ބްރިޖު ކައިރީގައި ރާޅާ އަޅާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ --- ފައިލް ފޮޓޯ/ މިނިސްޓަރު މުއިއްޒު/ޓްވިޓާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ސަރަހައްދުގައި މޫދަށް އެރި އުޅޭނަމަ އޮންނަ އުސޫލުގެ ތެރެއިން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އަނެއްކާވެސް އިންޒާރު ދީފިއެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ލޮނުޒިޔާރަތްކޮޅު ރާޅާއަޅައި ސަރަހައްދުގައި މޫދަށް އެރި އުޅުން މަނާކަމެއް ކަމަށް ހައުސިން މިނިސްޓްރީން ކަނޑައެޅީ މިދިޔަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.

އެގޮތަށް ހައުސިން މިނިސްޓްރީން އެންގީ، މާލޭ އިރުމަތީ ފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާއި ދެމެދު ކަނޑުގެ ސަރަހަައްދުގައި ބޮޑެތި ބޯޓު އަދި އެހެނިހެން ބަރު އާލާތްތައް ބޭނުންކުރަމުންދާތީ، އެ ސަރަހައްދު ރައްކާތެރި ނޫން ކަމަށް ފެންނާތީއެވެ.

އެ އިންޒާރާއެކު ރާޅާއެޅުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި އޮތުމަށްފަހު، މިފަހަކަށް އައިސް ހަވީރުގެ ވަގުތުތަކުގައި ރާޅާއެޅުންތެރިން އެ ސަރަހައްދުގެ މޫދަށް އެރި އުޅެއެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށްވާ ސަރަހައްދު ވަގުތީ ސައިޓެއްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދީފައި ވާ ކަމަށެވެ.

އަދި މިހާރު ބްރިޖުގެ މަޝްރޫއުގެ ދަށުން ތައްޔާރުކޮށްފައިވާ ވަގުތީ ބްރިޖު ނެގުމުގެ މަސައްކަތް ކުރަމުންދާތީ، އެ ސަރަހައްދުގައި މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ފެންނާތީ، ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި އެ ސަރަހައްދަށް މޫދަށް އެރި އުޅުމަކީ މަނާކެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެއާ ހިލާފަށް އެ ސަރަހައްދުގެ މޫދަށް އެރި އުޅޭ ފަރާތްތަކާމެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް