މިރުފަތުގެ 400 މީޓަރު ރެކޯޑު ހިމްނާ މުގުރާލައިފި

ޖަޕާންްގެ ގީފޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 400 މީޓަރު ރޭހުގައި ހިމްނާ ވާދަކުރަނީ --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

ތަޖުރިބާކާރު ދުވުންތެރިޔާ މިރުފަތު އަހްމަދު އަތުގައި އޮތް އަންހެން 400 މީޓަރުގެ ގައުމީ ރެކޯޑު އައިޝަތު ހިމްނާ ހަސަން މުގުރާލައިފިއެވެ.

މިރުފަތު އަތުގައި އޮތް ރެކޯޑަކީ 2010 ވަނަ އަހަރު އިންޑިއާގެ ނިއުދީއްލީގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ދުވެ، އަންހެންނުންގެ 400 މީޓަރުގެ ދުވުން 1:00.33 (އެއް މިނެޓާއި 33 މިލިސިކުންތުން) ނިންމައިގެން އޭނާ ހަދާފައި އޮތް ރެކޯޑެކެވެ.

އުމުރުން 16 އަހަރުގެ ހިމްނާ ރެކޯޑު މުގުރާލީ ޖަޕާންގެ ގީފޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެންނުންގެ 400 މީޓަރު ރޭސް 59.76 (ފަންސާސް ނުވަ ސިކުންތު 76 މިލިސިކުންތުން) ނިންމައިގެންނެވެ.

ހިމްނާ ވާދަކުރި އަންހެން 400 މީޓަރުގެ ހީޓް ދޭއްގައި އަށް ދުވުންތެރިން ވާދަކޮށްފައިވާ އިރު، އޭނާ ދިޔައީ ހީޓްގެ ހަތްވަނައަށެވެ. ހީޓުގެ އެއްވަނައަށް ދިޔައީ ސްރީލަންކާގެ ދިލްޝީ ކުމަރަސިންހެވެ. ހިމްނާއާއެކު އެ ހީޓުގައި ޖަޕާނާއި ކަޒަކިސްތާން، ޖޯޑަން އަދި އިންޑިއާގެ ދުވުންތެރިންވެސް ވާދަކުރިއެވެ.

މިދިޔަ މަހު ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ފައިނަލަށްވެސް ހިމްނާ ދަތުރުކޮށްފައިވާ އިރު، އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ދުވުންތެރިޔާއެވެ.

comment ކޮމެންޓް