ވޯލްޑް ކަޕް މެޗުތައް މީޑިއާނެޓުންވެސް ދައްކާނެ

ފީފާ ވޯލްޑް ކަޕް 2018ގެ މެޗުތައް މީޑިއާނެޓުންވެސް ދައްކާނެ--

ޖޫން 14ގައި ރަޝިއާގައި ފަށަން ހަމަޖެހިފައިވާ، ފީފާ ވޯލްޑް ކަޕް 2018 ފުޓްބޯޅަ މުބާރާތުގެ މެޗުތައް، ރާއްޖޭގައި ފުޅާ ދާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުންފުނި ކަމަށްވާ މީޑިއާ ނެޓުގެ ޗެނަލްތަކުންވެސް ދައްކާނޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން ވޯލްޑް ކަޕް މެޗުތައް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނުކަން ހާމަކޮށްފައި މިވަނީ، ފީފާއިން އިންޑިއާ ހިމެނޭ ސަރަހައްދުން ވޯލްޑް ކަޕް ކަވަރޭޖްގެ އެކްސްކުލޫސިވް ރައިޓްސް ދީފައިވާ ސޮނީ ޕިކްޗަރސް ނެޓްވޯކުން، ރާއްޖޭގައި ވޯލްޑް ކަޕް ކަވަރ ކުރުމުގެ ރައިޓްސް ދީފައިވަނީ ހަމައެކަނި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އަށް ކަމަށް އެކުންފުނިން ބުނެފައިވަނިކޮށެވެ.

މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ބުނީ، "ސޮނީ ޕިކްޗާސް ނެޓްވޯކަކީ، ފީފާ ވޯލްޑް ކަޕް 2018، މިސަރަހައްދުގެ ގައުމުތަކަށް ފޮނުވައިދިނުމުގެ ރައިޓްސް އޮތް ފަރާތްކަމަށް ވެފައި، ސޮނީ ޕިކްޗާސްގެ ޗެނަލްތައް މީޑިއާނެޓް ޕްލެޓްފޯމުން ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމަށް، ސޮނީ ޕިކްޗާސްއާ މީޑިއާ ނެޓާއި ދެމެދު ވާނީ ސައްހަ އެއްބަސްވުމެއް ވެވިފައި،" ކަމަށެވެ.

"މިގޮތުންގެ މަތީން، ސޮނީ ޕިކްޗަރސް ނެޓްވޯކުގެ ޗެނަލްތަކުން ފޮނުވާ އެހެންވެސް ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަ ފަދައިން، މިއަހަރުވެސް ފީފާ ވޯލްޑް ކަޕް 2018ގެ މެޗުތައް ސޮނީ ޓެން2، އަދި ސޮނީ ޓެން3 އިން، މީޑިއާނެޓް ޕްލެޓްފޯމް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެ،" އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓުން ވަނީ، މިއަހަރު މުޅިން އަލަށް ގެނެސްދޭ، އަލްޓްރާ ހައިޑެފިނިޝަން ކޮލިޓީ 4K މެޗްތައް، ސޮނީ ޓެން2 ގެ ޔޫއެޗްޑީ ޗެނަލުން ފޮނުވާއިރު އެކަމަށް ޚާއްސަކޮށްގެން މީޑިއާނެޓުން ތައާރަފްކުރާ އަލްޓްރާ ހައިޑެފިނިޝަން ސަޕޯޓްކުރާ M580 ޑީކޯޑަރު މެދުވެރިކޮށް، 4K ކޮލީޓީ މެޗްތައްވެސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނޭކަން ހާމަކޮށްފައެވެ.

https://sun.mv/104187

މީޑިއާނެޓުން ބުނީ، އެކުންފުނީގެ އަމާޒަކީ، ދިވެހި ރައްޔިތުންނަށް ފަހުގެ ޓެކްނޯލޮޖީ ބޭނުންކޮށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތް، މީޑިއާނެޓް ޕްލެޓްފޯމުގައި ބަލައިލުމުގެ ފުރުސަތު ނުލިބިދާނޭކަމުގެ އަޑުތައްފެތުރި، ޝައްކު އުފެދިފައިވާތީ، މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މީޑިއާނެޓް ޕްލެޓްފޯމުން ބަލައިލެވޭނޭކަމުގެ ޔަގީންކަން ދޭކަމަށްވެސް މީޑިއާނެޓުން ބުންޏެވެ.

comment ކޮމެންޓް