ތާރީޚީ ބައްދަލުވުުމަށް ކިމް ސިންގަޕޫރަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ސިންގަޕޫރަށް ވަޑައިގަތުން --- ފޮޓޯ: ޓްވިޓާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ކިމް ސިންގަޕޫރަށް ވަޑައިގެންފިއެވެ.

މިއީ ކޮރެއާ ސަރަހައްދުން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ގުޅޭ މަޝްވަރާކުރުމަށް ބާއްވާ ތާރީޚީ ބައްދަލުވުމެކެވެ. ބައްދަލުވުން އޮންނާނީ ސިންގަޕޫރުގެ ޖަޒީރާއެއް ކަމަށްވާ ސެންޓޯސާގައެވެ.

ނަވާރަސަތޭކަ ފަންސާހުން 1953 އަށް ކުރިއަށް ދިޔަ ކޮރެއާ ހަނގުރާމައަށް ފަހު ނޯތު ކޮރެއާގެ ލީޑަރަކާ އެމެރިކާގެ ރައީސެއް އެއްވެސް ގޮތަކަށް ބައްދަލުކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އަންގާރަ ދުވަހު ބާއްވާ ބައްދަލުވުމަކީ ތާރީޚީ ގޮތުން ބަލާއިރުވެސް މުހިންމު ބައްދަލުވުމަކަށް ވާނެއެވެ.

ނޯތު ކޮރެއާގެ ރައީސް ކިމް ސިންގަޕޫރަށް ވަޑައިގަތީ އެ ގައުމުގެ ގަޑިން މިއަދު މެންދުރު 2:40 ހާއިރުއެވެ. ސިންގަޕޫރުގެ ވައިގެ ބަނދަރު އޭރު އޮތީ ކޮމާޝަލް ފްލައިޓުތަކަށް ބަންދު ކޮށްފައެވެ. ސިންގަޕޫރުން ކިމްއަށް މަރުހަބާ ދެންނެވީ އެގައުމުގެ ފޮރިން މިނިސްޓަރު ވިވިއަން ބާލަކްރިޝްނަންއެވެ.

މިއަދުގެ ވަގުތެއްގައި ކިމް ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާނެއެވެ. ކިމް ހުންނަވާނީ ސެއިންޓް ރީޖިސް ހޮޓަލްގައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސިންގަޕޫރަށް ވަޑައިގަންނަވާނީ މިރޭއެވެ. ޓްރަމްޕްވެސް މާދަމާގެ ވަގުތެއްގައި ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާނެއެވެ.

މިއަދުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ސިންގަޕޫރުގެ ވައިގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، ފްލައިޓްތަކުގެ ޑިލޭ ކުރިމަތިވާނެ ކަމަށް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ބައްދަުލުވުން ކަވަރު ކުރުމަށް 2،500 ޖާނަލިސްޓުން ވަނީ ސިންގަޕޫރަށް ގޮސްފައެވެ.

comment ކޮމެންޓް