ތަފާތު ލޯތްބެއް - 10

ކެމީލާ ދެއްކި އެއްވެސް ވާހަކައެއް އުލާއަކަށް ކަމަކުނުދިޔައެވެ. ފިރިހެންކުދިންނާއި އެހާ ދުރުން އުޅެން ޖެހޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އުލާ ދެކުނު ގޮތުން ކެމީލާއަކީ ބޮޑު ފޫހިގަނޑެކެވެ. ފިރިހެންކުދިންނަށް ރަގަޅުވާނީ ތަޖުރިބާ ހުރިވަރަކުންނެވެ.

"ދެން ފިރިހެންކުއްޖަކު ކިރިޔާ ގާތްވެލިޔަސް ޕެޕާ ސްޕްރޭ. މަ މާ ރަގަޅު އައިޑިއާއެއް ދެންތަ. ގެންގުޅެންވީނު ފިޔޮއްސެއް. ކަނޑާލާނީ. ނޫނީ ހަމަ އުފުރާލާނީ."

"އުލާ. ބޮޑު ވާހަކަދައްކާނެ ކަމެއްނެތޭ. ވަރަށް ފޫހިވޭ......." ކެމީލާ ރުޅިއަންނަގޮތްވިއެވެ.

"ދެން މާ އިނޮސެންޓް ހެދިގެން ދޮންތަ އުޅުނަސް ގަބޫލެއްނުކުރެވޭ. އެޑަލްޓް ވާހަކައެއް ބުނެލީމަ ފޫހިވާން ތީ ޅަކުއްޖެއްނޫނޭ. ޔަގީނޭ ހިތުން ވަރަށް ވަރު ހުންނާނެކަން. އެނީވޭސް ފިރިހެންކުދިން ގާތްވާއިރަށް އެކަހަލަ ކަމެއްކުރުން. އައި މީން ޗޮޕް ޗޮޕް ހަދާލުން. އެއީތަ ޔޯ ރޫލް؟ ސޯ ވިއާޑް. ޔޫ އާ ސޯ އަންސިވިލައިޒްޑް. ލައިފްގައި އެއްވެސް އެންޖޯއި އެއްނުކޮށް މީހާގެ ރީތިކަން ފޮރުވައިގެން ހުރީމަ ވާނީ ކޮންކަމެއް. އަރީންބެއަށް ވުރެ މާ ރީތި މީހެއް ލިބޭނެ ރީތިކޮށް ޑްރެސްކޮށްގެން ތި އިސްތަށިގަނޑު ދައްކައިގެން ހުރި ނަމަ. ސަހާދަތް ފޫހިކޮށް އުޅޭ ދޮންތައެއް. އަރީންބެ ފޫހިވެގެން ވަރިނުކޮށްފިއްޔާ ރަގަޅު. އެނީވޭޒް ހޫމް މާދަންނޫން އަނެއް ދުވަހު ރަން ކިޔަނީ. އައިމް ސޯ އެކްސައިޓެޑް..އައެމް ސޮ ހެޕީ ޔޫ ނޯ ވާއި. ކޮޒް އަރީންބެ އީޒް ދި މޯސްޓް ގޯޖަސް ބްރަދަރ. އައި ބެޓް ހީޒް ޖަސް ލައިކް ކްރިސްޓިއަން ގްރޭ އެނގޭތަ އޭނަ ވަރަށް ހޮޓްކަން. ބަޓް ހީސް ސޭޑިސްޓިކް. ހެހެ އައި ލަވް ސޭޑިސްޓިކް ގާއިސް............" އުލާ އިނގިރޭސިބަހުން ވާހަކަދައްކަން މަސައްކަތްކުރީ އިނގިރޭސިން ދައްކާގޮތަށެވެ. އަރީންގެ ކޮއްކޮ ފެނުނުފަހުން އުލާ ރަގަޅަށް މޮޔަވެއްޖެއެވެ. އެކައިވެންޏަށްފަހު އޭނައަށް ޔޫޝައު ލިބިދާނެކަމަށް އުއްމީދުކުރެވެނީއެވެ. އާއިލާ ވީމަ ގިނަގިނައިން އެގެއަށް ޖައްސައިލެވޭނެތާއެވެ. އެބޮޑު ސައިކަލްގައި ޔޫޝައު ގައިގާ ބައްދާލައިގެން ދުއްވުމުގެ ހުވަފެން މިހާރު ފެންނަތާ ދުވަސްކޮޅެކެވެ.

ކެމީލާ ދެރަވިއެވެ. ކޮއްކޮއަށް ނަސޭހަތް ދިނަސް ބަދަލެއްނުވާނެއެވެ. ތަކުރާރުކޮށް އެކި ވާހަކަތައް ދައްކާ ދީނީ ވާހަކަތައް ކިޔައިދިނަސް އިރުގަނޑަކުން ހަދާން ނައްތާލާނެއެވެ. މިހާރުވެސް ކިޔަން ގެންގުޅެނީ ފިފްޓީ ޝޭޑްސް އޮފް ގްރޭ ކިޔާވާހަކައެކެވެ. ކެމީލާ ދެނެހުރިގޮތުން އޭގެ ފިލްމަކީވެސް އެކްސްރޭޓެޑް އެއްޗެކެވެ. މަންމަގެ ތަރުބިއްޔަތުގައި ގޯހެއް އުޅެނީ ބާވައެވެ.

