ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުކޮށްފި

ސްކޫލުގެ ދަރިވަރުންތަކެއް ނަތީޖާ ހިފައިގެން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާސީ އާ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި، ދަރިވަރުންނަށް ރިޕޯޓް ކާޑްދީ ޗުއްޓީއަށް ސްކޫލުތައް ބަންދުކޮށްފިއެވެ.

ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް މިއަދު ނަތީޖާ ދީފައިވާއިރު ފުރަތަމަ ޓާމުގެ ޗުއްޓީއަށް މިއަދު ވަނީ ހަފްތާއަކަށް ސްކޫލުތައް ބަންދުކޮށްފައެވެ. ހަފްތާއެއްގެ ބަންދަށްފަހު ދެވަނަ ސެމިސްޓާގެ ކިޔެވުން ފަށާނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މި މަހު 18ވާ ހޯމަ ދުވަހުގައެވެ.

ދެ ވަނަ ސެމިސްޓާގެ ކިޔެވުން 18 ޖޫންގައި ފަށާ އިރު ދެވަނަ ސެމިސްޓާގެ މިޑްޓާމް ބްރޭކް އަކީ 19 އޯގަސްޓް އިން 23 އޯގަސްޓް އަށެވެ. މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް އެ ކަލަންޑަރުގައިވެއެވެ.

ދެ ވަނަ ސެމިސްޓާގައި 105 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އިރު މުޅި އަހަރު ތެރޭގައި ޖުމްލަ 203 ދުވަހު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑަރުގައިވެއެވެ.

ފުރަތަމަ ސެމިސްޓާގައި ވަނީ ޓީޗަރުންނަށް ޓެބްލެޓް ދޫކޮށްފައެވެ. އަދި ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ޓެބްލެޓް ދޫކުރާނެއެވެ. މި ފަހަރު ސްކޫލުތަކުގެ ޓީޗަރުން ކުދިންގެ ރިޕޯޓް ކާޑް ހަދާފައިވަނީ "މީމިސް" ބޭނުންކޮށްގެންނެވެ.

comment ކޮމެންޓް