ރަޝިއާއިން އޮސްކާ ބޮއިކޮޓުކުރަނީ

ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑު "އޮސްކާ" ބޮއިކޮޓުކޮށް އޭގައި ބައިވެރި ނުވާން ރަޝިއާއިން ނިންމައިފިއެވެ.

އެމެރިކާގެ ފިލްމް އެކެޑެމީއިން ކޮންމެ އަހަރަކު ބާއްވާ އޮސްކާއަކީ މުޅި ދުނިޔެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. މި އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ރަޝިއާއަކީ އޮސްކާ އެވޯޑުގެ ބައިނަލްއަގުވާމީ އެވޯޑު ކެޓެގަރީއަށް އާންމުކޮށް ކުރިމަތިލަމުން އަންނަ ގައުމެކެވެ. ނަމަވެސް ޔޫކްރެއިންއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެމެރިކާއިން ރަޝިއާ އާ ދެކޮޅަށް އޮތުމުގެ ސަބަބުން ރަޝިއާއިން އަންނަނީ އެމެރިކާ އާ އެކު އޮތް ބައެއް ގުޅުންތައް ކަނޑާލަމުންނެވެ.

އެ ވިސްނުމުގެ ދަށުން ކުރިއަށް އޮތް އޮސްކާގައި ރަަޝިއާ ބައިވެރި ނުވުމަށް ވެސް ނިންމާފައިވާ ކަމަށް ރަޝިއަން އެކެޑެމީއިން ވަނީ ބުނެފައެވެ.

ރަޝިއާއިން އާންމުކޮށް އެ އެވޯޑަށް ކުރިމަތިލަމުން އަންނަ އިރު މިހާތަނަށް ދެފަހަރެއްގެ މަތިން ވަނީ ބައިނަލްއަގުވާމީ އެންމެ މޮޅު ފިލްމުތަކުގެ ކެޓަގަރީގައި ނޯމިނޭޓްވެފައެވެ. ފުރަތަމަ ފަހަރަށް އެގައުމު ނޯމިނޭޓްވެފައިވަނީ 2017 ވަނަ އަހަރުގެ ޑްރާމާ ފިލްމު "ލަވްލެސް" އާއެކުގައެވެ. ދެވަނަ ފަހަރަށް ރަޝިއާ ނޯމިނޭޓް ވީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ބީންޕޯލް" އާއެކުގައެވެ.

comment ކޮމެންޓް