"މައި ޓޭސްޓް އިޒް ޑިފެރެންޓް...." ކެމީލާ ޕެޕާ ސްޕްރޭ ފުޅި ދަބަހަށް ލިއެވެ. އަލަމާރި ތަޅުލިއެވެ. އުލާއަށް ޕާސްޕޯޓާއި އެއްޗެހި ފެނިއްޖެއްޔާ ހާދަ ނުރައްކާތެރިވާނެއެވެ. އިރާދަކުރެއްވިއްޔާ އޭނަ ރާއްޖޭގެ ފަސްގަނޑު ދޫކޮށްލަންދެން މިކަން އޮންނާނީ ފޮރުވިފައެވެ.

"ޔޯ ޓޭސްޓް އިޒް ލައިކް އެ ބޮންދު...." އުލާ ހިނިގަނޑެއް ޖަހައިލިއެވެ. އޭނަ ބަންގްލާދޭޝް މީހަކު ފެނިލިޔަސް ގައިގާ ހުޅުހިފާވަރުވެއެވެ. އެމީހުންނާއިއެކު އެއްމަގަކުން ހިނގާލާފައި ދާންވެސް ވަނީ އަމަށަކު ފޫއްސެއްނޫނެވެ. އުލާ ދެކޭގޮތުން އެންމެ ދަށުދަރަޖައިގެ މީހުންނަކީ އެއީއެވެ. އެހެންވެ ކެމީލާ ދެރަކޮށްލަން އެހެން ބުނެލީއެވެ.

ހަވީރު ކެމީލާ ފެންވަރާލައިގެން ކޮޓެޖަށްދާން ނުކުތީ ކޮނޑުގައި ދަބަސް އަޅުވާލައިގެންނެވެ. އެއްއަތުގައި ކޮތަޅެއްއޮތެވެ. އޭގައި ޕާސްޕޯޓާއި ބޭނުންވާ ހުރިހާ ސާމާނުތަކެއް ހުއްޓެވެ. ދަބަހެއް ގެންގޮސްފިއްޔާ އެންމެނަށް ޝައްކުވާނެއެވެ. ފުރަންދެން މިކަން ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހެއެވެ. އަރީންއަށް ފެނިދާނެތީ އެގެއަށް ދާން ޖެހުނީ ވަރަށް ވިސްނައިގެން ހުރެއެވެ. އެމަގަށް އޭނަ އަޅައިލީ އަރީން އެހިސާބުގައި ނެތްކަން ޔަގީންކޮށްލާފައެވެ. ކެމީލާ ފެނުމާއިއެކު ޖޫލް އައިގޮތަށް ބައްދައިގަތެވެ. އަތަށް ދޮން ދިނެވެ. އެކުއްޖާ ކެމީލާއާއިހެދި އުޅޭވަރު ފެނި މާކަސްވެސް ހައިރާންވެއެވެ.

"އެންމެ ހެދުމެއް ގެންދަނީ؟." ކައިޒާން ކޮތަޅު ބަލާފައި ސުވާލުކުރިއެވެ.

"ހެދުން އެއްފަހަރާ ގެނައިމަ މަންމަ މެން ޝައްކުކުރާނެ. މާދަން އަދި ދެހެދުން ގެންނާނީ..." ކެމީލާ ހުރީ ލަދުންނެވެ. ކައިޒާންއާއި ދިމާލަށް ނުބަލަން އޭނަ މަސައްކަތްކުރިޔަސް ވަގުތުން މޫނަށް ފިޔާތޮށިކުލަ ވެރިވެއެވެ. މިފަހުން މަންމަ ގެނެދިނީ މީހަކު ދީފައި ހުރި ފައިސާއިން ގަތް ހެދުންތަކެވެ. އެހެދުން ގެންދާކަށް ބޭނުމެއްނޫނެވެ.

"ހޫމް އެކޮޅަށް ވަރަށް ފިނިވާނެ. އެހެންވެ ހުންނާނެ އެކޮޅުން ޖެކެޓެއްވެސް ގެނުވާފާ. ފުރަންދާއިރު ގެންދާނީ..." ކައިޒާން ކޮތަޅުތައް ހިފައިގެން ގެއަށް ވަންނަމުން އެނބުރި ބަލާލީ ޚާއްސަ ނަޒަރަކުންހެން ކެމީލާއަށް ހީވިއެވެ. އެބެލުން ތަންކޮޅެއް ދިގު ދެމުމާއިއެކު ތަފާތު ކަމެއްހުއްޓެވެ. ޔަގީނުންވެސް ކެމީލާގެ ހިތާއި އަޖައިބެއްފަދަ ގޮތަކަށް ކުޅެލައިފިއެވެ. ހިތަށް ލިބުނު ފިނިކަން މުޅި ހަށިގަނޑަށް ފެތުރި ހީލިކަރުވާފަދަ ގޮތެއްވިއެވެ. ތަފާތު އިހުސާސްއެކެވެ. ކައިޒާން ލަސްލަހުން އެސްފިޔަ ޖަހައިލާފާ އެނބުރުމުން ކެމީލާގެ ތުންފަތާއި ކުޅެނީ އުފާވެރި ހިނިތުންވުމެކެވެ.

