މިއީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިޚާބު: ޝަރީފް

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް(ކ)އާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް(ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާނެ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބާއްވާނެ ދުވަސް އިއުލާނު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެ އާއި ބޭރުގެ ޚަބަރުތަކަށް ބަލާއިރު މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެންމެ ބޮޑު ފޯކަސްއެއް ހުރީ ކޮން ބައެއްގެތޯ އެނގޭ ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް އިންތިޚާބު އޮބްޒާވު ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަދި އެއާއެކީގައި އަޅުގަނޑުމެން ޚާއްސަ ދައުވަތު ދޭނަން އިންތިޚާބާ ބެހޭ ދުނިޔޭގެ ބައެއް ގައުމުތަކުގެ މަރުކަޒުތަކަށް، ގާތްގަނޑަކަށް އަށް ގައުމެއްގެ އިންތިޚާބާ ބެހޭ އިދާރާތަކަށް އިލެކްޝަންސް އިން ރަސްމީ ދައުވަތު ދޭނަން. އޭގެ އިތުރުން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ތެރެއިން އީޔޫއަށް އަޅުގަނޑުމެން ރަސްމީކޮށް ދައުވަތު ދޭނަން އިންތިޚާބު އޮބްޒާވްކުރަން. އަދި އޯއައިސީ އަށްވެސް އިންތިޚާބު އޮބްޒާވު ކުރުމުގެ ދައުވަތު ފޮނުވާނަން،"

ޝަރީފް ވިދާޅުވީ އިންތިޚާބު އޮބްޒާވް ކުރުމާއި މޮނީޓާ ކުރުމުގައި ހަރަކާތްތެރިވާ އިތުރު ތިން ޖަމްއިއްޔާ އަކަށްވެސް މިފަހަރުގެ އިންތިޚާބު އޮބްޒާވްކުރަން ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އިންތިޚާބު އޮބްޒާވު ކުރުމާ ގުޅޭ ގައިޑްލައިނެއް މިހާރު އެކުލަވާލާފައިވާނެ ކަމަށާއި އެ ގައިޑްލައިނަށް އިސްލާހެއް ގެންނަން ފެނޭތޯ ބެލުމަށް އިންތިޚާބާ ގުޅޭ ކަންކަމުގައި މަޝްވަރާދޭ ކޮމެޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. މި ކޮމެޓީއަކީ އިންތިޚާބާ ގުޅޭ ކަންކަމުގައި ގާނޫނީ ގޮތުން ލާޒިމް ނުކުރާ ކަންކަމުގައި ވެސް އެ ކޮމިޝަނަށް ލަފާ ދޭ ކޮމެޓީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބުގެ ވޯޓް ފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުމަށް ސާވޭ ކުރަމުން އަންނަ ކަމަށާއި އިންތިޚާބަށް ރީރަޖިސްޓްރޭޝަންއަށް ހުޅުވާލުމުން، އިލެކްޝަންސް އިން ކަނޑައަޅާފައިވާ މިންވަރަކަށް ރަޖިސްޓްރީ ވާ ސަރަހައްދުތަކުގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް މިރޭ ވިދާޅުވިއެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްފޮށި ބެހެއްޓި ހުރިހާ ސަރަހައްދެއްގައިވެސް ވޯޓްފޮށި ބަހައްޓާނެ ކަމަށް އީސީގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޖަލުތަކާއި ސިނާއީ ރަށްރަށުގައި ވޯޓްފޮށި ބަހައްޓާނީ 100 މީހުންނަށް ވުރެ ގިނައިން އެ ތަނެއްގައި ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާނަމަ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާނީ 15 ޖުލައި ގައެވެ. ކެނޑިޑޭޓުން ކެމްޕެއިނު ކުރުމަށް 30 ދުވަހަށް ވުރެ ދިގު މުއްދަތެއް މިފަހަރު ލިބޭނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

އިލެކްޝަންސް އިން ބުނީ މިއަހަރުގެ އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާނެ އިންތިޚާބަކަށް ވާނެ ކަމަށެވެ.

comment ކޮމެންޓް