ތަފާތު ލޯތްބެއް - 11

"މާ ގަދަޔަށް ގުގުރުދެމުނީމަ.." އަމިއްލައަށް އެކަން އެނގޭކަމަށް ހަދާފައި އެއްބަސްވުން މާ ރަގަޅުކަމަށް ފެނި ކެމީލާ ކުޑަ ހުނުމަކާއިއެކު ބުނެލިއެވެ. ކައިޒާންއަށް އެކަން މަޖާވިއެވެ. އޭނަ ހޭންފެށިއެވެ.

"ސީރިޔަސްކޮށް އެއީ މާފަށް އެދޭވަރުގެ ކަމެއްތަ. އެހެންނޫނަސް އަހަންނަށް މަޖާކަމަކަށްނު ވާނީ. އަހަރެންގެ ހުރޭ ވަރަށް ކްލޯޒް ފްރެންޑެއް. އޭނައާއިއެކު ބަލާ ކާޓޫނެއްގައި ކަން ނޭގޭ ކޮންމެވެސް މަޖާ ކެރެކްޓާއެއް ގަދަޔަށް ގުގުރިދަމާ. އެކުއްޖާ ހެމުންގޮސް ލޮލުން ފެން އަންނައިރުވެސް ހުއްޓައެއްނުލާނެ. ތިހެން ބުނީމަ އެހަނދާންތައް އާވެއްޖެ. ވަޓް އިފް އައި ސޭ ވަރަށް ހިތްހަމަޖެހިއްޖެއޭ ނިދިތަން ފެނުނީމަ. ގުގުރިދެމުން އެއް ފަރާތްކޮށްފައި ވަރަށް ސްވީޓްކޮށް ނިދީ........................." ކައިޒާންގެ ވާހަކަތަކުން އަދި ވަކިން ބޮޑަށް ކެމީލާ ރަކިވިއެވެ. ފްލައިޓުން ފުންމައިލެވޭނެނަމަ އެނަ އެކަންވެސް ކުރީހެވެ. ކިތަންމެ ސިއްރުކުރަން އުޅުނަސް އޭނަގެ އެންމެ ޒާތީ އެއް ސިއްރުވެސް ކައިޒާންއަށް ހާމަވީއެވެ. ނޭގުމުގެ ތެރޭގައެވެ. ލަދުން މަރުވާވަރުވިޔަސް އެކަން ނުވާކަމަކަށް ނުވާނެއެވެ. ކުރިމަތީގައި ފެންނަން ހުރި ސްކްރީނަށް ނަޒަރު ހުއްޓާލަމުން ތުންފަތުގައި ދަތް އަޅައިލެވުނެވެ.

"ހޭއި. މާ ބޮޑަށް ވޮރީ ކުރަން ނަހަދާ. ހީ ޑްރޫލްސް ވެން ހީ ސްލީޕްސް...." އެދެމީހުން ދެއްކި ވާހަކަތައް އަހަން އިން މާކަސް އެއް ލޯ މަރާލާފައި އެހެން ބުނުމުން ކެމީލާ ދެލޯ ބޮޑުކޮށްލަމުން ކައިޒާންގެ މޫނަށް ބަލައިލިއެވެ. ކައިޒާންއާއި ނުވެސް ގުޅެއެވެ.

"ބަލައްޗޭ މިހެން އުޅެލާފައި ނިދާލީމަ ދެމިޔަކަނުން ސޮނި ފައިބާފައި ބޭބީއެއްހެން. ސޮނިފޮތިކޮޅެއް ގެންނަން ހަދާން ނެތުނީ........"

ކައިޒާން މާކަސްއާއި ދިމާލަށް ކަޅި އަޅާލިޔަސް ރުޅިން ނޫންކަން ކެމިލާއަށް އެނގުނެވެ. ކައިޒާން ކުޑަކޮށް ދަސްވީއިރު ކެމިލާއަށް އެނގުނީ ކައިޒާންގެ ހިތްތިރިކަމާއި އޯގާތެރިކަމެވެ. އެސިފަތަކާއި ގަޔާވެވުނީ މާ ބޮޑަށެވެ. މަޑުމަޑުންގޮސް ކެމީލާގެ ހިތުގައި ކައިޒާންއަށްޓަކާ ބުނަން ނޭގޭފަދަ އިހުސާސްތަކެއް އުފެދިއްޖެއެވެ. އެ އިހުސާސްތައް ވަރުގަދަވެ ހިތުގައި މޫ ރަގަޅަށް ހަރުލައިފިއެވެ. އެއީ ލޯބިކަމުގައި ހިތް ގަބޫލުނުކުރިޔަސް ކެމީލާއަށް ކައިޒާންދެކެ ލޯބިވެވިއްޖެއެވެ. އެއީ ފޮނި އިހުސާސްއެކެވެ. ހިތަށް އުފާވެރިކަން ގެނެސްދޭ މަތިވެރި ގުޅުމެކެވެ.

