ބޫންބޫން ކަނޑާފައި ދާ އުޅަނދުތަކުގެ ޝިކާރައަކަށް މައުސޫމް ރައްޔިތު މީހާ!

މީގެ ކުރިން ހިނގާފައި އެކްސިޑެންޓެއް ދައްކުވައިދޭ ގޮތައް ރައްކާ ރޯޑް ޝޯގައި ކުޅެފައިވާ މަންޒަރެއް--ފޮޓޯ/ ޕޮލިސް

"މަގުތައް ކިތަންމެ ފުޅާކޮށް ފެނުނަސް. އެމަގު ކިތަންމެ ރީތިވިޔަސް. މަގުމަތީގެ ކިތަންމެ ބައިވަރު ގަވައިދުތަކެއް ހެދިފައި ހުއްޓަސް. އެހެން މީހަކަށް ބަލާލުމެއް ނެތި ބާރު ސްޕީޑްގައި ވެހިކަލްތައް ދުއްވާނަމަ މަގުތަކުގެ އަމާންކަން ގެއްލިދާނެ،" ހުޅުމާލެ ޓްރެފިކް ޕޮލިހުގެ ޑެޕިއުޓީ ހެޑް ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް އަހުމަދު ވަހީދު ރޭ"ސަން"އަށް ދިން އިންޓަވިއު ފެށީ މިހެންނެވެ.

ވަހީދު ވިދާޅުވީ ވަރަށްވެސް ތެދު ވާހަކަފުޅެކެވެ. މަގުމައްޗަކީ ތިމާއަށް ހިތަކަށް ލިބިފައިއޮތް ތަނެއް ކަމަށް ހީކުރުމަކީ އަދި ކުށްހީއެކެވެ. އެ ވިސްނުން ބަދަލު ކުރަންޖެހެއެވެ. މަގުމައްޗަކީ ތިމާއާ ތިމާގެ މުޅި މުޖްތަމައުވެސް ބޭނުން ކުރަން އޮންނަ އެންމެންގެ ތަނެކެވެ. މަގު ކިތަންމެ ފުޅާކޮށް ފެނުނަސް ސައިކަލުގެ މުއްގަނޑަށް "ފެލާލެވުނު ވަރަކަށް ފެލާކަށް" ނުޖެހެއެވެ. ދާންވީ މަންޒިލަށް 10 މިނިޓުން ނުދެވޭނެ ވަރުގެ ތަނެއް ހަމަ ގައިމުވެސް މި މާލޭ ސަރަހައްދަކު ނޯންނާނެއެވެ.

ހުޅުމާލޭގައި އެކްސިޑެންޓް ވެފައި --- ސަން ފޮޓޯ

އައްޑޫ ސިޓީއަކީ އެންމެ އާންމުކޮށް މިރާއްޖޭގައި އެކްސިޑެންޓް ހިނގާއެއް ސިޓީއެވެ. އެއަށް ފަހު ލާމު ލިންކް ރޯޑް ލިސްޓަށް ލަމާހެއްޔެވެ. އެ ދެ ތަނުގައު އެތައް ބައިވަރު އެކްސިޑެންޓެއްވަނީ ހިނގާފައެވެ. އެ ލިސްޓް ދިގުވެފައި އެތައް ފުރާނައަކާ ގުޅުވެއެވެ. އެއަށް ފަހު ދެން މާލޭ ސަރަހައްދެވެ. ހާއްސަކޮށް މާލޭގެ އެންމެ ބޮޑު އެއް އަވަށް ހުޅުމާލެއެވެ.

ހުޅުމާލެ ޓްރެފިކް ޕޮލިހުގެ ޑެޕިއުޓީ ހެޑް ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް އަހުމަދު ވަހީދު ވިދާޅުވީ ނިސްބަތުން ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްގެ އަދަދު މަދު ކަމަށާއި ނަމަވެސް ހުޅުމާލޭގެ މަގުތަކަކީ ތާރު އަޅާ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައިވާ ތަންތަން ކަމުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުން ބޮޑުވަނީ ކަމަށެވެ.

