ޔޫތު މިނިސްޓްރީން ދެ އަތޮޅެއްގެ ޒުވާނުންގެ މަރުކަޒުތަކުގެ މައްސަލަތައް ހައްލުކޮށްދީފި

ޔޫތު މިނިސްޓްރީން އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގެ ތެރެއިން --

ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ސިލްސިލާ މަސައްކަތްތަކުގެ ދަށުން ޔޫތު މިނިސްޓްރީން ހއ. އަތޮޅާއި ނ. އަތޮޅުގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

ޔޫތު މިނިސްޓްރީން ހއ. އަތޮޅަށް ކުރަމުންގެންދާ ދަތުރުގައި ވަށަފަރު ޒުވާނުންގެ މަރުކަޒު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ އިރު، އެރަށުގެ ޒުވާނުންނަށް އިތުރު ކުޅިވަރު ސާމާނުވެސް މިނިސްޓްރީން ވަނީ ފޯރުކޮށްދީފައެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ނާފިޒު ވިދާޅުވިގޮތުގައި ހއ. ފިއްލަދޫ، މާރަންދޫ އަދި ދިއްދޫ ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ކުޅިވަރު ސާމާނު ވަނީ ހަވާލުކުރެވިފައެވެ. އޭގެ އިތުރުން ނާފިޒު ވަނީ އެ އަތޮޅުގެ 14 ރަށަށް ޒިޔާރަތްކުރައްވައި ކުޅިވަރު އެރީނާތަކުގައި ހުރި މައްސަލަތައް ބައްލަވައިފައެވެ.

ޔޫތު މިނިސްޓްރީން ވަނީ ނ. އަތޮޅުގެ ޔޫތު ސެންޓަރުތަކުގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެ އަތޮޅަށްވެސް ޒިޔާރަތް ކޮށްފައެވެ. އެގޮތުން އެ އަތޮޅު ކެނދިކުޅުދުއާއި މިލަދޫގެ ޒުވާނުންގެ މަރުކަޒުވެސް އަލުން ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ އިރު، ނ. ވެލިދޫ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ އަތޮޅަށް ދަތުރުކުރެއްވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ރީހާން ވަނީ ވިދާޅުވެފައެވެ.

އެ ޓާފަކީ ޔޫތު މިނިސްޓްރީން ހުއްދަ ދީގެން ވެލިދޫ ޒުވާން ޖަމްއިއްޔާއެއް ކަމަށްވާ "ބައުކަލޯ" އިން އަމިއްލަގޮތުން އަޅާ ޓާފެއް ކަން ރީހާން ވަނީ ފާހަގަކުރައްވައިފައެވެ. ޔޫތު މިނިސްޓްރީގެ ދަށުން އިމާރާތް ކުރަމުންދާ ރ. އިނގުރައިދޫ ފުޓްސަލް ދަނޑުގެ ލައިޓްތައް ހަރުކޮށް ނިމިފައިވާ އިރު، ނ. ހޮޅުދޫ، މަނަދޫ، ކެނދިކުޅުދޫ އަދި ވެލިދޫގައި ގާއިމްކުރެވިފައިވާ ކުޅިވަރު ކޯޓުތަކަށް ބޭނުންވާ ލައިޓްތައް ޔޫތު މިނިސްޓްރީން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަތޮޅު ތެރޭގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޔޫތު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަތޮޅުތަކަކަށް އެ މިނިސްޓްރީގެ ކޯޑިނޭޓަރުން ވަނީ ދަތުރު ކުރައްވައިފައެވެ.

ރާއްޖޭގައި މިހާރުވެސް 60 ޒުވާނުންގެ މަރުކަޒެއްގެ ހިދުމަތްދެމުންދާ އިރު، ގިނަ އަދަދެއްގެ ޒުވާނުންގެ މަރުކަޒުތަކެއްގެ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން ޔޫތު މިނިސްޓްރީން ބުނެފައިވަނީ ހދ. މަކުނުދޫގައި ޒުވާނުންގެ މަރުކަޒެއް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޔޫތު ސެންޓަރުތަކުގެ އިތުރުން އަތޮޅު ތެރޭގައި ސްޕޯޓްސް އެރީނާތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ދާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވާ އިރު، ނ. ވެލިދޫގައި އަލަށް ގާއިމްކުރާ ހަތަރު ކޯޓެއްގެ މަސައްކަތްވެސް ކުރަމުންދެއެވެ. އެގޮތުން ދެ ބެޑްމިންޓަން ކޯޓާއި ނެޓުބޯޅަ ކޯޓެއްގެ އިތުރުން ބާސްކެޓް ކޯޓެއްވެސް އެރަށުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް