ސްކޫލުތަކުން 90 ޕަސެންޓް ރިޕޯޓް ކާޑް ހެދީ މީމިސް ބޭނުންކޮށްގެން: އެޑިއުކޭޝަން

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) މިރޭ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފުރާހު

ސްކޫލުތަކުން 90 ޕަސެންޓް ރިޕޯޓް ކާޑު މިޓާމުގައި ހެދީ ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު، އިންޓަނެޓް މެދުވެރިކޮށް ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކޮށްފައިވާ ހާއްސަ ސިސްޓަމް މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) ބޭނުންކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ކޮންސަލްޓެންޓް މުސާ އާދަމް ވިދާޅުވީ ކުރިއަށް އޮތް ޓާމުގައި އަމާޒަކީ ހުރިހާ ގްރޭޑެއްގެ ރިޕޯޓްކާޑުތައް މީމިސް ބޭނުންކޮށްގެން ހެދުމަށް ކަމަށެވެ.

"މިފަހަރު 90 ޕަސެންޓް ސްކޫލުތަކުގައި ގްރޭޑް އެކަކުން ހައެއްގެ ރިޕޯޓް ފޮތް މީމިސްތެރޭގައި މިގެނައީ. މާނައަކީ ގްރޭޑް އަށެއް ނުވައެއް ދިހައެއްގެ ނުވަތަ މަތީ ގްރޭޑްތަކުގެ ރިޕޯޓްފޮތްތައް މިބުރުގައި މީމިސް ތެރެއަކުން ނުގެންނަން. އެހެންނަމަވެސް ހޯޕްފުލީ [އުންމީދުކުރަނީ] އަންނަ ޓާމްގައި މިއަށް އިތުރު ގްރޭޑްތައް އިތުރުކުރަމުން ގެންދާނަން." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ގިނަ ޓީޗަރުންތަކެއް އެއްފަހަރާ މީމިސް އަށް ވަނުމުން ލޯޑްވުމުގައި ޓީޗަރުންނަށް ދަތިވި ކަމަށާއި އެހެންނަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓީޗަރުންގެ ފަރާތުން ލިބޭ "ފީޑްބެކް" އަށް ބަލައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީމިސްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ޓީޗަރުން މިއަދު ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އެވެ. އަދި މިއަދު ރިޕޯޓް ކާޑު ދޫކުރެވޭނެތޯ ވެސް ބައެއް ޓީޗަރުން ސުވާލު އުފެެއްދި އެވެ. ނަމަވެސް ކުރިން ވެސް ކަނޑައާޅާފައިވާ ގޮތަށް މިއަދު ހުރިހާ ސްކޫލުތަކުން ވެސް ރިޕޯޓް ކާޑް ދޫކުރި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އިން ގާއިމްކުރި މީމިސް ސިސްޓަމަކީ ދަރިވަރުންގެ ތައުލީމީ ހަޔާތާ ގުޅޭ ތަފާތު މައުލޫމާތު އެއްކުރުމަށާއި މައުލޫމާތުތައް ބެލެހެއްޓޭނެ ގޮތަކަށް ދެކުނު އޭޝިއާގައި ވެސް ގާއިމްކުރި ފުރަތަމަ ސިސްޓަމެވެ.

ދަރިވަރުންގެ ހާޒިރީ ރެކޯޑްތައް ބަލަހައްޓާ ދަރިވަރުންގެ ހާޒިރީއާ މެދު މީމިސްގެ ތެރެއިން ވަކި ގޮތްތަކަކަށް އަމަލުކުރަން ފެށުމާ އެކު، އެންމެ ފުރަތަމަ މަހުގެ ތެރޭގައި ވެސް ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މިންވަރު 30 ޕަސެންޓަށް ދަށްކުރެވުނުކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރި އެވެ.

comment ކޮމެންޓް