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި މިރޭ އެކްސިޑެންޓްވި ކާރާއި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތަކާއި ރޭސް ޖަހާ ފަރާތްތަކާ ގުޅުމެއް ނެތް

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތަކުގެ އެންމެ ބޮޑު ތުހުމަތެއް އަބަދުވެސް އަމާޒުވަނީ ރޭސް ޖަހާ މީހުންނަށެވެ. ނަމަވެސް ރޭސްޖަހާ މީހުން މިހާރު އެކަން ކުރަނީ އެކަމަށް ކަނޑައެޅިފައިވާ އަދި ހުއްދަ ދޭ ވަކި ދުވަސްތަކެއްގައެވެ. އާންމުން އުޅޭ މަގުތަކުގައި މިހާރު ރޭހެއް ނުޖަހައެވެ. ރޭސިން އެސޯސިއޭޝަނުން އަންނަނީ ވަރަށް ފުރިހަމައަށް އެކަން ތަންފީޒު ކުރަމުންނެވެ.

ވަހީދުވެސް ވިދާޅުވީ ރޭސް ޖެހުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި އެކަން ކުރިއަށްދަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި ރޭސް ޖަހަން ރަޖިސްޓްރީވެގެން ހުޅުމާލެދާ މީހުން އެކަން ކުރަނީ ސަލާމަތީ ވަސީލަތްތަކާއެކު ކަމަށެވެ.

މައްސަލައަކީ ބާރު ސްޕީޑް

ވަހީދު ވިދާޅުވީ ރޭސް ޖަހަން އަންނަ މީހުންނަށް ހާއްސަ ދުވަސްތަކާއި ވަކި ސަރަހައްދެއް ކަނޑައެޅިފައި އޮތް ނަމަވެސް ބައެއް ފަހަރު ހުޅުމާލެއަށް މާލެއިންދާ ބައެއް މީހުންނާއި ހުޅުމާލޭގައި އުޅޭ ބައެއް މީހުންވެސް ބާރު ސްޕީޑުގައި ސައިކަލު ދުއްވާ ކަަމަށެވެ. އަދި ގިނަ ފަހަރު އެކަން ކުރަނީ އާންމުން ހިނގާބިނގާވެ އަދި ދުއްވާ ހަދާ މަގުތަކުގައި ކަމަށާއި އެތައް ފަހަރު އެފަދަ ކަންކަން ކުރާ މީހުން ހުއްޓުވައި ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި --- ފޮޓޯ: ޓްވިޓާ

" ހުޅުމާލެއަށް ދުއްވަން އަންނަ ބައެއް ފަރާތްތަތަކާއި އެ އަވަށުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ފަރާތުން ވަރަށް ބޮޑަށް އެބަ ފާހަގަވޭ ބާރު ސްޕީޑުގައި ސައިކަލު އަދި އެހެނިހެން ވެހިކަލްވެސް ދުއްވާކަން. ކޮންމެހެން ރޭސް ޖަހާކަށް ނޫން. ހަމަ ދުއްވާއިރުވެސް ބާރީ ދުއްވާލެއް،" ވަހީދު ވިދާޅުވިއެވެ.

ލައްކައަކާ ގާތް ކުރާ އާބާދީއަކަށް 70 އެއްހާ ފުލުހުން!

