ދިވެހިންގެ އެކްޓިންގް ފެންވަރު ދައްކައިދިން "މިއުޒިކަލީ"

މީހަކު "މިއުޒިލަކީ" އެޕް ބޭނުންކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއުޒިކަލީ އެޕް އަޅާ ބަލައިލާށެވެ. ފެންނާނީ ހުސް މޮޅެތި އެކްޓަރުންނެވެ. ޔޫސުފް ޝަފީއު(ޔޫއްޕެ) އަދި މަރިޔަމް ނިޝާމެން ފަދަ ހުނަރުވެރި އެކްޓަރުންނަށް ދޫކުރާނެ ހަމައެކަކުވެސް ނެތެވެ. މުޅިންވެސް މޮޅެތި އެކްޓަރުންނެވެ. އެކަކަށް ވުރެ އަނެކަކު މޮޅެވެ.

މިއުޒިކަލީއަކީ 2014 ވަނަ އަހަރު ޗައިނާ ބަޔަކު އުފެއްދި އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަންގެ ބޭނުމަކީ ލައިވް ވީޑިއޯ އަދި ކުރު ވީޑިއޯ އުފެއްދުމެވެ. ފަނަރަ ސިކުންތާއި އެއް މިނިޓްގެ ވީޑިއޯ އުފެއްދޭ އެ އެޕްލިކޭޝަނަކީ ބޭނުން އޯޑިއޯއެއް ލެވޭ ގޮތައް ފަރުމާ ކުރެވިފައިވާ އެޕެކެވެ. މީގެ ދުވަސްތަކެއް ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި ޑަބްސްމެޝްއާ ދާދި އެއްގޮތް އެހެން ނަމަވެސް ގިނަ ފީޗާތަކެއް އެކުލެވޭ އެޕެކެވެ.

މިއުޒިކަލީގައި ދިވެހި ޒުވާން ކުއްޖަކު ޕޯސްޓްކޮށްފައި ހުރި ވީޑިއޯއެއް--

މީސްމީޑިއާގެ އެކި ވަސީލަތްތަކަށް ހުންނަ ފޯރީގެ ތެރެއިން މި އެޕްވެސް ދިވެހިންގެ ތެރޭގައި މަގުބޫލުވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ޒުވާނުންގެ ތެރޭގައި މިހާރު މިއީ އެންމެ މަގުބޫލު އެއް އެޕްލިކޭޝަނެވެ.

ދުވާލެއްގެ މައްޗަށް ފަސް ހަ ވިޑީއޯ މިއުޒިކަލީ މެދުވެރިކޮށް އާންމުކުރާ ދިވެހިންވެސް މަދެއް ނޫނެވެ. ބައެއް މީހުން ހިންދީ ލަވަތަކަށް އެކްޓްކޮށް ވީޑިއޯލާފައި ހުންނައިރު އަނެއް ބަޔަކު މޮޅެތި ޑައިލޮގްތަކަށް އެކްޓްކޮށްފައެވެ.

ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ހުރި ތަފާތު ލަވަތަކާއި ޑައިލޮގްތަކަށް ޒުވާނުން އެކްޓްކޮށްލާފައި ހުންނައިރު ބައެއް ވީޑިއޯތަކުގައި ފިލްމީ ތަރިންނަށްވުރެވެސް މޮޅަށް އެކަން ކޮށްފައި އެބަހުއްޓެވެ. އެއް އިރެއްގައި މަޝްހޫރުވި ފަތިސް ހަނދުވަރުގެ "ޒޫނާ ޑައިލޮގުން" ފެށިގެން ކޮންމެ ރަމަޟާން މަހަކު ޓީވީއެމްއިން ގެނެސްދޭ މުހައްމަދު ރަސޫލުﷲ ގައި އުޅޭ ހާމާނު ކެރެކްޓާގެ އަޑަށްވެސް އެކްޓްކޮށްފައި ހުރި ހަމަ އެހާ މޮޅަށެވެ.

މިއުޒިކަލީގައި ދިވެހި ޒުވާން ކުއްޖަކު ޕޯސްޓްކޮށްފައި ހުރި ވީޑިއޯއެއް--

ހާޖަރާ އަބްދުލްކަރީމްގެ މަޝްހޫރު " އޭ ބަލަ ލަތީފާ" ޑައިލޮގައަށްވެސް ދިވެހި ޒުވާން އަންހެން ކުދިން އެކްޓްކޮށްލާފައި ހުރީ ނިކަން މޮޅަށެވެ. ސިއްތިފުޅުގެ " ހަނާ" ޑައިލޮގާއި އޭނާގެ މަޖާ އެހެން ޑައިލޮގްތައްވެސް ދިވެހިން މިއުޒިކަލީ މެދުވެރިކޮށް ގެނެސްދީފައި ހުރީ ނިކަން މަޖާކޮށްނެވެ.

ކުޗްކުޗް ހޯތާހޭ ގެ ޑައިލޮގްތަކާއި އެ ފިލްމްގެ ހިތްގައިމު ލަވަތަކުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ލަވަތަކަށްވެސް ދިވެހި ޒުވާނުން އެކްޓްކޮށްފައި ހުރީ ޝާހުރުކް ހާނާއި ކާޖޮލް އަށްވުރެވެސް މޮޅަށެވެ.

މިއުޒިކަލީގައި ދިވެހި ޒުވާން ކުއްޖަކު ޕޯސްޓްކޮށްފައި ހުރި ވީޑިއޯއެއް--

މިިއުޒިކަލީ ބޭނުން ކުރާ ދިވެހި ޒުވާނަކު ބުނީ އެއީ ވަރަށް ތަފާތު އެޕެއް ކަމަށާއި ރައްޓެހިންނާއި އެކު މަޖާކޮށްލުމަށް އެވަރެއް ނެތް ކަމަށެވެ. ޒުވާން އަންހެން ކުއްޖަކު ބުނީ އެ އެޕް ބަލާލުމުން ދިވެހިންގެ އެކްޓިން ނިކަން މޮޅަށް ފެނިގެންދާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއުޒިކަލީ ބޭނުން ކުރަމުންދާ މީހުންގެ އަދަދު 90 މިލިއަނަށް ވުރެ ގިނައެވެ. އަދި އެ އެޕަށް ކޮންމެ ދުވަހަކު 12 މިލިއަން ވީޑިއޯ އަޅާ ކަމަށްވެއެވެ.

މިއުޒިކަލީގައި ދިވެހި ޒުވާން ކުއްޖަކު ޕޯސްޓްކޮށްފައި ހުރި ވީޑިއޯއެއް--

މިއުޒިކަލީ ދިވެހިންގެ ތެރޭގައި އާންމުވެ ފެނިގެންދިޔައީ ދިވެހި ޒުވާނުންނަކީ ބޮލީވުޑާއި ހޮލީވުޑަށްވެސް ދޫ ނުކުރާނެ މޮޅެތި އެކްޓަރުން ކަމެވެ. މިއުޒިކަލީގައި ތިބީ އަލީ ސީޒަން، ނިއުމާ މުހައްމަދަށް ދޫ ނުކުރާނެ ހުސް މޮޅެތި ދިވެހި އެކްޓަރުންނެވެ. ސުނީތާ އަލީއަށް ދޫ ނުކުރާނެ މޮޅެތި ނެށުންތެރިންނެވެ.

comment ކޮމެންޓް