ކައިޒާންއާއި މާކަސް ފުޓްބޯޅަ މެޗެއް ބަލަން ތިބިއިރު ދުންއަރަ އަރާ ހުރި ކޮފީއަށް އިންސާފުކުރިއެވެ. ހުސްވަގުތަށް ހުއްޓާލުމުން މާކަސް ދައްކަންފެށީ ކެމީލާގެ ވާހަކައެވެ. ނެނީއަކަށްވުރެ އަންބަކަށް ހަދަން ރަގަޅުކުއްޖެއްކަމަށް ބުނުމުން ކައިޒާންގެ މޫނުމަތީގައިވާ ހިނިތުންވުމުގެ އަސަރު ގެއްލިގެން ދިޔައެވެ. ހަގީގަތުގައި އޭނަގެ ހިތުގައި ކެމީލާއަށްޓަކާ ޚާއްސަ ކަނެއް ދެވިފައިވިއެވެ. ނަމަވެސް މާކަސްއަށްވެސް އެކަން ފާޅުކުރާހިތެއް ނުވެއެވެ. ކެމީލާއަށް އެއްވެސް ނުރައްކަލެއްވާކަށް އޭނަ ނޭދެއެވެ.

"ލީވް އިޓް މާކް. އަހަރެންގެ ލައިފަށް އަންހެންކުއްޖަކު ގެނައުމަކީ އެކުއްޖާއަށް ކިހާ ނުރައްކާވާނެ ކަމެއްކަން ކިތައްފަހަރު މާކް ކައިރީ ބުނާނީ. މާކް މީހަކާއި އިންނަންވީނު.."

"ހޯދަ ހޯދާ ހިތް ކިޔާ އަންހެންކުއްޖަކު ނުފެނުނު. އެނގޭތަ. ކައި އާއި ކެމީލާ ހާދަ ގުޅެއޭ. ކެމިޒާން....." މާކަސް ދިމާކުރުން ހުއްޓައެއްނުލިއެވެ.

"ޝަޓަޕް މާކް......"

"ހިތުގައި އޮންނާނެކަން ޔަގީން. ދުލުން އެއްބަސްވާން ބޭނުންނުވަނީ. ޝީޒް ޕްރިޓީ ނޫންތަ؟ " މާކަސް އެހިއެވެ.

"ޕްރިޓީ އެންޑް ފްރެޖައިލް. މަލެއްހެން. ބާރަށް ބައްދާލަންވެސް ބިރުގަންނާނެ ދޯ އެހާ ހިކިކަމުން. އެ ނާޒުކް އަންހެންކުއްޖާއަށް ގެއްލުމެއްދޭން އަހަންނަކަށް ނުކެރޭނެ. އަމިއްލަ އިޚުތިޔާރުގައެއްނޫން އެކަން ކުރެވޭނީ. ކަމެއް ކޮށްފަ ފަހުން ހިތާމަކުރާކަށް ނޫޅެން. އަހަރެން އެ ޗާންސް ޖޯންއަކަށް ނުދޭނަން. އެ ބީސްޓްއަށް އެއްވެސް އަންހެންކުއްޖަކު ހަދިޔާނުކުރަން އަޒުމް ކަނޑައަޅައިފިން. އަހަރެންގެ ހުއްދަނެތި ލިސާއަށްވެސް ހަދާލިގޮތް އެހެރީ. އެހެން ލިސާއެއް ފެންނާކަށް ނޭދެން.. " ކައިޒާންގެ ރާގުގައި ހިތިކަމާއި މޮޅިވެރިކަން ހުއްޓެވެ.

"ކެމީލާ ގެއަށް ގެންދިޔަސް ހަމަ ޖޯންގެ ނުރައްކާ އޮންނާނެއްނު..."

"އެހެންވެ މާކް ބަހައްޓާފައި ތިހުންނަނީ. ޔޫ ކެން ބީޓް ހިމް އަޕް. މާކްއަށް އޭނަ ކޮންޓްރޯލްކުރެވޭނެ. ހެޔޮ މަރާލަން ޖެހުނަސް އެކަން ކުރާތި . އޭނަ އަތުން ފައިން ގޯހެއް ހެދިޔަދީގެން ނުވާނެ...." ކައިޒާން އެދުނެވެ.

"ވީމަ ހަމަ ވައިފް ގެގޮތުގައި ހުއްޓަސް އަހަރެން ޖޯން މައިތިރިކުރަން ހުރެދާނަމޭ..." މާކަސް ހޭންފެށިއެވެ.

"އިޓްސް ޑިފަރެންޓް ދޯ. އަހަރެންގެ އަންހެނުންގެ ގޮތުގައި ކެމީލާ ހުރިއްޔާ މާކް ކިހިނެއް އެކުއްޖާ ޕްރޮޓެކްޓް ކޮށްދޭނީ. އޭރަށް މާކްއަކަށް އަހަރެމެންގެ ބެޑްރޫމަކަށް ނުވަދެވޭނެއެއް ނު. އެހެންނޫނަސް ޖޯންއަށް އެކަހަލަ ސެޓިސްފެކްޝަނެއް ދޭކަށް ނެތިން ސޮރީ މޭން......" ކައިޒާން އެ ވާހަކަ ކުރިއަށް ގެންދާކަށް ނެތެވެ. ނަމަވެސް ހިތުގެ އަޑިން ކެމީލާ އޭނަގެ މީހަކަށް ވާނެނަމައޭ ހިތަށް އެރިއެވެ. ހިތާމައަކީ އެކަން ވުމަށްވުރެ ނުވުން ދުރުކަމަށް އަމިއްލަ ޟަމީރު ބުނާތީއެވެ. ކެމީލާ ނާޒުކް ރީތި މަލެއްފަދައެވެ. އެމަލުގެ ފިޔައަކަށް ކިރިޔާވެސް ގެއްލުމެއްވެއްޖެއްޔާ އޭނަގެ ހިތަށް ތަދުވާނެއެވެ. އޭނަ އުޅޭނީ ކެމީލާއާއި ދުރުންނެވެ. ލޯބީގެ ގޮތުން ގުޅުމަކީ ދުވަހަކު ކުރެވޭނެކަމެއް ނޫނެވެ. އެއީ ކުށެކެވެ.

