ސޮބާހަށް ފަރުވާދިނުމުގައި ލަހެއް ނުކުރަން، ދީފައި ވަނީ އެންމެ ރަނގަޅު ފަރުވާ: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި މަރުވި އުމުރުން 24 އަހަރުގެ މުހައްމަދު ސޮބާހު ހުސައިނަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުން ލަސްކޮށްފައިނުވާނެ ކަމަށާއި އެ ހޮސްޕިޓަލުން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދީފައިވާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޮބާހު ހުޅުމާލެ ހޮސްޕިޓަލަށް ގެނައި ހިސާބުން ފެށިގެންވެސް އެއްވެސް ލަސްކުރުމަކާ ނުލާ ފަރުވާ ދޭން ފަށައިފައި ވާކަމަށެވެ. އަދި މެމޯ ނެހެދިގެން ފަރުވާ ލަސްކުރި ވާހަކައަކީ ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސޮބާހުގެ ހާލު ދެރަކަމުން އައިޖީއެމްއެޗް އަދި އޭޑިކޭއާ ގުޅައި ވާހަކަ ދައްކައިގެން އޭޑިކޭގައި ހުރި ނިއުރޯ ސާޖަން އަށް ސޮބާހު ދެއްކޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެވަގުތު އޭނާ މާލެ ގެންދިޔުމަށް ސީ އެމްބިއުލާންސެއް ހުޅުމާލެ ފަޅުތެރޭގައި ތައްޔާރަށް އޮތް ކަމަށް އާސަންދަ އިން ބުންޏެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އާއިލާއިން ބޭނުންވީ ސޮބާހު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރުމަށް ކަމަށާއި އެކަން ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަމަށް 15-20 މިނިޓް ހޭދަވި ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި ކަންކަމުގެ ހަގީގަތް ނުބަލައި މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަން،" އާސަންދައިގެ ކުރު ބަޔާނުގައި ބުނެފައިވެއެވެ.

ސޮބާހު ހޮސްޕިޓަލަށް ގެންދިޔައިރު އެނާގެ ހާލު ދަށްކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ. އަދި އެ ވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި ހުރި މީހަކު ވަނީ ސޮބާހަށް ފަރުވާ ދިނުން ލަސްކޮށްފައިވާ ކަމަށް މީސް މީޑިއާގައި ތުހުމަތުކޮށްފައެވެ.

ސޮބާހަކީ ގައުމީ ޔުނިވާސިޓީގައި އާކިޓެކްޗާރ ކިޔަވަމުންދާ ޒުވާނެކެވެ.

comment ކޮމެންޓް