ނެރަށް އެރި ނިޔާމަ ބޯޓު ފުން ކުރަން އަދި ތިން ދުވަސް ނަގާނެ: ވެރިފަރާތް

ނެރަށް އެރި ނިޔާމަ ބޯޓުން މުދާތައް ސަލާމަތްކުރުމުގެ މަސައްކަތް ގުރައިދޫ ރައްޔިތުން ކުރަނީ-- ފޮޓޯ: މީސް މީޑިއާ

ތ. ގުރައިދޫ ނެރަށް އެރި ނިޔާމަ ބޯޓު ފުން ކުރަން އަދި ތިން ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެފި އެވެ.

ބޯޓުުގެ ވެރިފަރާތުން މިރޭ "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިހާރު ވެސް ގުރައިދޫ ރައްޔިތުންނާ ގުޅިގެން އެ ބޯޓުގައި ހުރި މުދާތައް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެރިފަރާތުން ބުނީ ބޯޓުގައި ހުރި ގިނަ މުދާތައް ސަލާމަތް ނުކުރެވުނު ކަމަށެވެ.

"މިހާރު ވެސް މި މަސައްކަތް ކުރަމުން މިގެންދަނީ ބޯޓުގައި ހުރި ސިމެންތި އާއި މުށި ފަދަ ތަކެތި ސަލާމަތްކުރެވޭތޯ." ބޯޓުގެ ވެރިފަރާތުން ބުންޏެވެ.

ގދ. ތިނަދުއަށް ނިސްބަތްވާ ނިޔާމަ ބޯޓުު ގުރައިދޫ ނެރަށް އެރީ މިދިޔަ ބުދަ ދުވަހ ފަތިހު އެވެ.

އެ ހާދިސާގައި ބޯޓަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ. އެގޮތުން ދޯނީގެ ދޮރުތަކާއި އެނޫން ވެސް ބައެއް ތަންތަން ހަލާކުވެ، ބަނޑުފިލައިން ފަސް ތަނަކުން ލޯވަޅު އެޅި، އިންޖީނަށް ވެސް ލޮނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތުން ބުނީ އެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

comment ކޮމެންޓް