ކައިޒާން އެދުނީ ކޮލެޖްގެ ކިޔެވުން ފެށެންދެން ހަފްތާއެއްހާ ދުވަސް ވާންދެން ޖޫލްއާއިއެކު އެގޭގައި އުޅުމެވެ. އެހިސާބަށް އައިސް އެވާހަކަ ފެށުމުން ހާސްވިއެވެ. އޭނަގެ ހިތުގައި އޮތީ ހޮސްޓެލްގައި ހުރުމެވެ. ހަފްތާބަންދު ދުވަހު ޖޫލްއާއެކު ކުޅެން އުޅެވިދާނެތާއެވެ. ނަމަވެސް ކައިޒާން އެހާ ރީތިކޮށް އެހުމުންނޫނެކޭ ބުނާނެ ހިތްވަރެއް ހަމަ ނުލިބުނީއެވެ. ކައިޒާންގެ އިހުސާސްތަކާއި ކުޅޭކަށް އޭނަގެ ޟަމީރު ތަނެއް ނުދިނެވެ. މިގޮތަށް ދުރު ގައުމަކަށް އައުމަށްފަހު ދިމާވެދާނެ ކަމަކާއިމެދު ނޭގުމެއްގެ ތެރޭ ހުރި ކެމީލާ އަށް ދުނިޔޭގެ ހުރިހާ އުފާތަކެއް ލިބިފައިވާފަދައެވެ. ނުރައްކާތެރި އަނދަވަޅަކަށް ވެއްޓެން ދިޔައިރު ކެމީލާއަށް ރޭކާ ނުލިއެވެ.

ނަމަވެސް މިއީ ހުއްދަކަމެއް ނޫން ކަން ގަބޫލުވެސް ކުރެވެއެވެ. ކައިޒާންއާއިއެކު ދަތުރުކޮށް އޭނަގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދާލިއިރު ކައިޒާންއަކީ އޭނަގެ ކާކުހެއްޔެވެ. މަހުރަމެއްވެސް ނޫނެވެ. ހިލޭ ފިރިހެނެކެވެ. އެ ހަގީގަތް އަމިއްލަ ނަފުސަށް ވިސްނާދިނަސް ކައިޒާން އޭނަގެ ސިކުނޑިއާއި ކުޅުމުގައި ކާމިޔާބުކުރީ އެ ހިނިތުންވުމުންނާއި އޯގާތެރިކަމުންނެވެ. މަޑުމައިތިރި އަޑުގައި ވި ޖާދޫގެ ސަބަބުން ހިތުގެ އެންމެ ހިމަ ނާރުތަކަށް ބާރު ފޯރުވައިފިއެވެ.

ނާޔަލް ކެމީލާ އުޅުނުހާގޮތެއް ބެލިއެވެ. ފާރަލިއެވެ. އެހާ ސިއްރުން ވިސާ ހައްދައިގެން ކައިޒާންމެންނާއި އެކު ފުރުމުން ޝޮކެއްލިބުނެވެ. އެވަރުންވެސް އޭނަ ހުރީ ކެތްކޮށްލައިގެންނެވެ. ކެމީލާ އެމެރިކާއަށް ދިޔަދޭށެވެ. އޭނަވެސް ފަހަތުންދާނެއެވެ. ދުނިޔެއިން އޭނަ ބޭނުންހާ އެއްޗެއް ލިބި އެތައް އަންހެންކުދިންނެއް އޭނަގެ މިލްކަކަށްވެފައިވާއިރުވެސް ކެމީލާ ހާސިލްކުރުމުގެ އެދުން ހުރިހާކަމަކަށް ވުރެ ބޮޑުވެއްޖެއެވެ. ކައިޒާން އަކީ ހަމައެކަނި އޭނަގެ ބަލިމީހެއް ނޫނެވެ. ލޭގެ ގޮތުން ގުޅިލާމެހިފައި ވެއެވެ. އޭނަގެ ދެފަރާތުންވެސް ދެބެންގެ ދެދަރި ޒުވާނެކެވެ. އަހުމަދު މައިކަލްއާއި އަލީ މައިކަލްއަކީ ދެބެންނަށް ވެފައި އަލީ މައިކަލް ދުނިޔެ ދޫކުރިއިރު ނާޔަލް ވަރަށް ކުޑައެވެ. ނާޔަލްގެ މަންމަ ނަތާލީ ދެން ކައިވެނިކުރި ފިރިމީހާއަށް ނާއީ އާއި ނޯޔާ ލިބުމަށްފަހު އެމީހުން ވަރަށް ގިނަ އަހަރުވާންދެން އެމެރިކާގައި ދިރިއުޅުނެވެ. އަލީ މައިކަލްގެ ގޭގައެވެ. ދާދި ފަހުން އެމީހުން މާލެ ބަދަލުވީ ނޯޔާގެ މާމަ މާ ބޮޑަށް ބަލިވެގެން ބައްޕަ ކޮންމެހެންވެސް މާމަ ގާތުގައި މަޑުކުރަން ވެގެންނެވެ. ނޯޔާވެސް ކޮލެޖަށްދާން ފެށީއެވެ. މަންމަމެންނާއިއެކު ދިރިއުޅެން ނާޔަލް ބޭނުންވާތީ އާއިއެކު އެމެރިކާގައި ދިރިއުޅޭގެ މަރާމާތު ކުރުމަށާއި އެއްކޮށް އޭނަ ރާއްޖެ އައީއެވެ. މިވީގޮތުން އޭނަ އަނބުރާ އެމެރިކާއަށް ދާނެ އުޒުރެއް ފެނިއްޖެއެވެ. ކައިޒާންގެ ޑޮކްޓަރެއްކަމަށް އޭނަ ބަލައިގެންފައިވާތީ އެހެން ބަޔަކަށް ޝައްކެއް ނުވާނެއެވެ.

ޔޫއެސްއޭގެ ފަސްގަނޑުގައި ފައި ޖައްސާލުމަށްފަހު ކެމީލާ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. ހިތަށްވެސް ނުގެނެވޭވަރުގެ އުފަލެއް ލިބިއްޖެއެވެ. އެމެރިކާއަށް އާދެވޭނެކަމަށް ދުވަހަކު ހީކުރެވިފައެއް ނުވެއެވެ. ނަމަވެސް ކުޅަދުންވަންތަކަމުން މިފަދަ ރީތިތަނެއް ހަމަ ލޮލުން ބަލާލުމުގެ ނަސީބު ލިބިއްޖެއެވެ. އަދި އެންމެ ހިތް އެދޭ ފަރާތާއެކުގައެވެ. ކައިޒާން ނެތްނަމަ ހިތަށް މިވަރުގެ އުފަލެއް ލިބޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އުފާތަކުގެ ސިއްރަކީ ހަމަ ކައިޒާންއެވެ. ކާރަށް އަރާފައިވެސް އިންނަން ޖެހުނީ ކައިޒާންއާއި ޖެހިގެން ހުރި ސީޓުގައެވެ. ޖޫލް އިނީ ކައިޒާންގެ އުނގަށް އަރައެވެ.

ޔޫއެސްއޭ ރާއްޖެއާއި އަޅާ ކިޔާއިރު ހާސްބައި ތަފާތެވެ. ނިއުޔޯކްގައި މުޅިންވެސް އުސް އިމާރާތްތަކާއި ފުޅާ މަގުތަކެވެ. މޭޕްލް އޯކް ލިންޑެން ލަންޑަން ޕްލޭން އަދި ވޯލްނަޓްފަދަ ތަފާތު ބިޔަގަސްތަކެވެ. އެއާޕޯޓް ފަސްދީ އެމީހުން އުޅޭ މަންޒިލަށް ކުރި ދަތުރުގައި ފެންނަން ފެށި އާޝޯޚުވާފަދަ ފުރިހަމަ މަންޒަރުތަކެވެ. ކޯރުތަކާއި ވާދީތަކެވެ. ބްރިޖްތަކެވެ. ޚަރީފުމޫސުމްގެ ރަތާއި ރަންކުލަތަކުން ޖަރީވެފައިވާ އާ ދުނިޔެއެކެވެ. އާޝޯޚުވާހާ ފުރިހަމައެވެ. ކްރިމްސަން ސްކާލެޓް ކެރެމެލް އަދި ރަންމުށިކުލައިގެ ފަތްތަކުން ގަސްތައް ލިބާސް ލާފައިވެއެވެ. އިރުގެ ދޯދިތައް ފަތްތަކުގައި ބީހިލައިރު ދަޅައަރައެވެ. މަގުގެ ދެފަރާތަށް ޖަމާވެފައިވާ ފަތްތަކުން ރަން ދޫލަ އެޅިފައެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ބަލައިލި ކޮންމެ ދިމާލަކުން ފެންނާން ހުއްޓެވެ.

ކެމީލާ ފޯނުނެގިއެވެ. ވީޑިއޯކުރަން ޖައްސައިލިއެވެ.

"ފުރަތަމަ ފަހަރަށް އޯޓަމް މިފެނުނީ. މިހާ ސަޅި ސީންއެއް އަދި ޕޯސްޓަރަކުންވެސް ނުދެކެން........." ކައިޒާންގެ ހިނިތުންވުން އެކުލެވިފައިވާ ނަޒަރު ފާހަގަވުމުން ކެމީލާ އަށް ބުނެވުނީ ކުޑަކޮށް ފޯރި އައިސްފައެވެ. ކެމީލާގެ ކުޑަކުއްޖެއްފަދަ ޝައުގުގެ ސަބަބުން ކައިޒާންއަށްވެސް އުފާވެރިކަން އިހުސާސްކުރެވުނެވެ. އެއުފަލާއި އެންމެ ފުރިހަމަގޮތުގައި ބައިވެރިވެވުނެވެ. މިއިން ޒަމާނެއްގައި މިހާ ހިތްހަމަޖެހިފައި އިނދެވުނު ހަދާނެއް ނެތެވެ.

"އަދި އަހަރެމެން ގެ ހިލީ ވުޑެޑް އޭރިއާއެއްގައި ހުންނަނީ. އެ ތަނުގެ ފޮޓޯތައް މާ ރީތިވާނެ އިނގޭ......... "

"ހަރުފަ އުޅޭނެތަ..." ކެމީލާ ދެލޯ ބޮޑުކޮށްލިއެވެ.

