ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15ގައި

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން މިރޭ ބާއްވަމުންދާ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކެނޑިޑޭޓުންގެ ނަން އިއުލާނު ކުރުން އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކެނޑިޑޭޓުން ކެމްޕެއިނު ކުރުމަށް 30 ދުވަހަށް ވުރެ ދިގު މުއްދަތެއް މިފަހަރު ލިބޭނެ ކަމަށެވެ.

އިލެކްޝަންސް އިން ބުނީ މިއަހަރުގެ އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާނެ އިންތިޚާބަކަށް ވާނެ ކަމަށެވެ. ވޯޓާސް ލިސްޓު އަންނަ އާދީއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން 20ގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ޖުލައި މަހުގެ 17 އިން އޮގަސްޓު މަހުގެ 19 ގެ ނިޔަލަށް ހުޅުވާލަން ނިންމާފައިވާ އިރު، އިލެކްޝަންސް އިން ބުނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް ފޮށި ބެހެއްޓި ހުރިހާ ސަރަހައްދެއްގެ އިތުރުން އެ ކޮމިޝަނުން ކުރިއަށްގެންދާ ސާވޭ އަކަށްފަހު ދިވެހިން ގިނައިން ދިރިއުޅޭ ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.

މީގެ އިތުރުން ޖަލުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ވޯޓް ފޮށި ބަހައްޓާނީ 100 މީހުންނަށް ވުރެ ގިނަ މީހުން އެ ތަނުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަނުގެ މައުލޫމާތު ޖުލައި މަހު އާންމު ކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިރޭ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚް މިރޭ އިއުލާނު ކޮށްފައިވާ އިރު، މި އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރެއްވި އިރު އެޕާޓީން ވަނީ ނަޝީދަށް ޓިކެޓް ދީފައެވެ. ނަމަވެސް އިލެކްޝަންސް އިން ބުނީ ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާނެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އިއުލާނު ކުރައްވައިފައެވެ.

comment ކޮމެންޓް