ސަޓާގެ ނޮމިނޭޝަންސް އިވެލުއޭޓްކުރަން މިމަހު 18ގައި ފަށަނީ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނޮމިނޭޝަން ތައް އިވެލުއޭޓް ކުރަން މިމަހުގެ 18ގައި ފަށާނެ ކަމަށް އެވޯޑް އިންތިޒާމުކުރާ ހައިރައިޒް އިން ބުނެފިއެވެ.

ސައުތު އޭޝިއާ ސަރަހައްދުގައި ދެވޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރިއެވޯޑަށް މިއަހަރު 50 ދާއިރާއަކުން ޖުމްލަ 500އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަން ހުށަހަޅައިފައެވެ.

މި އެވޯޑަށް ކުރިމަތިލާފައިވަނީ ރާއްޖޭގެ އިތުރުން ސްރީލަންލާ އިންޑިއާ، ބޫޓާން އަދި ނޭޕާލުންނެވެ. މާލޭގެ އިތުރުން، ނިއުދިއްލީ، ކޮލަމްބޯ، ބެންގަލޫރު، ކަތަމަންޑޫ އަދި ޕާރޯގައި އިވެލުއޭޝަން ކުރިއަށްދާނެއެވެ.

މި އެވޯޑަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި ސޮނޭވާ، ސަން ސިޔާމް، ޖުމެއިރާ، ކޮކޯ ކަލެކްޝަންސް، ދަ ކިންގްސްބަރީ، އަމަޔާ، އަދާރަން، ސިނަމަން، ތާޖް، ފްރެގްރެންޓް ނޭޗާ އަދި ކޯޓްޔާޑް ފަދަ ޓޫރިޒަމްގެ މަޝްހޫރު ބްރޭންޑުތައް ހިމެނެއެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުންވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ދާއިރާގެ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގައެވެ.

މިއަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.

ފާއިތުވި ދެ އަހަރުވެސް ސަޓާގެ އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ އަށް 24 އެވޯޑު ލިބުނު އިރު އޭގެ ކުރީ އަހަރު ރާއްޖެ އަށް ވަނީ 18 އެވޯޑެއް ލިބިފައެވެ.

comment ކޮމެންޓް