އިރާގުގެ މަޖިލިސް އިންތިހާބުގެ ހުރިހާ ވޯޓެއް އަލުން ގުނަން މަޖިލީހުން ފާސްކޮށްފި

އިރާގުގެ މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑި ކާމިޔާބު ކުރި ކޯލިޝަނުގައި އިސްކޮށް ހުންނަވާ މުގްތަދާ އަލް ސަދުރު އާއި ބޮޑުވަޒީރު ހައިދަރު އަލް އާބާދީ -- ފޮޓޯ: އޭއެފްޕީ

ބަޣުދާދު (ޖޫން 7): އިރާގުގައި މިދިޔަ މަހުގެ 12ގައި ބޭއްވި މަޖިލިސް އިންތިހާބުގެ ހުރިހާ ވޯޓެއް މެނުއަލްކޮށް އަލުން ގުނަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އިރާގުގެ މަޖިލީހުން އެފަދައިން ނިންމީ އިންތިހާބުގެ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވި ފަހުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ޖެހުނީ އެ ގައުމުގައި ފުރަތަމަ ފަހަރަށް ބޭނުން ކުރި އިލެކްޓްރޯނިކްކޮށް ވޯޓު ގުނާ މެޝިންތަކުގެ ސަބަބުންނެވެ.

އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އިރާގުގެ އިލެކްޝަން ކޮމިޝަނުން ކަމަށް ވިދާޅުވެ، އެކޮމިޝަނުގެ މެމްބަރުން ގައުމުން ބޭރަށް ފުރައިގެން ދިޔުން ބޮޑުވަޒީރު ވަނީ މަނާކުރައްވައިފަ އެވެ.

އޭގެ ސަބަބުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިލެކްޝަން ކޮމިޝަނުގެ ނުވަ މެމްބަރުން މަގާމުން ދުރުކޮށް، އެމަގާމުތަކަށް ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. އަދި އެމަޖިލީހުން ވަނީ އެހެން ގައުމުތަކުގައި ތިބެގެން ދީފައިވާ ވޯޓުތައް ބަލައި ނުގަންނަން ވެސް ނިންމައިފަ އެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި ހުންނަ 328 ގޮނޑީގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޝީއީ އިލްމުވެރިޔާ މުގްތަދާ އަލް ސަދުރު އިސްކޮށް ހުންނަވާ ކޯލިޝަނަކުންނެވެ. އެކޯލިޝަނަށް 54 ގޮނޑި ލިބުނު އިރު ބޮޑުވަޒީރު އާބާދީގެ ޕާޓީއަށް ލިބުނީ 42 ގޮނޑި އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް