ހަތަރު އިވެންޓަކުން މެޑަލް ހޯދައި، މޮރިޝަސް ސީރީޒްއިން ރާއްޖެއަށް ބޮޑު ކާމިޔާބެއް!

ރާއްޖޭގެ ކުޅުންތެރިން ކޯޗު އަދި އެސޯސިއޭޝަންގެ ރައީސާއެކު --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ދެ ލޯ މެޑަލް އަދި ދެ ސިލްވާ މެޑަލްއާއެކު ޖުމްލަ ހަތަރު މެޑަލް ހޯދައި، ރާއްޖޭގެ ބެޑްމިންޓަން ޓީމުން ކާމިޔާބުކަމާއެކު މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް ނިންމާލައިފިއެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް ސީރީސްއަކީ ބީ ޑަބްލިއު އެފްގައި ހިމެނޭ ސީރީސްއެކެވެ. އެ މުބާރާތަށް ރާއްޖެ ވަނީ މިދިޔަ ހަތަރު އަހަރުވެސް ގޮސްފައެވެ. ރާއްޖެއަށް ބީ ޑަބްލިއު އެފް މުބާރާތަކުން ފުރަތަމަ ފަހަރު މެޑަލްއެއް ލިބުނީ މިދިޔަ އަހަރު މޮރިޝަސް ސީރީޒްގައެވެ.

މިދިޔަ އަހަރު މޮރިޝަސް ސީރީޒް އިން ރާއްޖެއަށް ދެ ކެޓަގަރީއަކުން ތިން މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސްގެ ދެ ޕެއާ އަދި މިކްސް ޑަބަލްސް ޓީމަށެވެ. މިދިޔަ އަހަރު އަންހެން ޑަބަލްސް ކެޓަގަރީން ރާއްޖޭގެ ދެ ޕެއާއަކުން ލޯ މެޑަލް ހޯދި އިރު، އޭގެ ތެރެއިން އެއް ޕެއާއަކީ މިއަހަރު ރިހި މެޑަލް ހޯދި އަމިނަތު ނަބީހާއާއި ފާތިމަތު ނަބާހާގެ ޕެއާއެވެ.

މުބާރާތުގައި ވާދަކޮށް، ރާއްޖެއަށް މެޑަލް ހޯދައިދިން އަންހެން ކުޅުންތެރިން --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ރާއްޖެއިން މިއަހަރުގެ މުބާރާތުގެ ދެ އިވެންޓަކުން ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އަންހެން ޑަބަލްސް ފައިނަލްގައި ކުޅެ ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާއާއި ފާތިމަތު ނަބާހާގެ ޕެއާއިން ރިހި މެޑަލް ހޯދައިފިއެވެ.

ނާބީހާއާއި ނަބާހާ ފައިނަލްގައި ވާދަކުރީ އިންޑިއާގެ ސިމްރާން ސިންހާއި ރިތިކާ ތަކާގެ ޕެއާއާއެވެ. މެޗުގެ ސެޓުތައް އިންޑިއާގެ ޕެއާއިން ގެންދިޔައީ 17-21 އަދި 14-21 އިންނެވެ.

މިއަދު ކުޅުނު މިކްސް ޑަބަލްސް ފައިނަލްގައި ވާދަކުރީ ރާއްޖޭގެ މުހައްމަދު ސާރިމް އަދި އައިމިނަތު ޝަހުރުނާޒްގެ ޕެއާއެވެ. މިކްސް ޑަބަލްސް ފައިނަލްގައި އެ ޕެއާ ވާދަކުރީ މުބާރާތުގެ އެއްވަނައަށް ސީޑު ކޮށްފައިވާ މޮރިޝަސްގެ ޖޯޖު ހުލިއެން ޕައުލްއާއި އައުރެލީ މަރީ އެލީސާގެ ޕެއާއާއެވެ. އެ މެޗު މޮރިޝަސްގެ ޕެއާއިން ކާމިޔާބުކުރީ 21-6 އަދި 21-12 އިން ސެޓުތައް ގެންގޮސްގެންނެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައި ވަނީ މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާއެވެ. އަދި މިކްސް ޑަބަލްސް ސެމީ ފައިނަލަށް ދަތުރުކޮށް، މިކްސް ޑަބަލްސް އިވެންޓުން ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދީފައި ވަނީ ތޯއިފް އަދި ނަބީހާގެ ޕެއާއަށެވެ.

ރާއްޖޭގެ ކުޅުންތެރިން މެޑަލްއާއެކު --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

އަންނަ އަހަރު މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓުން ރަން މެޑަލް ހޯދުމަށް ޓާގެޓްކޮށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އަންނަ އަހަރު މުބާރާތް ބާއްވާ ގައުމުގައި ރާއްޖެއިން މި ހޯދި ކާމިޔާބާއެކު ބެޑްމިންޓަނުން ރަން މެޑައްޔެއް ގެނައުމަށް އުންމީދު ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް