"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތަށް އުވައިޝްއާއި ޒަހާން މޮސްކޯއަށް

ޒަހާންއާއި އުވައިޝް މޮސްކޯއަށް ފުރުމުގެ ކުރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތުގައި ބައިވެރިވާ ދިވެހި ދެ ކުޅުންތެރިން ކަމަށްވާ އުވައިޝް މުހައްމަދާއި އަހުމަދު ޒަހާން ނަޒީރު މިރޭ ރަޝިއާގެ މޮސްކޯއަށް ފުރައިފިއެވެ.

ފީފާގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ގެޒްޕްރޮމްގެ ފަރާތުން ވޭތުވެދިޔަ ފަސް އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާ "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތަކީ ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެކެވެ. އެހެން ނަމަވެސް މިއަހަރު ހަރަކާތް ކުރިއަށްގެންދާނީ ވޯލްޑް ކަޕާ ދިމާކޮށެވެ.

މިއަހަރު ރަޝިޔާގެ މޮސްކޯގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރާއްޖެއަށް ފުރުސަތު ލިބުނީ ދެ ކުއްޖަކު އެ ހަރަކާތުގައި ބައިވެރި ކުރުމަށެވެ. އެއް ކުއްޖަކީ 12 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އަނެއް ފުރުސަތު ލިބިގެންދަނީ 12 އަހަރުގެ ޖާނަލިސްޓަކަށެވެ. އެހެން ނަމަވެސް ރާއްޖެއިން ހަރަކާތުގައި ދެ ޑިފެންޑަރުން ބައިވެރިކޮށްފައިވާ އިރު، އެފްއޭއެމްއިން ބުނީ ދެ ކުޅުންތެރިންނަށްވެސް ފުޓުބޯޅަ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއިން ރަޝިޔާއަށް ފޮނުވާނެ ކުއްޖަކު ހޮވާފައިވަނީ އެކަޑެމީތަކަށް ހުޅުވާލައިގެން ހާއްސަ ދެ ކޯޗުން، ކުދިން އެނަލައިޒް ކުރުމަށްފަހުގައެވެ. ރާއްޖެއިން ދާ އުވައިޝްއަކީ މާޒިޔާ އެކަޑެމީގެ ކުޅުންތެރިއެކެވެ. އަދި ޒަހާންއަކީ އީޓީއެފްއޭ (ހީނާ އެކަޑެމީ)ގެ ކުޅުންތެރިއެކެވެ.

އުވައިޝް މީޑިއާއާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރުމުގެ ކުރިން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ދެ ކުޅުންތެރިންވެސް ބުނީ މިއީ ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، އުންމީދުކުރަނީ ރާއްޖެ ތަމްސީލުކޮށް ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ލިބުނީތީ ވަރަށް އުފާކުރާ ކަމަށާއި، އެފްއޭއެމްގެ އިތުރުން މައިންބަފައިންނާއި އާއިލާ އަދި އެކުވެރިންނަށްވެސް ޝުކުރު އަދާކުރާ ކަމަށްވެސް ދެ ކުޅުންތެރިން ބުންޏެވެ.

މިދިޔަ ފަސް އަހަރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ އެކިއެކި ގައުމުތައް ތަމްސީލުކުރާ ހާއްސަ ފުޓުބޯޅަ މުބާރާތެއްގެ އިތުރުން، މައުލޫމާތު ސެޝަންތަކާއި ފޯރަމްތައް ވެސް ކުރިއަށް ގެންދާނެއެވެ.

މިއަހަރުގެ މުބާރާތުގައި 211 ގައުމަކުން ކުޅުންތެރިން ބައިވެރިވާނެއެވެ. ވޯލްޑް ކަޕްގެ ފޯމެޓަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ 32 ޓީމުގައި ކުޅޭނީ އެކިއެކި ގައުމުތަކުގެ ކުޅުންތެރިންނެވެ. އެކި ގައުމުތަކުން ޓީމުތަކުގެ މަގާމުތަކަށް ކުޅޭ ކުޅުންތެރިން މުބާރާތަށް ފޮނުވުމަށް ހަމެޖެހިފައިވާ އިރު، ގައުމުތަކުން ކުޅުންތެރިން ފޮނުވާނެ މަގާމު އަދި ޓީމު ހޮވާފައިވަނީ ގުރުއަތު ނަގައިގެންނެވެ.

ރާއްޖެއިން ވާދަކުރާ ކުޅުންތެރިޔާ ހިމެނެނީ "ވޭލް ޝާކު" ޓީމުގައެވެ. ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެ ޓީމަށް ޑިފެންޑަރެއް ފޮނުވުމުގެ ފުރުސަތެވެ. އޭނާއާއެކު ޓީމުގައި ދެން ހިމެނެނީ ބުރުނާއީ ކީޕަރެއްގެ އިތުރުން ކޭޕް ވާޑް އައިލެންޑްސްގެ ޑިފެންޑަރެއް، ހޮންޑޫރަސް އަދި ބޮސްނިއާގެ މިޑްފީލްޑަރެއްގެ އިތުރުން ލުބުނާނުގެ ފޯވަޑެކެވެ.

ޒަހާން މީޑިއާއާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ފުޓްބޯލް ފޯ ފްރެންޑްޝިޕް"ގެ ހަރަކާތްތަކަށް އދ. އިން ވެސް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވާ އިރު، ރާއްޖެއަށް އެފަދަ ފުރުސަތެއް ލިބުމާ ގުޅިގެން ފުޓުބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، "ފުޓްބޯލް ފޯ ފްރެންޑްޝިޕް" ފަދަ ހަރަކާތެއްގައި ދިވެހި ކުދިން ބައިވެރިވެގެން ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެ ހަރަކާތަށް ދިވެހި ފުޓުބޯޅައަށް ލޯބިކުރާ އެންމެން ވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

comment ކޮމެންޓް