ފްލައިޓެއް ގޮއްވާލާނެ ކަމަށް ބުނި ލަންކާ މީހަކު އޮސްޓްރޭލިއާ އިން 12 އަހަރަށް ޖަލަށް ލައިފި

މަނޯދް މާކްސް 12 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އޭއޭޕީ

ކޮލަމްބޯ (ޖޫން 7): މެލޭޝިއަން އެއާލައިންސްގެ މަތިންދާބޯޓެއްގައި ބޮމެއް ގޮއްވާލާނެ ކަމަށް ބުނި ސްރީ ލަންކާގެ މީހަކު އޮސްޓްރޭލިއާ އިން 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ސައްބީސް އަހަރުގެ މަނޯދް މާކްސް ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާ އިން މެލޭޝިއާއަށް 200 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެމްއެޗު 128 ބޯޓު އަނބުރާލަން މަޖުބޫރުކޮށްފަ އެވެ. އަދި އޭނާ ވަނީ ދަބަހުން ބެޓެރީ ޕެކެއް ނަގައި، އެއީ ބޮމެއް ކަމަށް ބުނެފަ އެވެ.

އެބޯޓު އޮސްޓްރޭލިއާގައި ޖެއްސިތާ މާގިނަ އިރުތަކެއް ނުވެ ފަސިންޖަރުން ވަނީ މާކްސް ހިފަހައްޓާފައި އެވެ. އަދި ފުލުހުންނަށް ފަހުން އެނގުނު ގޮތުގައި އޭނާގެ އަތުގައި އެއްވެސް ގޮވާ އެއްޗެއް ނެތެވެ.

މާކްސްގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު މައިކެލް މެކްއިނާނީ ވިދާޅުވި ގޮތުގައި އޭނާ އެފަދައިން އަމަލު ކުރީ މަސްތުވެގެން ހުރެ އެވެ. އަދި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ އޮސްޓްރޭލިއާ އިން ޑީޕޯޓުކޮށްލާނެ އެވެ. (ބީބީސީ)

comment ކޮމެންޓް