ޖެމްސް މައްސަލައިގެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި

މެއި 8، 2018: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހުކުން ކުރަން ކޯޓަށް ހާޒިރު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމްކޮށްފައިވާ ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ސުޕްރީމް ކޯޓުން މެދު ކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަމުރުކުރިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލާގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފައެވެ.

އެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ހައިކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ހެކިވެރިންގެ ހެކިބަސް ދަށު ކޯޓުން ވަނީ ނަގައިފައެވެ. އަދި ދިފާއުގައި ހުށަހެޅި އެއް ހެކިވެރިއެއްގެ ހެކިބަސް ވެސް ވަނީ ނަގައިފައެވެ.

ބައެއް ހެކިން ބުނެފައި ވަނީ ޖެމްސް ސިސްޓަމް ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށެވެ.

އެމައްސަލައިގެ އިތުރުން ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

comment ކޮމެންޓް