"ނޮޕް. އަހަރެމެން ކުޑައިރުވެސް އެ ވުޑްތެރެއިން ލާފައި ހިނގާލަން ނުދާ ދުވަހެއް ނުވޭ. ސުކްއިރެލްސް ދެކެ ބިރުގަންނަންޏާ މައްސަލައަކަށް ވާނީ. ޔޫ ވިލް ސީ ދޯސް ބޭބީސް އެލޮޓް..." ކައިޒާންގެ ދެލޯ ކެމީލާގެ މޫނަށް ހުއްޓުނެވެ. އެތޫނު ނަޒަރުން ކެމީލާގެ ހިތް ފޫ އަޅުވާލައިފިއެވެ. ޔަގީނުންވެސް ދުރު ބަލައެއް ނުލެވުނެވެ. އެ ލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެންދާން ބޭނުންވިއެވެ. އެކަން އިހުސާސްކުރެވުމުން ކައިޒާން އެއް ބުމަ އަރުވައިލީ މާނަވީކޮށެވެ. ކެމީލާގެ އުފާވެރިކަމާއި އެ ދެލޮލުގެ ބެބުޅުން ކައިޒާންގެ ހިތަށްވެސް އުފާވެރިކަން ގެނެސްދިނެވެ. އެ ހިނިތުންވުން ހިތާއި ހަމަޔަށް ފޯރިއެވެ.

"މްމމް. އަހަރެންގެ ކުޑައިރު ހަމަ ތިކަހަލަ ފްރެޖައިލް ގާލްއަކާއި އެކު އުޅުނީ. ވަރަށް މަޖާ. ބެރީސްތަކާ ނަޓްސްތައް ބިނދެ ގަސްގަހަށާ ހިލްއަށް އަރާ އުޅުނިން. ހަނދާނަކަށް ވަރުގަދަ ސްކާ އެއްވެސް އިންނާނެ. ޔަގީން ކެމީލާވެސް އެތަނަށް ވަރަށް ވަރު ހުންނާނެކަން............" ކައިޒާން ސީޓުގައި ކަންނެތް ގޮތަކަށް ލެނގިލައިގެން އިންއިރު ދޭތެރެއަކުން ކެމީލާއަށް ބަލައިލެވެއެވެ. ކައިޒާން އަމިއްލައަށްވެސް އެކަމާއި ހައިރާންވިއެވެ. މި ނޫނީ އަންހެންކުއްޖަކު ފެނިފާ މިގޮތަށް ހިތް ފިނިވެ ވިންދު އަވަސްވާ ހަނދާނެއް ނުވެއެވެ. މިހާ ވަރަށް ބަލަން ބޭނުންވާ އަންހެންކުއްޖަކާވެސް ދިމަލެއް ނުވެއެވެ. ބެލިބެލިހެން ރީތިކަން އިތުރުވަނީއެވެ. މޭކަޕެއްނެތި އަންހެންކުއްޖަކު އަލަށް ފެނުމުންވާ ގޮތްތައް ބާވައެވެ. ކެމީލާ މޭކަޕް ނުކުރިޔަސް ލޮލުގެ އެސްފިޔަތައްވެސް ހާދަ ކަޅުވެފައި ދިގެވެ. އަނދުން އަޅާފަވާލާފައިވާ ފަދައެވެ. އެންމެ އަޅައިގަންނަގޮތް ހުރީ އެދެލޮލުގައެވެ. ތުންފަތް މަޑުކަން ހަމަ އެކަނި ލޮލުން ބަލާލައިގެންވެސް އެނގޭހާވެއެވެ. އަތުގެ ހިމަ ހޯލި އިނގިލިތައް ނާޒުކްވެފައި އެހާ އޮމާނެވެ.

ނިއުޔޯކްއާއި ގަޑިއެއްހާއިރު ދުރަށް ދުއްވުމަށްފަހު އެހެން ދުނިޔެއަކަށް އާދެވުނުފަދައެވެ. އެ ހަލަބޮލި ސިޓީއާއި ދުރަށް ދުއްވިވަރަކަށް ގަސްތައް ގިނަވެ ބޯވަމުންގޮސް ގެތައް މަދުވެ ވަކިން އޮތް ބިމެއްގައި ދުއްވަން ފެށިއެވެ. މީހުން އުޅޭ ސަރަހައްދާއި ކުޑަތަންކޮޅެއް ދުރުގައިވާ ތަނަވަސް ގެއެއްގެ ކައިރިއަށް ކާރު މަޑުކޮށްލުމަށްފަހު ކައިޒާން ފޭބިއެވެ. އެގޭގެ ވަށައިގެން ފެންނަން އޮތީ ގަސްތަކެވެ. މާކަސް ދަބަސްތައް ގެއަށް ވައްދާން އަވަސްވެގަތެވެ. ދިގު ދަތުރަކަށްފަހު ހޫނު ތަންމައްޗެއްގައި ޖައްސާލަން އެންމެންވެސް ބޭނުންވެފައިވާފަދައެވެ.

"ވެލްކަމް ހޯމް....."

