ޝެލްބީންސް ބޭކަރީގައި އެއްޗެއްގޮވައި ދިވެއްސަކަށާއި ދެ ބިދޭސިންނަށް އަނިޔާވެއްޖެ

ހ ޕާކްސައިޑް ގައި ބާރުގަދަ އެއްޗެއް ގޮވައި ގެއްލުން ވެފައި---- ފޮޓޯ: އެމްއެންޑީއެފް

ޝެލްބީންސް ބޭކަރީ (ހ. ޕާކްސައިޑް)ގައި އެއްޗެއް ގޮވައި ދިވެއްސަކަށާއި ދެ ބިދޭސިންނަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ލިބުނީ ހެނދުނު 6:18 ހާއިރު ކަމަށެވެ.

މިހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެއް ބިދޭސީ އެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ގައިގެ 30 ޕަސެންޓް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހ ޕާކްސައިޑް ގައި ބާރުގަދަ އެއްޗެއް ގޮވައި ގެއްލުން ވެފައި---- ފޮޓޯ: އެމްއެންޑީއެފް

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ދިވެހި މީހާއަކީ ޖެހިގެން ހުރި އިމާރާތުގައި ނިދާފައި އޮތް މީހެއް ކަމަށާއި ދެ ބިދޭސިންނަކީ ހާދިސާ ހިނގިއިރު ބޭކަރީ ތެރޭގައި ތިބި ދެމީހުން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ބެލި ބެލުމުން މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްގެންކަމަށް ބެލެވޭ ކަމަށެވެ.

ކާބޯތަކެތީގެ ވިޔަފާރިކުރާ ޝެލްބީންސްގެ ބޭކަރީއެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައި ހިނގި މިހާދިސާގައި އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އިމާރާތުގެ ދޮރުތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެންގޮސް އެތެރޭގައި ހުރި ބައެއް މުދާތައް ވަނީ މަގުމައްޗަށް ބުރައިގެންގޮސްފައެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް