެދިޔަ ހަފްތާ ތެރޭގައި 6249 މީހުން ޑޮކްޓަރަށް ދެއްކި ކަމަށާއި އެއީ އާންމުކޮށް އަރިދަފުސް ރޯގާއުޅޭ ނިސްބަތާ ވަރަށް ގާތް އަދަދެއް ކަމަށެވެ.

އެޗްޕީއޭއިން މިދިޔަ ހަފްތާގައި އާންމުކުރި، މީގެ ދެ ހަފްތާ ކުރީގެ ތަފާސް ހިސާބުތައް ބުނާގޮތުން، އޭރު އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ޖެހިގެން 9050 މީހުން ޑޮކްޓަރަށް ދެއްކިއެވެ.

އެޗްޕީއޭއިން ބުނީ، އިންފުލުއެންޒާ ސާވެއިލަންސްގެ ދަށުން އަރިދަފުސް ރޯގާ ޖެހިގެން ހޮސްޕިޓަލުގައި އެދުމަތިކުރެވޭ މީހުންނާއި އިންފުލުއެންޒާގެ އަލާމާތްތައް ފެންނަ މީހުންގެ ގައިން އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި އަދަދުވެސް މިހާރު މަދުވެފައިވާ ކަމަށެވެ.

އެގޮތުން ރޯގާ ބޮޑަށް ފެތުރިގެންދިޔަ ފުރަތަމަ ހަފްތާގެ ތެރޭގައި ނެގުނު 115 ސާމްޕަލްގެ ތެރެއިން 86 ސާމްޕަލް ޕޮޒިޓިވްވި ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ޓެސްޓުކުރުމަށް 32 ސާމްޕަލް ނަގައި ޕޮޒިޓިވް ވެފައިވަނީ 11 ސާމްޕަލް ކަމަށް އެ އޭޖެންސީން ބުނެއެވެ.

އެއީ އިންފުލުއެންޒާ ސާވެއިލަންސްގައި އާންމުކޮށް ހަފްތާއެއްގެ މައްޗަށް ޕޮޒިޓިވް ފެންނަ ނިސްބަތާ އެއްވަރުގެ އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެ އޭޖެންސީން ބުނީ، ބަލިޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވިނަމަވެސް، އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަކަށް ވާތީ ބަލިން ރައްކާތެރިވުމަށާއި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށް ދީފައިވާ އިރުޝާދުތަކަކީ ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް މުހިއްމު ކަންކަން ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާގައި އުމްރާގެ އަޅުކަމަށްފަހު ގިނަ އަދަދެއްގެ މީހުން އެނބުރި އައުމަށް ހަމަޖެހިފައިވާތީ ރޯގާ އިތުރުވުން އެކަށީގެންވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

އޭގެ އިތުރުން އަހަރަކު އެއްފަހަރު އިންފުލުއެންޒާ ވެކްސިން ޖެހުމަކީ އެކަމުން ރައްކާތެރިވުމަށާއި ބަލިޖެހި ނުރައްކާތެރި ހާލަތަކަށް ދިއުމުން ރައްކާތެރިވާނެ ފިޔަވަޅެއް ކަމުން ވީހާވެސް ގިނަ ބަޔަކު އަދި ހާއްސަކޮށް އިންފުލުއެންޒާ ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން، ވެކްސިން ޖެހުމަށް އެޗްޕީއޭގެ ނޫސް ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

comment ކޮމެންޓް