ޖަލަށް މަސްތުވާތަކެތި ވެއްދި ކަމަށް ތުހުމަތުކުރެވުނު ކަރެކްޝަންސްގެ މުވައްޒަފު ވަޒީފާއިން ވަކިކުރަނީ

ކަރެކްޝަންސްގެ މުވައްޒަފުންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖަލުގައި ތިބި ގައިދީންނަށް މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާ ތަކެތި ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ސާވިސްގައި އުޅޭތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސްޓާފް ސާޖަންޓް ރޭންކުގެ ފިރިހެން އޮފިސަރެކެވެ.

އޭނާއަކީ ކަރެކްޝަންސްގެ އޮފިސަރުންނަށް ވެސް ޝައްކު ކުރެވިގެން މީގެ ކުރިން ފާރަލައި ސުވާލުކޮށްފައިވާ މީހެއްކަން ވަނީ އެނގިފައެވެ. ފުލުހުން އޭނާ އަތުލައިގަތީ ގިނަ ދުވަސްތަކެއް ވަންދެން ފާރަލައިގެންނެވެ.

ފުލުހުން އެ އޮފިސަރު ހައްޔަރުކުރި އިރު އޭނާ އަތުން 18،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓީވްވެފައިވާ ކަން ވަނީ އެނގިފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައަކާ ގުޅިގެން އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހައްޔަރުކުރި މީހާ ފުލުހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް