ހަނގުރާމައަށް ދާން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވެފައިވާ ކަމަށް ބުނާ ދިވެއްސެއް -- ސަން ފައިލް ފޮޓޯ

ސީރިއާގައި ކުރިއަށްދާ ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ކިތައް މީހުން ކަމެއް އަދި ސާފުނުވި ނަމަވެސް އެމީހުންގެ ތެރޭގައި މީގެ ކުރިންވެސް ހަނގުރާމައަށް ދާން އުޅުނު މީހަކު ހިމެނޭ ކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

އެމީހުން އަތުލައިގަނެ، ހައްޔަރުކުރީ ފުރަން އެއާޕޯޓަށް ގޮސް ތިއްބައިކަން ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެއެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިއުމާއި ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން މަނާކަމެވެ. އަދި އެފަދަ ބައެއް މީހުން ހައްޔަރުކޮށް މީގެކުރިން ދައުލަތުން ވަނީ ދައުވާ ވެސް އުފުލައިފައެވެ.

ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކާ 49 ފިރިހެނަކު ގުޅިފައިވާ ކަމަށެވެ.

ނުރަސްމީ މަސްދަރުތަކުން ހާމަކުރާ ތަފާސް ހިސާބުން ދައްކާ ގޮތުން ސީރިއާ ހަނގުރާމައަށް 100 އަށްވުރެ ގިނަ ދިވެހިން ވަނީ ގޮސްފައެވެ.

comment ކޮމެންޓް