މިކްސް ޑަބަލްސްގެ ފައިނަލަށް ސާރިމްއާއި ސަހުރުނާޒް، ނަބީހާއާއި ނަބާހާވެސް ޑަބަލްސް ފައިނަލަށް

ގައުމީ ބެޑްމިންޓަން ޓީމްގެ ދެ ކުޅުންތެރިންކަމަށްވާ ނަބީހާ އާއި ނަބާހާ --- ފޮޓޯ: ބީއޭއެމް

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ އަންހެން ޑަބަލްސް ފައިނަލަށް ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާއާއި ފާތިމަތު ނަބާހާ ދަތުރުކޮށްފައިވާ އިރު، ރާއްޖޭގެ މިކްސް ޑަބަލްސްގެ ފައިނަލަށް އައިމިނަތު ޝަހުރުނާޒާއި ސާރިމް މުހައްމަދުގެ ޕެއާ ދަތުރުކޮށްފިއެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީގެ އެއްވަނައަށް ސީޑު ކޮށްފައިވާ ދެ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ނަބާހާއާއި ނަބީހާއެވެ. މިރޭ ކުޅުނު ސެމީ ފައިނަލް (ދެވަނަ ބުރުގެ) މެޗުގައި ނަބީހާއާއި ނަބާހާ ވާދަކުރީ މޮރިޝަސްގެ ޖެމީމާ ލިއުން ފޯ ސޭންގާއި ގަނޭޝާ މުންގުރާއާއެވެ. އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ 21-18 އިންނެވެ. ދެވަނަ ސެޓު މޮރިޝަސްގެ ޕެއާއިން ގެންދިޔައީ 21-14 އިންނެވެ.

ނަބީހާއާއި ނަބާހާއިން މެޗުން މޮޅުވި ސެޓު ގެންދިޔައީ ތަފާތު ބޮޑުކޮށް 21-8 އިންނެވެ.

މިކްސް ޑަބަލްސް ކެޓަގަރީން އައިމިނަތު ޝަހުރުނާޒާއި ސާރިމް މުހައްމަދުގެ ޕެއާ އަދި އަހުމަދު ތޯއިފާއި ނަބީހާގެ ޕެއާވެސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

ޝަހުރުނާޒާއި ސާރިމްގެ ޕެއާ ސެމީއަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގައި މުބާރާތުގެ ދެވަނައަށް ސީޑު ކޮށްފައިވާ ޖީން ބަރުނާޑް ބޮންގްއައުޓާއި ޖެމިމާ ލިއުގް ފޯ ސޭންގެގެ ޕެއާ ބަލިކޮށްގެންނެވެ. ތޯއިފާއި ނަބީހާގެ ޕެއާ ސެމީއަށް ދަތުރުކުރީ ކުއާޓާގައި މޮރިޝަސްގެ ޕެއާއެއް ކަމަށްވާ ތެޖުރާ ޕުލްޓޯއާއި ކްރިޓީޝާ މުންގުރާ ބަލިކޮށްގެންނެވެ.

ޝަހުރުނާޒާއި ސާރިމްގެ ޕެއާއިން މޮރޮޝަސްގެ ޓީލަކާއި ގަނޭޝާގެ ޕެއާ ބަލިކުރީ 21-10 އަދި 21-15 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތުގެ ސެމީގައި ވާދަކޮށް ތޯއިފްއާއި ނަބީހާގެ ޕެއާއިން ވަނީ ބްރޯންޒް މެޑަލް ހޯދައިފައެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ޑަބަލްސް ކެޓަގަރީން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފައިވާ އިރު، މިހާރު ސެމީއަށް ދަތުރުކުރާ ހުރިހާ ކެޓަގަރީއަކުންވެސް ރާއްޖެއަށް ބްރޯންޒް މެޑަލް ވަނީ ޔަގީންކޮށްފައެވެ.

އަދި ފައިނަލަށް ދިޔަ މިކްސް ޑަބަލްސް ޕެއާގެ އިތުރުން އަންހެން ޑަބަލްސް ނަބީހާއާއި ނަބާހާގެ ޕެއާއިންވެސް ވަނީ ރިހި މެޑަލް ޔަގީން ކޮށްފައެވެ. ފައިނަލުން މޮޅު ވެއްޖެ ނަމަ ރަން މެޑަލް ލިބޭނެއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މާދަމާއެވެ.

މޮރިޝަސް ސީރީސްއަކީ ބީ ޑަބްލިއު އެފްގައި ހިމެނޭ ސީރީސްއެކެވެ. އެ މުބާރާތަށް ރާއްޖެ ވަނީ މިދިޔަ ހަތަރު އަހަރުވެސް ގޮސްފައެވެ. މިދިޔަ އަހަރު މޮރިޝަސް ސީރީޒް އިން ރާއްޖެއަށް ދެ މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޓީމަށެވެ.

comment ކޮމެންޓް