ރޭގެ އެކްސިޑެންޓްގައި ޒަހަމްވި އެކަކު އަދިވެސް އައިސީޔޫގައި

ހުޅުމާލެ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ އަމީން އެވެނިއު ކައިރިން ރޭ ހިނގި އެ އެކްސިޑެންޓުގައި މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ރޭ އޭނާ ވަނީ މަރުވެފައެވެ. އެއީ ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ 24 އަހަރުގެ ޒުވާނެކެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިރޭ "ސަން" އަށް ވިދާޅުވީ އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާއަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އަށާރަ އަހަރުގެ އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް ރޭ އޭނާ ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެކްސިޑެންޓުވި ސައިކަލްގެ ފަހަތުގައި އިން މީހާވެސް ޒަޚަމްވިއެވެ. ނަމަވެސް މާބޮޑު ޒަޚަމްތަކެއް ލިބިފައިނުވާތީ ފަރުވާދިނުމަށްފަހު ހުޅުމާލޭ ހޮސްޕިޓަލުން މިރޭ ވަނީ އޭނާ ދޫކޮށްލާފައެވެ. އެއީ ވެސް 18 އަހަރުގެ ޒުވާނެކެވެ.

comment ކޮމެންޓް