ހުޅުމާލޭގެ އާބާދީ އެތައް އިންސައްތައަކުން މަތިވަމުން އަންނައިރު ބަންދު ދުވަސްތަކާއި އެހެނިހެން ބޭނުންތަކުގައިވެސް އެ އަވަށަށް އަރާ މީހުންގެ ކަންކަން ބެލުމަށް އެކަށީގެންވާ އަދަދަކަށް ފުލުހުން ތިބެން ޖެހެއެވެ. ނަމަވެސް އެކަން އަދި ވަނީ ފުރިހަމަ ކުރެވޭ ގޮތް ނުވެފައެވެ. ސައިޒުން އަދި އާބާދީގެ ގޮތުންވެސް ބޮޑު ހުޅުމާލެ ޕެޓްރޯލް ކުރަނީ އެކަމަށް އެކަށީގެންވާ އަދަދުގެ ފުލުހުން ބޭނުންކޮށްގެން ނޫންކަން ފުލުހުންވެސް ގަބޫލުކުރެއެވެ. ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެކަންކަން ހައްލު ކުރުމަށް ފުލުހުންގެ ވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.

" ވަސީލަތުގެ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންވެސް އެބަހުރި ގޮންޖެހުންތަކެއް. އެކަންކަން ހައްލު ކުރަން މިދަނީ މަސައްކަތް ކުރަމުން. ޕްލޭން ތަކަކާއިއެކު މަސައްކަތްތައް ކުރިއަށް ގެންގޮސް ހައްލެއް ހޯދަން މުއައްސަސާއިން ދަނީ މަސައްކަތް ކުރަމުން،" ވަހީދު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދުވެސް ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެ ފިޔަވޅުތައް އެޅިގެންދާނެ ކަމަށެވެ.

އިތުރު ސްޕީޑް ބްރޭކަރުތަކެއް

އައްޑޫ ސިޓީގައި ސިލްސިލާކޮށް ހިނގަމުން އައި އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލާއި އައްޑޫ ޕޮލިސް އަދި ކަމާބެހޭ މުއައްސަސާތައް ގުޅިގެން މީގެ ކުރިން ގިނަ އަދަދެއްގެ ސްޕީޑް ބްރޭކަރުތަކެއް މަގުތަކުގައި ގާއިމުކުރިއެވެ. އޭގެ އެދެވޭ އަސަރު ވަނީ ކިތަންމެހާވެސް ކޮށްފައެވެ. ފުލުހުންވެސް ގަބޫލުކުރާ ގޮތުން އިތުރު ސްޕީޑް ބްރޭކަރުތަކެއް ހުޅުމާލޭގައި ގާއިމުކުރަން ޖެހެއެވެ. އެކަމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ހުޅުމާލެ މަގު މަތި--ސަން ފައިލް ފޮޓޯ

"އިތުރު ބަންޕަރު ތަކެއް ގާއިމު ކުރަން މިދަނީ މަސައްކަތް ކުރަމުން. އެކަމުގެ ސަބަބުންވެސް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ،" ވަހީދު ވިދާޅުވިއެވެ.

މިއަދު އޭނަ، މާދަމާ އަހަރެން!

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތ. ތިމަރަފުށީ އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމް ހުޅުމާލޭ ހަބީބު ބޭންކު ސަރަހައްދުގައި ހުއްޓާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ސައިކަލަކުން ޖެހި އޭނާއަށް އޭޑީކޭގައި ފަރުވާ ދެނިކޮށް ވަނީ މަރުވެފައެވެ. ފަސް ކުދިންގެ ބައްޕަ ކުއްލިއަކަށް މަރުވީ އެ ހާދިސާގައި އޭނާގެ އެއްވެސް ކުށެއް ނެތިއެވެ. އޭނާއަކީ އާދައިގެ މީހެއް ފަދައިން އެންމެންނަށް ބޭނުންކުރަން އޮތް މަގު ބޭނުން ކުރި މީހެކެވެ.

އިބްރާހިމް ރަޝީދު އާދަމްގެ މަހާނަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަޝީދުގެ މަރަށް ނުވަ މަސްވާން ކައިރިވެފައި ވަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ ހަމަ އެފަދަ ހާދިސާއެއްގައި އުމުރުން 24 އަހަރުގެ މުހައްމަދު ސޮބާހު ހުސައިން މަރުވީއެވެ. އޭނާ ދިޔައީ މައިން ބަފައިންނާއި އާއިލާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އާކިޓެކްޗާ ކިޔަވަމުންނެވެ. ފުރާވަރުދެ ދެ ޒުވާނަކަށް ހިތަކަށް މަގު ލިބުމުން ހިއްލާލި ސްޕީޑުގެ އާހިރު ނަތީޖާއަކީ އެންމެންގެ ލޯބިވާ ސޮބާހުގެ ކުއްލި މަރެވެ.