ކެމީލާ ހުރީ އުފަލުގެ ކޮޅެއްނެތްހާ އުފާވެފައެވެ. އެމެރިކާއަށް ދެވެން އުޅޭކަން އަދިވެސް ގަބޫލެއްނުކުރެވެއެވެ. ފެންނަ ހުވަފެނެއްފަދައެވެ. އޭނަ މިވީހާތަނަށް އެމެރިކާއާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް ނުހޯދައެވެ. އޭނައަށް އެތާ ބައެއް ސިޓީތަކުގެ ނަން އެނގެއެވެ. ކެލިފޯނިއާ ވޮޝިންޓަން ނިއުޔޯކް ފޮލްރިޑާފަދަ ނަން ދޭތެރެއަކުން އިވުނަސް އެތަންތަނުގެ ރީތިކަމެއް ނުދަނެއެވެ. ކައިޒާންމެން އުޅޭ ރަށެއް އެނގެނީއެއް ނޫނެވެ. އެރަށަށް ސްނޯފައިބާހެއްޔެވެ. ނޫނީ ރާއްޖެފަދައިން ބީޗްތައް އޮންނަ ރަށެއް ބާވައެވެ. ކައިޒާން އެރަށަށް ފިނިވާނެއޭ ބުނުމުން ކެމީލާގެ ހިތުގައި އޮތް ޝައުގު ބޮޑުވެ ފޯރި ހިފިއެވެ. އާތަނަކަށް ދިއުމުގެ އުފާވެރިކަން ހިތުގައި އުތުރި އަރައިގަތެވެ. ހަޔާތަށް މިއަންނަން އުޅޭ ބަދަލު ހިތަށް ގެނެވެންފެށިއެވެ. ގޫގުލް ސާޗްކޮށްލަން ބަލައިލިއިރު ނެޓް ހުރީ ކަނޑާލާފައެވެ. ފައިސާ ނުދައްކަނީކަމަށް ވެދާނެއެވެ. ޑޭޓާ ހުސްވާން ކައިރިވެފައި ހުރުމުން ވައިބާ މެސެޖްކޮށްލަން އެބެހެއްޓިއެވެ.

ރޭގަނޑު ކާ ހިތް ނުވިޔަސް ފުރާ ރޭކަމުން ކާންވެގެން ކެމީލާ މޭޒުދޮށުގައި ޖައްސައިލިއެވެ. ރޮށްޓާއި ކުޅިމަހެވެ. ކަޅު ސަޔެވެ. އޭނަ ކާންފެށިތަނާ މަންމައާއި އުލާވެސް ދެން ހުރި ގޮނޑިތައް ދަމާލައިގެން ހަމަޖެހިލިއެވެ. ފަލަވިޔަސް ވިސްނާލުމެއްނެތި އުލާ ފިރިހެނެއްހާ ގިނައިގެން ކާނެއެވެ. ފުރަތަމަވެސް ތަށްޓަށް ލީ ފަސް ރޮށްޓެވެ. ބޯ ތަށީގައި ހުރި މަހުގެ ދެބައިކުޅަ އެއްބައި އަޅާލައިގެން ތަށީގައި ފުންޏެއް ޖަހާލައިފިއެވެ.

"ދޮންތާ މާދަން ރެއަށް އެކްސައިޓެޑްތަ......." އުލާ ވައްތަރެއް ޖައްސާލާފައި ލަވައެއް ކިޔަންފެށިއެވެ.

"ހެހެ...." ކެމީލާ މަޑު ހުނުމަކުން ހީލިއެވެ. އުލާއަށް އޭނަ ރާވާފައިވާ ޕްލޭން އެނގޭނެނަމައެވެ. އޭނަ އުފާވަނީ ހެވެނީ އަރީން ކިޔާ ނުލަފާ އިންސާނާގެ ކިބައިން ސަލާމަތްވާން އުޅޭތީއެވެ. ހެއްދެވި ފަރާތަށް ޝުކުރު ދެންނެވުނު އަދަދެއްވެސް ނޭގެއެވެ. ދިރިއުޅުމަށް ލޯބި ޖެހިއްޖެއެވެ. ކެމީލާ ހުނުން ހުއްޓާލަފައި މަންމަގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ދޮންދަރިއެއްފަދައިން އަމަލުކުރިޔަސް މިއީ އޭނަގެ މަންމައެވެ. މަންމައަށް ފިލައިގެން ދާންޖެހުމުން ހިތަށް އުދަގޫވިއެވެ. އުލާގެ ނުސިޔާނު ކަމާއި ވަކިވުމުން ފޫހި ފިލުވާނެ މީހެއްވެސް ނުހުންނާނެއެވެ. ބޮޑު އަނގައެކެވެ.

"އެއް ލައްކަ ރުފިޔާއަށްވުރެ މަދު އަދަދެއް ރަނަށް ނުކިޔާތި.... ކެމީލާ..." ތަމަންނާ އަމުރުވެރި ރާގަކަށް ބުނެލިއެވެ.

