ޗައިނާގައި އެޅުވި "ޓޮއިލެޓް"ގެ ފުރަތަމަ ޝޯ ވެސް ކާމިޔާބު!

އަކްޝޭ ކުމާރު އަދި ބޫމީ ޕެދްނޭކަރު

އަކްޝޭ ކުމާރްއާއި ބޫމީ ޕަދްނޭކަރް ފެނިގެންދާ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ ފުރަތަމަ ޝޯ އިއްޔެ ވަނީ ޗައިނާ ސިނަމާތަކުގައި ދައްކާފައެވެ.

ފިލްމުގެ ނަން "ޓޮއިލެޓް ހީރޯ"އަށް ބަދަލުކޮށް ދެއްކި ފުރަތަމަ ޝޯ ވަރަށް ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 15 ކުރޯޑު ރުޕީސްގެ އާމްދަނީ އެއް ލިބިފައެވެ. އެއާއެކު މި ފިލްމުވަނީ އެންމެ އޯޕަނިން އެއްގައި އެންމެ ގިނަ އާމްދަނީ ލިބުނު އެއް ފިލްމަށް ވެފައެވެ.

ޗައިނާގައި މި ފިލްމު 4300 ސްކްރީނުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގައި ފިލްމު ރިލީޒް ކުރި ސްކްރީންތަކަށް ވުރެ 50 ޕަސެންޓު މަތީ އަދަދެކެވެ. މި އަހަރުގެ އޭޕްރީލް މަހު ބެއިޖީން ފިލްމު ފެސްޓިވަލުގައި ވެސް ފިލްމު ވަނީ ދައްކައިފައެވެ.

ޓޮއިލެޓް ފިލްމު 4300 ސްކްރީނުގައި ދައްކާއިރު ކްރިޓީކުން ލަފާކުރަނީ އެ ފިލްމުގެ އާމްދަނީ ވަރަށް ބޮޑުތަން ވެސް މައްޗަށް ޖެހިދާނެކަމަށެވެ.

"ޓޮއިލެޓް" އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުން ހާމަ ތަންތަނުގައި ފާޚާނާ ކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި މައްސަލަތަކުގެ އިތުރުން އެ ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ޝްރީ ނާރާޔަން ސިންގް އެވެ.

ޗައިނާ އަކީ ހިންދީ ފިލްމުތަކަށް ފޯރި ހުންނަ ގައުމެކެވެ. އާމިރު ޚާން އަދި ސަލްމާން ޚާންގެ ގިނަ ފިލްމުތަކެއް މީގެ ކުރިން ޗައިނާގެ ސިނަމާތަކުގައި ވަނީ އަޅުވާފައެވެ.

comment ކޮމެންޓް