މިފަދަ އެތައް ހާދިސާއެކެވެ. މިއަދު ސޮބާހުއެވެ. މާދަމާ އަޅުގަނޑު ނުވަތަ އެހެންމީހެއް ނޫކަން ވެސް ނޭނގެއެވެ. ބާރު ސްޕީޑުގައި ދުއްވާ ސައިކަލުތައް ނުވަތަ ވެހިކަލްތައް ހުއްޓުވޭނީ ފަރުދީ ޒިންމާއަދާކޮށްގެންނެވެ.

ފަރުދީ ޒިންމާ ކޮބާ؟

އަމިއްލަ ނަފުސާ ސުވާލު ކުރާށެވެ. ތިމާގެ ގޭގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވާ މީހަކު އުޅޭނަމަ އޭނާ ގާތު މަޑުން ސައިކަލު ދުއްވަން ބުނެވުނީ ކިތައް ފަހަރުތޯއެވެ. އެހެން ބުނި ނަމަވެސް ބާރަށް ދުއްވާ މީހާ ހުއްޓުވަން ތިމާ ކުރީ ކޮން މަސައްކަތެއްތޯއެވެ. ތިއީ ބާރަށް ސައިކަލު ދުއްވާ މީހެއް ނަމަ ސޮބާހު އަދި ރަޝީދު ފަދަ މީހަކަށް ވީ ގޮތް ތިމާގެ ސަބަބުން އެހެން މީހަކަށް ވެއްޖެނަމަ އެ ކަންތައްތަކުގެ މަތިން ހަނދާން ނައްތާލެވޭނެތޯއެވެ. މިކަހަލަ ސުވާލުތައް ބައިވަރެވެ. ޖަވާބަކީ އެންމެ ޖަވާބެކެވެ. ފަރުދީ ޒިންމާއެވެ.

ރަޝީދު މަރުވީ 18 އަހަރު ނުފުރޭ ކުއްޖަކަށް ސައިކަލު ދިނުމުންނެވެ. ސޮބާހު މަރުވީ، ލައިސަންސްވެސް ނެތި ބާރު ސްޕީޑުގެ ދުއްވި ޒުވާނެއްގެ ސަބަބުންނެވެ. މިއީ ފަރުދީ ޒިންމާގެ ތެރެއިން ހައްލު ކުރެވިދާނެ ކަންކަން ނޫންތޯއެވެ. ބޭނުން ވަނީ ނޫނެކޭ ބުނާށެވެ. ފުޅާ މަގު ފެނުނަސް ތިމާގެ ހިތާ ނަފްސް ކޮންޓްރޯލް ކުރުމެވެ. ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމެވެ. ކިތަންމެ އަވަހަށް ދާން ބޭނުންވި ނަމަވެސް އެހެން މީހުންގެ ހައްގުގައި ކެތް ކުރުމެވެ.

ފަރުދީ ޒިންމާ ފުރިހަމައަށް އަދާ ކުރެވޭނަމަ ބޫންބޫން އަޅާފައިދާ ވެހިކަލްތަށްވެސް މަދު ކުރެވޭނެއެވެ. އަދި އެ ފަދަ ވެހިކަލްތަކުގެ ޝިކާރައަކަށް މައުސޫމް ރައްޔިތު މީހާއެއްވެސް ނުވާނެއެވެ. ކޮންމެ ސައިކަލެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެއެވެ. ނަމަވެސް ސަމާލުވާންވީ ތިމާއެވެ. މުޅި މުޖްތަމައުގެ ހައްގުގައެވެ.

comment ކޮމެންޓް