"މިއީ ގެ؟ ހާދަ ރީއްޗޭ...."ކެމީލާއަށް ބުނެވުނެވެ. ކާރުން ފޭބުމާއިއެކު ޚަރީފުގެ ފިނި ވައިރޯޅިއެއް އަތްތިލައިގާ ބީހިލުމުން ހީކަރުވައިގަތެވެ. ހީކުރިވަރަށް ވުރެ މި މާހައުލު ފިންޏެވެ. ގަނޑުފެނުގެ އަސަރު އެކުލެވޭ ފިނި ފިނި ވައިރޯޅިތައް މޫނުގައި ބީހިލާއިރު ހީކަރުވާގޮތްވިއެވެ. ދެއަތް ދެއަތާ އުގުޅައިލެވުނެވެ.

"ތެންކިއު. އަސްލުވެސް ހަމަ ރީތީ އޭ ހެހެ......" ކައިޒާން ހިނިތުންވެލަމުން ކެމީލާގެ ލޮލާއި ލޯ ގުޅުވައިލިއެވެ. ނަސީބަކުން ކައިޒާންގެ ތޫނު ދެލޮލުން ޖޫލް ސަލާމަތްކޮށްދިނެވެ. އަތުގައި ހިފާ ކުޑަކޮށް ދަމާލާފައި ގެއާއި ދިމާލަށް ދާން އުޅުނެވެ. ގެއާއި ދިމާލަށް ހިނގައިގަތްތަން ބަލަން ކައިޒާން ހުރީ ހިނިތުންވެލައިގެންނެވެ. ދުރުން އުޅެން ޚިޔާލުކުރާއިރުވެސް ކެމީލާ އެގެއަށް ގެނެވުނީ އޭނަ ކުރި ރަގަޅުކަމެއް ހެއްޔެވެ. ކައިޒާން ކާރުގެ ބޮނެޓް މަތީ ބަހައްޓައިގެން ހުރެ ދަބަހުގެ ޒިބު ހުޅުވައިލީ އޭނަގެ ބޭސްތައް ނެގުމަށެވެ. ކިރިޔާވެސް ބޮލުގައި ރިއްސާލައިފިއްޔާ އޭނަ ކަންބޮޑުވެއެވެ. ގަވައިދުން ބޭސް ކައިގެން ސިކުނޑި އަމިއްލަ ބާރުގެ ދަށުގައި ބާއްވަން އިސްކަންދެއެވެ. ޖޯން ވުޖޫދަށް އަޔަނުދޭން ކުރެވުނުހާކަމެއް ކުރާނެއެވެ. ބޭސްތައް ދިރުވާލިތަނާ ކުއްލިއަކަށް ފެނުނީ ކެމީލާ ގޭގެ ދޮރުން އެތެރެވުމާއިއެކު އަނބުރައިލިތަނެވެ. ތޫލި އަޑަކުން ހަޅޭއްލަވަމުންނެވެ. އޭނަ އެންމެ ލޯބިވާ "ފީލިކްސް" އަޑުގަދަކުރަމުން ރޭސް ޖަހައިލިތަން ފެނި ކެމީލާ ބިރުގަތީ ކީއްވެކަން އެނގުނެވެ. ކެމީލާ އައިގޮތަށް ކައިޒާންގެ ގައިގާ ހިފައިގަތުމާއިއެކު ލައްވެލެވުނީ ކާރަށެވެ. އޭނަގެ ގައިގެ ތެރެއަށް ވަދެފައި ކަހަލަގޮތަކަށް ހުރި ކެމިލާގެ ގައިގާ އަތް ވަށައިލެވި ބާރުކޮށްލެވުނީ ހުރިހާ ބިރަކުން ހިމާޔަތްކޮށްދޭން ހުރި މީހެއް ފަދައިންނެވެ. ކެމީލާ ކައިޒާންގެ މޭގައި މޫނު ޖައްސާ ބާރުކޮށްލައިގެން ހުރެ ރޮމުން ދާތަންފެނި މަޑުމަޑުން ބުރަކަށީގައި ފިރުމަން ފެށުނެވެ.

"އިޓްސް އޯކޭ. ކިތަންމެ ބިޔަ ވިޔަސް ހީ ވިލް ނޮޓް ހާޓް ޔޫ އޭ. މީޓް މައި ޕެޓް ފީލިކްސް. އިޒްންޓް ހީ އެބްސޮލިއުޓްލީ ބިއުޓިފުލް ކީއްވެ ބިރުން ތިއުޅެނީ. ރިލެކްސް...................." ކައިޒާން އޭނަގެ ފީލިކްސްއާއި ބެހޭގޮތުން ބުނެލިއިރު ފީލިކްސްއަށްޓަކާ އެހިތުގައި އޮތް ލޯބި ފާޅުވާން ހުއްޓެވެ. ޝީޕް ޑޯގެއް ކަމުން އޭތި އޮންނަނީ ހުދާއި އަޅިކުލައިގެ ބޮޑު ކެހެރިގަނޑެއްހެންނެވެ. ދިގުކެހެރީގެ ސަބަބުން ލޯ ފޮރުވިފައިއޮތަސް ފީލިކްސް ނިކަން ލޯތްބެވެ. މާކަސް އޭތި ދުރަށް ގެންދިޔައީ ހީހީ ހުރެއެވެ. އޭނަ ގަސްތުގައި އެކޮށްލި ސަމާސާގެ ސަބަބުން އެދެމީހުން ކޮންމެވެސް ވަރަކަށް ގާތްވިތަން ފެނުމުން އަދިވެސް ފުރުސަތު ދޭންވެގެން ޖޫލް ގޮވައިގެން އެތެރެއަށް ވަނެވެ. މާކަސް ދެކޭގޮތުން ކައިޒާންގެ ދިރިއުޅުމުގައި ރީތި ކުލައެއް ޖެއްސޭނީ ކެމީލާފަދަ ބައިވެރިޔަކު ހުރެގެންނެވެ. އެފަދަ ދުވަހެއްދެކެން އޭނަ ބޭނުމެވެ.

