ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެ ބޮޑަށް ވަރުގަދަ ކުރާނަން: ހޯމް މިނިސްޓަރު

ނޮވެމްބަރ 11، 2017: ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މި ފަހަކަށްއައިސް ސިލްސިލާކޮށް ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ އެފަދަ ކަންކަމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަންކަން ކަމަށާއި މިހާރަށްވުރެ ވަރުގަދައަށް ހުޅުމާލޭ މަގުތަކުގެ ސަލާމަތީކަންކަން ރޭވުމަށް ފުލުހުންނާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަޒްލީން ވިދާޅުވީ މި ހަފްތާތެރޭގައި ހުޅުމާލޭގެ މަގުތަކުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެކަމާ ގުޅޭ ހަރުދަނާ ޕްލޭން ތަކެއް ފުލުހުން ގެންގުޅޭ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ހުޅުމާލެ އަމާން ތަނަކަށް ހަދަން ކަމާބެހޭ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ހުރިހާ އެންމެންނަށް އަމާން ތަނަކަށް ހެދުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އަޒްލީން މިހެން ވިދާޅުވިއިރު ފުލުހުން މިހާރުވެސް ދަނީ 24 ގަޑިއިރު ހުޅުމާލޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އެގޮތުން ބައެއް މަގުތަކުގައި ބެރިކޭޑް ޖެހުމާއި އަދި ކޮންމެ ދުވަހަކުވެސް ބައެއް ސަރަހައްދު ތަކުގައި ވެހިކަލް ފާސްކުރާ ޕޮއިންޓްތައް ޖަހައިގެންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ހިނގާފައި ދިޔަ ޒުވާނަކު މަރުވިއިރު ނިމިގެންދިޔަ މަހާއި މިދިޔަ ހަފްތާތެރޭގައިވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައެވެ.

comment ކޮމެންޓް