"ނޮޓް އިނަފް. އެއްލައްކައިން ކޮޓަރި ގަނޑެއްވެސް ނޭޅޭނެ. އެއް މިލިއަން ކިޔާ. ނޫނީ ދިހަ މިލިއަނޭވެސް ކިއިދާނެ. އެމީހުން އަތުގައި ފެންވެރޭވަރަށް ފައިސާ އޮންނާނެ......." އުލާ ނަށައިލިއެވެ. ކެމީލާ ފަނޑުގޮތަކަށް ހީލިއެވެ. ނޫނެކެވެ. އިރާދަކުރެއްވިއްޔާ މިލިއަން ރުފިޔާއަށްވެސް އޭނަ އަރީންއަކާ ނީންނާނެއެވެ. ހުޅުވާފައި ހުރި ޓީވީއިން ޚަބަރު ކިޔަންފެށިއެވެ. ރާއްޖެއަށް ކޮންމެވެސް ވަރަކަށް ތޫފާނެއްގެ އަސަރު މިރޭ ކުރާނެކަމަށް ބުނުމުން ކެމީލާގެ ހިތަށް ބިރުވެރިކަން ވަނެވެ. ދުވާލުވެސް އޮތީ އެހާ ކަޅުކޮށްލާފައެވެ. ކަނޑު ގަދަކަމުން އުދަ އެރުން އެކަށީގެންވާ ކަމަށްވެސް ބުނެފިއެވެ. ކަނޑުދަތުރުކުރަން އޭނަ އެހާ ބިރުގަނެއެވެ.

ނިދަން އެނދަށް އަރާފައި ކެމީލާ މާމައާއި ވާހަކަދެއްކިއެވެ. އެކޮޅުގައި ހަމަޖެހިލުމަށްފަހު މާމަ ބަލާ އަންނާނެ ކަމުގައި ބުނެލިއެވެ. އޭރުވެސް އުލާ އަދި ގެއަކަށް ނުވަދެއެވެ. ކެމީލާއަށް އޭނަގެ މަންމަ ޒާދީއާއިއެކު މިރޭވެސް ކޮޓަރިއަށް ވަންކަން އެނގުނެވެ. ރަގަޅު ފުރުސަތެއް ލިބުނީއެވެ. ކެމީލާ ތެދުވެ މާމަގެ ގައިގާ ބައްދަލަމުން ނިތްކުރީގައި ލުއިކޮށް ބޮސްދިނެވެ.

"ވަރަށް ލޯބިވޭ މާމާ. އެކޮޅުގައި ހަމަޖެހިލާއިރަށް މާމަ ބަލާ އަންނާނަން އިރާދަކުރެއްވިއްޔާ. ހެޔޮ ދުޢާކޮށްދެއްޗޭ....." ކެމީލާ އަނެއް ފަރާތަށް އެނބުރުނީ މާމަގެ ލޮލުން އޮހިގަތް ކަރުނަ ފޮހެދީފައި ހިތްވަރުކުރުމަށް އެދެމުންނެވެ. ކެމީލާ ކޮޓަރިން ނުކުތީ ދެލޯ ފޮހެމުންނެވެ. ސިއްސައިގެން ދިޔައީ މަންމައާއި ޒާދީ ސޯފާގައި ޓީވީ ބަލަން ތިބިތަން ފެނިފައެވެ. ޒާދީ ގޮވައިލީ ޅީ ދަރިއޭ ކިޔާފައެވެ. އޭނަ ބަލަން ހުރީ ދަހިވެތި ނަޒަރަކުންނެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް ހޭދެބައިވާ ކަހަލަ ގޮތެއް ވީ އަންހެންކުއްޖެއް މި ނޫނީ ޒާދީ ނުދެކެއެވެ.

"އަރީންއާއިއެކު ޑޭޓަކަށްދަނީ ކަމަށްވާނީ. ދެން އެކަމާ އަޅާނުލާބަލަ މާދަން ރަންކިޔަނީއެއް ނު......" ތަމަންނާ ދަރިންނާއި އަޅާލާ މީހެއްނޫންކަން އެ ޖުމްލައިންވެސް ވިސްނާ މީހަކަށް އެނގޭނެއެވެ.

"ކޮންތާކަށް ދޫންޏާ..." ޒާދީ ގޮވައިލިއެވެ.

"ބޭރަށް...." އެއްފައި ދޮރުން ބޭރުގައި އަޅަމުން ސުވާލުގެ ޖަވާބުދިން އިރު ކެމީލާގެ ހިތް ފުންމާލަފާނެހެން ހީވިއެވެ. ބިރުވެރިކަން ސާލެއްފަދައިން އޭނަ އޮޅާލާފައިވިއެވެ. ހީވަނީ ދެންމެ ދެންމެ ބޭޒާރުވެގެން މަންމަ ނޫނީ ޒާދީ އޭނަ ހުއްޓުވާނެ ހެންނެވެ. މަގުން ހިނގައިގަތްއިރު ބާރުވައިރޯޅިތަކުގެ ހަމަލާއިން އޭނަވެސް އުދުހިގެން ހިނގައިދާނެހެން ހީވިއެވެ. ކެމީލާ މަޖީދީމަގަށް ނިކުމެ އަތްނަގައިގެން ކާރެއް ހުއްޓުވިއެވެ. ފެރީ ޓާމިނަލާއި ހަމަޔަށް ގޮސް ޓިކެޓެއް ނަގައިގެން ދުވެފައި ކަހަލަގޮތަކަށް ފެރީއަށް އަރާ ސީޓެއްގައި ޖައްސާލިއިރު މިނިވަންވެގެން އުދުއްސާލެވެން މާ ގިނައިރެއް ނުވާނެހެން ހީވިއެވެ. ދަތުރު ދުޢާކޮށްލުމުން ހިތުގައި އުފެދުނު ބިރުވެރިކަން ކުޑަވިޔަސް މިރޭ މާލެއަށް ތޫފާނެއް އަރައިގެން އުޅުމެކޭ ތަފާތެއްނެތެވެ. ފެރީތައް ރާޅުތަކުގެ ބާރުގަދަ ހަމަލާ ތެރޭ ހަމަ ކޮންމެ އިރަކުވެސް ބަންޑުން ޖަހާލާނެފަދައެވެ. ނަމަވެސް ސަލާމަތުން ހުޅުލެއާއި ހަމަޔަށް ފޯރިއެވެ. ވައިގަދަކަމުން ޝޯލް އެކަންޏެއްނޫނެވެ. އޭނަވެސް އުދުހިގެން ހިނގައިދާނެފަދައެވެ. އޭނަ ހުރީ ޝޯލާއިމެދު ވަރަށް ވިސްނައިގެންނެވެ. ޑިޕާޗާ ހޯލްކައިރީގައި އިންތިޒާރުގައި ހުރިހުރުން ނިމުމަކަށް އައީ ކައިޒާން މާކަސް ޖޫލް ގޮވައިގެން އަންނަތަން ފެނިފައެވެ.

