ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި ދެ އެސްއޯ ފުލުހަކަށް ވަކީލުން ހަމަޖައްސަން އަށް ދުވަސް

ހައްޔަރުކޮށްފައިވާ ކުރީގެ އެސްއޯ ފުލުހުންތަކެއް ބަންދުގެ މުއްދަތަށް މާލެ ގެނެސްފައި --- ފޮޓޯ: މީސް މީޑިޔާ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު، ދައުވާ އުފުލާފައިވާ ދެ އެސްއޯ ފުލުހަކަށް ވަކީލަކު އައްޔަނުކުރުމަށް އަށް ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތީ ކުރީގެ ދެ އެސްއޯ ފުލުހުން ކަމުގައިވާ އަލީ ރިޝްވާން އަހްމަދާއި ހަސަން ނަޝީރުގެ ޝަރީއަތެވެ. އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ރަސްމީ ވާޖިބު އަދާ ކުރުމަށް އެކަށީގެންނުވާ އަމަލެއް ކުރުމާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ.

މިއަދުގެ ޝަރީއަތުގައި އޮތީ އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުމެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ޝަރީއަތުގައި ވެސް ދައުވާ އިއްވާފައިވަނީ ޕަބްލިކް ޕްރޮސެކިޓާ އަހުމަދު ނައުޝާދެވެ.

ދައުވާގައި ވަނީ އެކެއް ފެބްރުއަރީގައި ފުލުހުންގެ އިތުރު ބަޔަކާއެކު ނިކުމެ، ރިޝްވާނާއި ނަޝީރު ޑިއުޓީގައި ހުރެ، ފުލުހުން މަގު ބަންދު ކުރުމަށް ބަހައްޓާފައިވާ ބެރިކޭޑްތަކުގައި މުޒާހަރާގެ ބައިވެރިންނާއި އެކު އަތް އަޅައި ކޮއްޕާފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ވެ ތިބެ ގާނޫނުގައި ކުރަން އަންގާފައި ނުވާ އަމަލެއް ކުރުމާއި އަމަން އަމާންކަން ނަގާލައި އެނގި ހުރެ ގާނޫނަށް ހުރަސް އަޅައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އާންމު ތަންތަނުގައި ހުރެ ބިރު އުފެދޭ ގޮތަށް އަމަލުކޮށްފައިވާތީ އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

ގާޒީ ވަނީ މި ދެ މީހުންގެ ދައުވާތަކުގެ މައްސަލައިގައި ދައުލަތުން ހެކި ފޮރުވުމުގެ އަމުރަކަށް އެދިފައި ވާތީ، އެ ދެމީހުންގެ މައްސަލަތަކަށް ވަގުތީ ދެ އަމުރެއް ނެރެދެއްވާފައެވެ.

މިއަދުގެ ޝަރީޢަތުގައި، ދެމީހުންވެސް ބުނެފައިވަނީ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވ. އެހެންކަމުން، ގާޒީ ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު ދޭއްގެ ކުރިން ވަކީލެއް ހުށަހެޅުމަށް އެ ދެމީހުންނަށް ފުރުސަތު ދީފައެވެ..

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، ދެން މި މައްސަލައިގައި އޮންނާނީ ދައުލަތުން އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުން ކަމަށެވެ.

comment ކޮމެންޓް