ކެމީލާ ރޮއިރޮއިފާ ލަދުގަންނަގޮތްވިއެވެ. ކުރެވުނު ކަންތައް ރޭކާލާ އަވަހަށް ދުރަށް ޖެހި ދެލޯ ފޮހެލާފައި ބަލައިލިއިރު އެ ބިރުވެރިކަން ފެންނާކަށް ނެތެވެ. ގެއަށް ވަންނާން ދަނިކޮށް އަދި އެ ބޮޑު ބީސްޓް އޭނަގެ ގަޔާއި ދިމާލަށް އައިގޮތުން ގަޔަށް އަރައިގަންނަނީހެން ހީވިއެވެ. އެވަގުތު އާދަޔާ ޚިލާފު ބާރެއް ލިބުނުހެން ހީވިއެވެ. ދުވުމުގެ ރޭހެއްގައި މީހަކު ދުވާނެހާ ބާރަށްގޮސް ކައިޒާންގެ ގައިގާ ހިފައިގަނެވުނުއިރު އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. ކެމީލާ ފުންކޮށް ނޭވާތަކެއް ލުމަށްފަހު އެނބުރި ބަލައިލިއިރު ޖޫލް ފެންޑާގެ ފަތްތަރު މަތިން ފައިބަނީއެވެ.

"އެއީ ކޯންޗެއްތަ؟ ކޮންކަހަލަ އެނިމަލްއެއްތަ؟ " ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުމުން ކެމީލާ ސުވާލުކޮށްލިއެވެ.

"ޝީޕްޑޯގެއް. ކެމީލާއަށް މުޅީން އާ ކަންތައްތަކާއި މި ދިމާވަނީ. ދުވަސްކޮޅަކުން ފަރިތަވާނެ.." ކައިޒާންގެ ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބުގެ އެންމެ ފުނަށް ޖަހާލަމުން އަދިވެސް ހަށިގަނޑު ސީދާކޮށްލިއެވެ. އެހެން ހެދުމުން މޭމަތީގެ ފުޅާކަން ހާމަވިއެވެ. ގަޔަށް ފިޓްކޮށް އޮތް އަޅިކުލައިގެ ޓީޝާޓާއި ސްކިނީއިން މޮޑެލްއެއްފަދައެވެ. ކެމީލާ ބިރުން ހުރެފައިވެސް ކައިޒާންގެ އެފަދަ ކޮންމެ އަދާއެއް ފާހަގަކުރެވުނެވެ.

"ޔޫ ހޭވް އެ ޕެޓް ޑޯގް؟ " ކެމީލާ ހުރީ ގަބޫލުނުކުރެވިފައެވެ.

"ޔަޕް......."

"ބިރުނުގަންނައްޗޭ. ފީލިކްސް ވަރަށް ޖެންޓްލްވާނެ. މިގެއަށް އައިސް އުޅެންފެށީމަ ޔަގީން ޔޫ ވިލް ފޯލް އިން ލަވް......." ކައިޒާން ފީލިކްސްއަށް ނިސްބަތްކޮށްފައި އެބުނި ޖުމްލައާއިއެކު އަދި އޭގެއިން ދެމާނައެއް ނެގިދާނެކަން އެނގި އަދި އެއްލޯ މަރާލައިފިއެވެ. އެހެން ވާނެނަމައެވެ. ކެމީލާ އޭނަދެކެ ލޯބިވާނެނަމައެވެ. ނަމަވެސް ހިތާމައަކީ އޭނައަކީ ލޯބިވާން ގާބިލް ޒުވާނެއްކަމަށް ނުދެކޭތީއެވެ. އޭނަގެ ނަފްސާނީ ބައްޔަށް ޝިފާއެއް ނުލިބެނީސް އަންހެންކުއްޖަކާއިއެކު ދިރިއުޅުމެއް ފެށިދާނެހެއްޔެވެ.