"ކީއްވެ ކައިޒާން ފެންނަ ކޮންމެ ފަހަރަކު ހިތުގައި އާ ގޮތަކަށް ވިންދު ޖަހަނީ؟ މިގޮތަށް ހިލޭ ފިރިހެނަކާއިމެދު ވިސްނުމަކީ ފާފައެއް. ހިތަށް ވިސްނާދީ ދީ އަހަރެން މޮޔަ ވާވަރުވެއްޖެ. މިއީތަ ލޯތްބަކީ. މި އިހުސާސްތަކަށް ދޭނީ ވަކި އެހެން ކޮން ނަމެއް. ކައިޒާން ބަލައިލާގޮތަކުން މި ހިތަށް ވާ ވަރު........." ކައިޒާންއާއި ނަޒަރު ބައްދަލުވުމާއިއެކު ކެމިލާގެ ކޯތާފަތަށް ހޫނުވާގޮތްވިއެވެ. އެ ލޮލާއި ހަތަރުކަޅި ހަމަވުމާއެކު ކެމީލާގެ ހިތް އޮބިނޯންނަވަރުވިއެވެ. އެކަމުން ސަލާމަތްވާންވެގެން ކެމީލާ ގުދުވެ ޖޫލްގެ ގައިގާ ބައްދާލަމުން ކޯތާފަތަށް ދޮނެއްދިނެވެ. އަތުގައި ހިފާލައިގެން ޑިޕާޗާ ހޯލަށް ވަންނާން ދިޔައިރު ކެމީލާ ހުރީ ފުދޭވަރަކަށް ހަމަޖެހިފައެވެ. މިތާ އެތެރެއިން އަރީންއަކަށް އޭނަ ނުހިފެހެއްޓޭނެއެވެ. އަރީންގެ ފަރާތުން މިނިވަން ވެވެނީއެވެ. ދެން އަރީންއަށް ބިރުދައްކަމުން އިންޒާރު ދެމުން ނޫޅެވޭނެއެވެ.

އެކަމަކު އަރީންގެ މެސެޖްތަކުން އަދި ސަލާމަތެއް ނުވެވެއެވެ. ފޫހިވެގެން ހަލާކުވާވަރުގެ ވާހަކަތަކެވެ. އޭނަ ހިތުން ވަރަށް އަވަހަށް ކެމީލާ އޭނަގެ މިލްކަކަށްވަނީއެވެ. މީހަކަށް މިހާވަރުގެ ލަނޑެއް ދެވޭތީ ކެމީލާ އުފަލެއްނުވެއެވެ. ނަމަވެސް އަރީންގެ އުޅުން ހުންނަގޮތުން އޭނަ ބުނެދޭން ނޭގެހާ ފޫހިވެއެވެ. ހުތުރު މީހެއް ނޫނެވެ. މީހާގެ ސިފަ ހަލާކުކޮށްލާފައިވަނީ އަމިއްލައަށެވެ.

ކައިޒާން ގަސްތުގައި އާދައިގެ ކްލާހުން ޓިކެޓްނެގީ އާދައިގެ މީހުން އުޅޭގޮތަށް އުޅެން ބައެއްފަހަރު ބޭނުންވާވަރުންނެވެ. މާ އިއްޒަތުގައި އުފަލުގައި އުޅުމުން ބައެއް ކަހަލަ އުފަލާއި އަރާމު ނުލިބޭފަހަރު އާދެއެވެ. ކެމީލާ ފްލައިޓަށް އަރާފައި އިކޮނޮމީ ކްލާހުގެ ގޮނޑިއެއްގައި ޖައްސާލުމުން އަރާމުވިއެވެ. ކައިރީގައި ހުރި ސީޓުގައި އިނީ ޖޫލްއެވެ. މާކަސްއާއި ކައިޒާން އަނެއްފަޅީގައެވެ. ކުޑަދޮރުކައިރިން ސީޓެއް ލިބުމުން ކެމިލާ އިނީ އުފާވެފައެވެ. މާ ގިނަ އިރެއްނުވެ ޖޫލްއަށް ނިދުނެވެ. ދަންވަރު ވަގުތުކަމުން ލޮޑުވެ ކެމީލާވެސް އިނީ ލޯ މަރާލަން ބޭނުންވެފައެވެ. ނަމަވެސް ވިދާލާ މަންޒަރު ފެނުމުން ހިތުގައި ބިރުވެރިކަން އުފެދި ދެއަތް މޭގައި ޖައްސާ ބާރުކޮށްލައިގެން އިންއިރު ދަތްދޮޅިއަށްދާންދެން ތުރުތުރުއެޅިއެވެ.

