ބްރިޖާ ގުޅޭ މަގުތައް ހަދަން ގައިދީން ބޭނުންކުރަން ފަށައިފި

މަގު ހެދުމުގެ މަސައްކަތުގައި ގައިދީން ހަރަކާތްތެރިވަނީ--ފޮޓޯ/ އަފްރާހް

މާލެއާއި ހުޅުލެއާ ދެމެދު އަޅާ މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތުގެ ތެރެއިން، ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގައި ގައިދީން ބައިވެރިކުރަން ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު ސީނިއާ ޕްރިޒަން އޮފިސާ އަހްމަދު ލުގްމާން މިއަދު "ސަން"އަށް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން މަގުތައް ހެދުމުގެ މަސައްކަތުގައި ބައިވެރިވީ މިއަދު ކަމަށާއި ގިނަ އަދަދެއްގެ ގައިދީން އެެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށެވެ.

ލުގްމާން ވިދާޅުވީ ގައިދީންގެ ތެރޭގައި ހިމެނެނީ މުޖްތަމައު އަށް ނުރައްކަލެއް ނެތް އަހުލާގު ރަނގަޅު ގައިދީން ކަމަށާއި އެ މަސައްކަތް ގާތުން ކަރެކްޝަންސްގެ އޮފިސަރުން ބަލަމުންދާނެ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތުގައި ގައދީން ހަރަކާތްތެރިވަނީ----ފޮޓޯ/ އަފްރާހް

ގައިދީން މިއަދު މަސައްކަތަށް ނުކުމެފައިވާ އިރު އޮރެންޖް ކުލައިގެ ޖަލު ޔުނީފޯމްގައި އެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ގުރޫޕްތަކަށް ބަހާލާއިގެން އެ މަސައްކަތް ކުރަމުންދާ އިރު ކައިރީގައި އަބަދު ވެސް ކަރެކްޝަންގެ އޮފިސަރުން ހަރަކާތްތެރިވެ އެވެ.

ލުގްމާން ވިދާޅުވީ އެ މަސައްކަތުގައި ހަރަކާތްތެރިވާ ގައިދީންނަށް ބޮޑު މުސާރައެއް ލިބިގެންދާނެ ކަމަށެވެ.

ބްރިޖާ ގުޅޭ މަގުތައް ހަދަމުންދަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްއިންނެވެ.

comment ކޮމެންޓް