"އިންޑޮނޭޝިޔާއާ ދެކޮޅަށް ވާދަކޮށްލަން ކެރުމަކީ ވެސް ކާމިޔާބީއެއް"

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ބަދުނާމުކޮށް ދިވެހިން ބައިބައި ކުރުމަށް އެމްޑީޕީ އިން ބޭރުގެ އެކި ފަރާތްތަތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް އިންޑޮނޭޝިޔާއާ ދެކޮޅަށް ރާއްޖެ އިން ވާދަކުރަން ކެރުމަކީ ވެސް ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ ނެގި ވޯޓާ ގުޅޭ ގޮތުން މުހައްމަދު އިސްމާއިލް ވިދާޅުވީ ބަޔަކު މި ނާކާމިޔާބީއާ މެދު އުފާފާޅު ކުރި ނަމަވެސް ހަގީގަތަކީ މިއީ ސަރުކާރާއި ހުރިހާ ދިވެހިންނަށް ވެސް ލިބުނު ނާކާމިޔާބީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑޮނޭޝިއާ އަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރާއްޖެ އަށް ވުރެ ބޮޑު ގައުމެއް ކަމަށާއި އެ ގައުމާ ވާދަކޮށްލަން ކެރުނު ހަމަ އެކަނި ގައުމަކަށް މި ސަރަހައްދުން ރާއްޖެ ވުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ ފެށުނީއްސުރެ އެކަމާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރި ކަމަށާއި ހާއްސަކޮށް އެމްޑީޕީ އިން ކެމްޕެއިންއެއް ދެކޮޅަށް ކުރިއަށް ގެން ދިޔަ ކަަމަށެވެ. ނަމަވެސް އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސަރުކާރު ދާނީ ކުރިއަށް ކަމަށާއި 46 ވޯޓަކީ ވެސް ރާއްޖެ ފަދަ ގައުމަކަށް ވެސް ކާމިޔާބީއެއް ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި އިންޑޮނޭޝިޔާ އިން ކާމިޔާބު ކުރީ 144 ވޯޓާ އެކު އެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑިޕީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހަގީގަތަކީ އެމްޑީޕީއަކީ މިއަދު ރާއްޖޭގެ މެޖޯރިޓީ ޕާޓީ ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ފިކުރަށް މިހާރު އެއްވެސް ތާއިދެއްނެތްކަން ހާމަވަމުންދާ ކަމަށާއި ނަމަވެސް އަދި ވެސް މަސައްކަތް ކުރަނީ ބޭރު ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލަން ކަމަށެވެ.

"ޖުމުހުރީ ޕާޓީއަށް އޮތް ތާއިދު ވެސް އެމްޑީޕީއަށް ނެތް. އެކަމަކު ވެސް މި މަސައްކަތް ކުރަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ބައިބައިވުން އުފައްދައި ރާއްޖޭގެ އަގުވައްޓާލަން." އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ދީނީ މިނިވަންކަމާއި އިސްލާމް ދީނާއި ބީރައްޓެހި ކަންކަމަށް ތާއިދު ކުރާ ޕާޓީއެއްގެ ލަގަބު އެމްޑީޕީއަށް ލިބިދާނެ ކަމަށާއި ރައްޔިތުންގެ ތާއީދު އޮތީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށެވެ.

comment ކޮމެންޓް