"ފީލިން ކޯލްޑް؟ " ކައިޒާން އެހިއެވެ.

"ޔެސް........." ކެމީލާ ލަދުގަންނަގޮތްވިއެވެ. ގަނޑުފެންކޮޅެއްހެން ވިރިދާނެފަދައެވެ. ކައިޒާން ދަބަހުން ނަގާފައި ދިއްކޮށްލި ޖެކެޓްގައި އަތްލުމުން ހޫނުކަމެއް އިހުސާސްވިއެވެ. ކަކުލާއި ހަމަޔަށް އޮތް ކަނޑު ނޫކުލައިގެ ޖެކެޓް އޭނަގެ ހަށިގަނޑަށް ހެޔޮވަރުކަމުން އޭނަގެ ސައިޒް އެހާ ރަގަޅަށް އެނގުނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. ކައިޒާންއާއި ހެދި އޭނަގެ ހިތް މޮޔަވިޔަސް ކައިޒާން އޭނައާއި ދިމާލަށް ނުބަލަން މަސައްކަތްކުރާކަން އެނގުނެވެ. ހާދަ ވަފާތެރިއެވެ. ކައިޒާން ލޯބިވަނީ ޖޫލްގެ މަންމަދެކެކަން އެނގުމުން އެކަމާއި މޮޅިވެރިވެ އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. ކެމީލާ ހަމަޖެހިލުމަށްފަހު އޭނަގެ އާއިލާއަށް މެސެޖުން ވަދާއުގެ ސަލާމްކުރަން ނިންމިއެވެ.

"މީ ފަސޭހަ ޑިޒިޝަނެއްނޫން. ވަރަށް އުދަގޫކަމެއް. އެކަމަކު އެންމެ ރަގަޅުގޮތަކީ ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށް ދާންކަން އެކަމަށް މަގުފަހިވީމަ ވިސްނިއްޖެ. މަންމަމެން ދޫކޮށްލާފައި މިގޮތަށް ވަކިވުމަކީ ފަސޭހަކަމެއްނޫން. އެކަމަކު ފުރަން މަޖުބޫރުވީ. ސްކޯލާޝިޕެއް ލިބުމުން މިދަނީ ކިޔަވަން. އިރާދަކުރެއްވިއްޔާ މަންމަމެން ފަޚުރުވެރިވާފަދަ ކުއްޖަކަށްވާނަން. އަރީންއާއި ކައިވެނިކުރެވޭކަށް ނެތް. ސޮރީ މަންމާ. އަދި މީހަކާއި އިންނާކަށް ބޭނުމެއްނޫން. ބައްޕަ ކައިރީވެސް ބުނެދީ މާފުކޮށްދޭށޭ. ބައްޕަ ނުފެނި ދާން ޖެހުނީމަ ވަރަށް ދެރަވި. ބައްޕައަށް ސަލާމް ނަންގަނެދޭތި. މާމައާއި ރަގަޅަށް އަޅާލާތި މަންމާ. މަންމަ ހެޔޮ ދުޢާކޮށްދިނުން އެދެން........ވަރަށް ސަލާމް" ކެމީލާ އަދި އޭނަގެ މާމަ ކާން ޖެހޭ ބޭސްތަކާއި ބޭސްކާން ޖެހޭ ގަވާއިދު މަންމައަށް ހަނދާންކޮށްދޭން ވެގެން އިތުރަށް ލިޔެލިއެވެ.

ކެމީލާ އުލާއަށްވެސް މެސެޖެއްލިޔުނެވެ. މާމައަށް އޯގާތެރިވުމަށް އެދުނެވެ.

"ގުޑްބައި މޯލްޑިވްސް...." ކެމީލާ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލަން އިނދެފާ ލޮލުގައި ގިނަވެގަތް ކަރުނަތައް ފޮހެލައިފިއެވެ. މާމަމަތިން ހަދާންވެ މިހާ އަވަހަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. އޭނަ ނެތުމަށްފަހު މާމަ އުޅޭނެ ހާލެއްވެސް އެނގެނީއެއް ނޫނެވެ. އޭނަ ދަތުރު ދުޢާކުރުމަށްފަހު ފޯނުން ގުރުއާން ފޯލްޑާ ހުޅުވުމަށްފަހު ކިޔަވަންފެށިއެވެ. ދޭތެރެއަކުން ކައިޒާންގެ ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ގޯނާކޮށްލައެވެ.

"ކެމީލާ މޮޔަކަން. ބަލަ އެއީ މީހެއްގެ ފިރިއެއް. ކުޑަކުއްޖެއްގެ ބައްޕައެއް. ޖޫލް އޭނައާއިހެދި އެހާވަރުން އުޅޭތީ ކައިޒާންވެސް އެހުންނަނީ އުދަގޫވެފައި ކަމަށްވާނީ. ޔޫއެސްއޭއަށް ގޮސްފާ ކިޔަވަން ފަށާގޮތަށް ޖޫލްއާއި ދުރުގައި އުޅޭނީ. ޖޫލްގެ މަންމަ އެކޮޅުގައި ހުންނާނެތާ. ސޯ...." ގަޑިއެއްހާއިރުފަހުން އެސްފިޔަތައް ބަރުވެ ގުރުއާންގެ އަކުރުތައް ފުސްވާންފެށިއެވެ. ނިދީގެ ފޮނި އާލަމަށް އެނަގެ ޖިސްމު ގެނބިގެންދާކަށް މާގިނައިރެއް ނުނެގިއެވެ.

