އެސްޓީއޯއިން ގދ. ތިނަދޫގައި ޕެޓްރޯލް ޝެޑެއް ހުޅުވައިފި

ގދ. ތިނަދޫގައި ހުޅުވި ޕެޓްރޯލް ޝެޑުން ހިދުމަތް ދެނީ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ގދ. ތިނަދޫގައި ޕެޓްރޯލް ޝެޑެއް ހުޅުވައިފިއެވެ.

ތިނަދޫގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޕެޓްރޯލް ޝެޑް ހުޅުވައިދެެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

އެސްޓީއޯއިން ބުނީ އިއްޔެ ހުޅުވި ޕެޓްރޯލް ޝެޑަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ގާތުން ދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ޝެޑެއް ކަމަށެވެ. އަދި އެ ޝެޑްގެ ސަބަބުން ގދ. ތިނަދޫ އާއި އެސަރަހައްދުގެ ރައްރަށުގެ ރައްޔުތިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޔަގީންކަން ކަށަވަރުވެގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ތިނަދޫގައި ހުޅުވި ޝެޑުގައި 274,500 ލީޓަރުގެ ޑީސަލް އާއި 17,500 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭއިރު، ތިން ޕެޓްރޯލް ޑިސްޕެންސަރާއި އަދި އެއް ޑީސެލް ޑިސްޕެންސަރު ވަނީ ބަހައްޓައިފައެވެ.

އެސްޓީއޯއިން އިއްޔެ ވަނީ ތެޔޮ ވިއްކާ އަގުވެސް ބޮޑު ކޮށްފައެވެ. އެސްޓީއޯ އިން ޑީސަލްގެ އަގު މި ރަމަޟާން މަހުގައި ބޮޑު ކުރި މިއީ ދެވަނަ ފަހަރެވެ. އަގަށް ގެނައި ބަދަލާއެކު މިހާރު ޑީސަލް ލީޓަރެއް ވިއްކަނީ 11.23 ރުފިޔާއަށެވެ.

comment ކޮމެންޓް