ކެމީލާ ހުރީ ހުއްޓުން އަރާފައެވެ. ކައިޒާންއަކީ މުސްލިމެއްތޯ އެވަގުތު ހިތާހިތުން ސުވާލުކުރެވުނެވެ. މުސްލިމުން އެގޮތަށް އޮޅުކޮށްގެން ގެންގުޅެންވާވަރުގެ އެއްޗެއްކަމަށް އޭނަ ނުދަނެއެވެ. އޭނައަށް އެނގިފައިވާގޮތުން އޭގައި އަތްލިޔަސް ހަތްފަހަރު އަތް ދޮންނަންވާނެއެވެ. މިފަދަ ގެއަކަށް ރަހުމަތުގެ މަލާއިކަތުންވެސް ނުވަންނާނެއެވެ. ކޮންމެވެސް ވަރަކަށް ކެމީލާގެ އުފާވެރިކަން ފަނޑުވެ މޫނުގެ ކުލަ އޮއްސުނެވެ.

ކައިޒާންއާއި ދިމާވެ ހިތުގައި އެހެން އިހުސާސެއް އުފެދި ގާތްގުޅުމެއް ހެން ހީވިއިރު ދެމީހުންގެ ތަފާތުކަން މިއޮތީ ފެންނާން ފަށާފައެވެ. ކައިޒާން އެމެރިކާ މީހަކަށްވީމަ އެއްވެސް ވަރަކަށް ދީނާއިބެހޭގޮތުން ނޭގެނީހެއްޔެވެ. މިޒަމާނުގައި ދީން ގަބޫލުނުކުރާމީހުންވެސް އުޅެއެވެ. މިފެންނަނީ ކައިޒާންގެ އަނދިރިފަރާތެއް ހެއްޔެވެ. އޭނަ ކައިޒާންއާއި ވީހާވެސް ދުރަށް ދާންވީބާވައެވެ. ނޫނީ އޭނަގެ ސަބަބުން މަގު އޮޅިފައިވާ ޒުވާނަކަށް ހިދާޔަތް ލިބިދާނެހެއްޔެވެ. ހުޅަނގުގެ އަވައިގާ ޖެހި ޒުވާނުން މަގުން ކައްސާލާއިރު ބޭރު ގައުމުތަކުގައި އުޅޭ މައިންބަފައިން ދަރިން ބޮޑުކުރަނީ އެއްވެސް ވަރަކަށް ދީނަށް ހޭލުންތެރިނުކުރުވައެވެ. ކައިޒާން ނަމާދުކުރޭހެއްޔެވެ. ރޯދަހިފާހެއްޔެވެ. އޭނަ އަށް ގުރުއާން ކިޔަވަން އެނގޭބާވައެވެ. ދަތުރުމަތީގައި ނަމާދުކުރިތަނެއް ކެމީލާ ނުދެކެއެވެ. އޭނަ އެދުވަސްކޮޅު ނަމާދުނުކުރާ ދުވަސްވަރަށް ވުމުން ނަމާދުކުރިޔަސް ފިރިހެނުންނަށް އޮންނާނީ ކޮން އުޒުރެއްހެއްޔެވެ. ހަރާމް ހަލާލު ވަކިކުރަން އެނގޭނަމަ އޮޅުކޮށްގެން ކުއްތާއެއް ނުގެންގުޅޭނެކަން ނޭގެއެވެ. ކައިޒާންއަށް އޭނަ ވިސްނާދޭނެއެވެ. ދުނިޔެއަކީ ވަގުތީ މަކާނެއްކަމާއި ދާއިމީ ގޮވަތްޗަކަށް ދާން ކޮންމެ ވަގުތަކުވެސް ޖެހިދާނެކަން ހަނދާންކޮށްދޭނެއެވެ. ނަމަވެސް އެކަމަށް ވަގުތު ބޭނުންވާނެއެވެ. ހަމަ ކުއްލިއަކަށް ކައިޒާންއާއި އެވާހަކަދައްކަން ފަށައިފިއްޔާ އެދެމީހުން ދޭތެރޭ އޮތް ގުޅުން ކިލަބުވެދާނެއެވެ.

ކެމީލާ ދެލޯ ބޮޑުކޮށްގެން ފާޑަކަށް ހުރުމުން ކައިޒާންއަށް ނެގުނީ އެހެން މާނައެކެވެ. ބިރުން "އެލާޓް"ގައި ހުރީ ކަމަށެވެ.

"ފިނިވެފަ ތިހިރީ. ހިނގާ އެއްޗެއް ކާލައިގެން ރެސްޓްކޮށްލަން.. ރޫމް ދައްކާނަން.........." ކައިޒާން ކެމީލާގެ ކޮނޑުގައި އަތް ޖައްސަން އުޅެފައިވެސް އަތްތިރިކޮށްލައިފިއެވެ. ކައިޒާންގެ ފަހަތުން ކެމީލާ އެތެރެއަށްވަނެވެ. ވަށައިގެން އެތައް ފްރެންޗް ދޮރުތަކެއް ހުރިއިރު ސިޓިންރޫމް ތަނަވަސްކަމުން ހޯލެއްހާވަރުވެއެވެ. ބޮޑެތި ސޯފާސެޓްތަކާއި ކައުޗްތަކެވެ. އެހާ މަޑުމަޑު ރަގްތަކެވެ. ފެންނަން ހުރި ޑިޒައިނާ ސިޑި ރަނުން ބޯޑަރުއަޅާފައިވާ އިރު ނިކަން ހިތްގައިމެވެ. ބޮޑެތި ޗާންދަލިޔާތަކާއި ކުރެހުންތަކެވެ. ތިރީބައިގެ ކޮޓަރިއެއް ހުޅުވާލާފައި ކައިޒާން އެދުނީ ކުޑަކޮށް ތާޒާވެލައިގެން ކޮފީއެއް ބޯލަން އައުމަށެވެ. އޭނަ އިންތިޒާރުކުރާނެކަމުގައެވެ. އޭރު މާކަސް ޗޮކްލެޓްތަށްޓެއް ގެނެސް ކެމީލާގެ އަތަށް ދިއްކޮށްލުމުން ކެމީލާ އެތަށި ހިފައިގެން ކޮޓަރިއަށް ވަންނާން ދިޔައެވެ.

"އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ގޮވާލައްޗޭ އިނގޭ......" ކައިޒާން ރީތި ހިނިތުންވުން ދީފަ ހިނގައިގަތުމުން އެނދުގައި އިށީދެވިއްޖެއެވެ. ކިންގްސައިޒް އެނދުގައި އިށީދެއިންއިރު ކުޑަދޮރުތަކުން ބޭރުގެ މަންޒަރުތައް ހާމައަށް އޮތުމުން ނަޒަރު ވަކިކޮށްލެވޭވަރެއް ނޫނެވެ. އެދިމާލަށް ހުރި ގަސްތަކުން ޝަހީދުވަމުންދާ ކުލަކުލައިގެ ފަތްތައް ވަޔާއިއެކުގޮސް ބިންމަތީގައި ކޭއްތިލާ މަންޒަރު ބަލާ ބަލާ ފޫއްސެއްނުވާނެއެވެ. ހުވަފެނެއްގައި އުޅެވޭހާ ފުރިހަމަ މާހައުލެކެވެ. ހުވަފެނީ ދުނިޔެއެކެވެ. ހިތަށްވެސް ނާރާ ހުއްޓާ ޒުވާން މިލިއަނަރެއްގެ ގޭގެ ހިމާޔަތް ލިބިއްޖެއެވެ.

މާމަ މަތިން ހަނދާންވާންފެށިއެވެ. ކަރުނައިގެ ސައިލާބެއް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.

"މާމަ ގެނެވޭނެނަމަ. މާމަވެސް މިފަދަ ރީތިތަނެއް ދެކެން ބޭނުންވާނެތަ. ޔަގީނުންވެސް މިތަން ރީތި އެކަމަކު މިއީ އަހަންނާއި އެކަށީގެންވާ މާހައުލެއްނޫން. ނުވެސް ގުޅޭ. ކައިޒާންމެން ކިތަންމެ ރީއްޗަސް އެމީހުންގެ އުޅުން ހާދަ ތަފާތޭ. މާމަފަދަ ރަގަޅު މާމަމެން ކައިޒާންއަށް ނުލިބުނީ އޭނަގެ ބަދުނަސީބުކަމުންތަ؟ ދުނިޔޭގެ ވަގުތީ އުފާތަކަށްޓަކާ އާޚިރަތް ހަނދާން ނައްތާލަންވާނެތަ؟ މާމަގެ އަގުހުރި ނަސޭހަތްތައް މިހާރު މާ ބޮޑަށް ހަދާންވާންފަށައިފި. ޔަގީނުންވެސް ލޯބިވާ ފަރާތެއް އަނދިރިކަމުގެ ތެރެއަށް ގެއްލޭކަށް ބޭނުމެއްނުވާނެ. ކައިޒާން ރަގަޅުކުރަން ހަދާނީ ކިހިނެއްތަ. އަޅާ ކޮންމެ ފިޔަވަޅެއް މަރާއި ކައިރިއަށް އެޅޭކަން ކައިޒާންއަށްވެސް އެގެންވާނެ. މަރުވުމުން މި މުއްސަދިކަމުން ކުރާނެ ފައިދާއެއްނެތް. މާތްﷲ އަށްޓަކާ އަޅުކަން ކުރަން އިންސާނާ ދުނިޔެއަށް ފޮނުއްވީ. ކައިޒާން އެހާ ގޯސްވެގެން އުޅެނީ މާކްފަދަ ކްރިސްޓިއަންއެއް ބޮޑީގާޑަކަށް ގެންގުޅޭތީ ކަން ނޭގޭ. އޭނަގެ ކަރުގައި އެއޮންނަނީ ކްރޮސްއެއް. ކައިޒާންމެންފަދަ މުއްސަދިން ދީނަށް އުޅޭނެނަމަ ދެ ދުނިޔޭގެ ނަސީބު ލިބޭނެ. ނަމަވެސް ޒުވާނުން މަގުފުރެދިފައިވަނީ ހާދަ ބޮޑަށޭ...." ކެމީލާ ތެދުވެގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ޗޮކްލެޓް ތަށީގައި ދެއަތްތިލައިގެ އިނގިލިތައް ވަށާލާފައިވީއިރު ކުޑަކުއްޖެއްފަދައިން ލޯ ބޮޑުކޮށްގެން ހުރެ ބަލަމުން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށެވެ.

(ނުނިމޭ...)

comment ކޮމެންޓް