ހޭލެވެމުން ދިޔައިރު މީހެއްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެވުނުކަމުގެ އިހުސާސްވެ ހާސްކަމާއިއެކު ބޯ އުފުލައިލެވުނުއިރު ދާދި ކައިރިން ހަތަރުކަޅި ހަމަވީ ކައިޒާންގެ އަޅިފެހި ދެލޮލާއެވެ. ގަތްލަދުންގޮސް މޫނަށް ރަތުގެ ހުރިހާ ކުލައެއް ވެރިވެގެންދިޔުމާއިއެކު ހަށިގަނޑު ދުރުކޮށްލެވުނެވެ. އުލާ މިފަހަކަށް އައިސް އަބަދު އޭނައާއި ދިމާކުރާ ހަނދާންވިއެވެ. ނިދާ ހޭލާއިރަށް " ޔޫ ސްނޯ ލައިކް އެ ހިޕޯ " އޭ ކިޔާފައި އުލާ މޫނަށް ވައްތަރު ޖައްސާނެއެވެ. އެއްދުވަހު ފޯނަށް އަޑު އަޅާފައި އަޑު އިއްވުމުން ކެމީލާ ޝޮކަކަށް ނުދިޔައީ ހަމަ ކިރިޔާއެވެ. އެކަމާއި ހުރެ އޭނަ އިންނަނީ މީހަކު އިންނަތާ ނުނިދަން އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް ވެފައި ހުރި ވަރުބަލިކަމަކުން ނިދުނީއެވެ. ފްލައިޓްގެ އަޑު މަޑުކަމުން އެހާ ގަދަޔަށް ގުގުރުދެމިއްޔާ ހަމަ އަޑުއިވޭނެ ނޫންހެއްޔެވެ.

ކެމީލާގެ މޮޔަކަމުން ނޭގުނީ އުލާ އަމިއްލައަށް ވައްތަރު ޖައްސާފައި ރިކޯޑްކޮށް ގަސްތުގައި ކެމީލާއަށް ޖެއްސުމަށް ގުގުރިދަމައޭ ކިޔައިގެން ދިމާކޮށް އުޅުނުކަމެވެ. ހަގީގަތުގައި އޭނަގެ ނޭވާގެ އަޑު މަޑުކަމުން ކައިރީގައި އޮންނަ މީހަކަށް ނޭވާލާކަމެއްވެސް ނޭގޭނެއެވެ.

"ސޮރީ...." ކެމީލާ ޝޯލް ރީތިކޮށްލަމުން ބުނެލިއެވެ.

"ފޯ ވަޓް؟ " ކައިޒާން ހައިރާންވިއެވެ.

"މާ ގަދަޔަށް ގުގުރުދެމުނީމަ.." އަމިއްލައަށް އެކަން އެނގޭކަމަށް ހަދާފައި އެއްބަސްވުން މާ ރަގަޅުކަމަށް ފެނި ކެމީލާ ކުޑަ ހުނުމަކާއިއެކު ބުނެލިއެވެ. ކައިޒާންއަށް އެކަން މަޖާވިއެވެ. އޭނަ ހޭންފެށިއެވެ.

"ސީރިޔަސްކޮށް އެއީ މާފަށް އެދޭވަރުގެ ކަމެއްތަ. އެހެންނޫނަސް އަހަންނަށް މަޖާކަމަކަށްނު ވާނީ. އަހަރެންގެ ހުރޭ ވަރަށް ކްލޯޒް ފްރެންޑެއް. އޭނައާއިއެކު ބަލާ ކާޓޫނެއްގައި ކަން ނޭގޭ ކޮންމެވެސް މަޖާ ކެރެކްޓާއެއް ގަދަޔަށް ގުގުރިދަމާ. އެކުއްޖާ ހެމުންގޮސް ލޮލުން ފެން އަންނައިރުވެސް ހުއްޓައެއްނުލާނެ. ތިހެން ބުނީމަ އެހަނދާންތައް އާވެއްޖެ. ވަޓް އިފް އައި ސޭ ވަރަށް ހިތްހަމަޖެހިއްޖެއޭ ނިދިތަން ފެނުނީމަ. ގުގުރިދެމުން އެއްފަރާތްކޮށްފައި ވަރަށް ސްވީޓްކޮށް ނިދީ........................." ކައިޒާންގެ ވާހަކަތަކުން އަދި ވަކިން ބޮޑަށް ކެމީލާ ރަކިވިއެވެ. ފްލައިޓުން ފުންމައިލެވޭނެނަމަ އެނަ އެކަންވެސް ކުރީހެވެ. ކިތަންމެ ސިއްރުކުރަން އުޅުނަސް އޭނަގެ އެންމެ ޒާތީ އެއް ސިއްރުވެސް ކައިޒާންއަށް ހާމަވީއެވެ. ނޭގުމުގެ ތެރޭގައެވެ. ލަދުން މަރުވާވަރުވިޔަސް އެކަން ނުވާކަމަކަށް ނުވާނެއެވެ. އެންމެ މޮޅުގޮތަކީ ހުނުމަކުން ފުއްދާލުމެވެ.

(ނުނިމޭ....)

comment ކޮމެންޓް