މީމިސްއަށް ދިމާވި މައްސަލަ ހައްލު ކުރެވިއްޖެ، މާދަމާ ސްކޫލުތަކުން ރިޕޯޓް ކާޑް ދޫކުރާނެ: އެޑިއުކޭޝަން

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު، އިންޓަނެޓް މެދުވެރިކޮށް ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކޮށްފައިވާ ހާއްސަ ސިސްޓަމް، މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އަށް ދިމާވި މައްސަލަ ހައްލުކޮށް، ކުރިންވެސް ކަނޑައާޅާފައިވާ ގޮތަށް މާދަމާ ހުރިހާ ސްކޫލުތަކުން ވެސް ރިޕޯޓް ކާޑް ދޫކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަންސް އައިމިނަތު ނަމްޒާ ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މީމިސް ބޭނުންކުރަނީ ހަމައެކަނި މައުލޫމާތު ސިސްޓަމަށް ފީޑްކޮށްފައި ބެހެއްޓުމަށް ކަމަށެވެ.

"އަސްލު ދުނިޔޭގެ އެހެނިހެން ތަންތާކު ރިޕޯޓް ކާޑް މީމިސްއިން ޖެނެރޭޓެއް ނުކުރޭ. ނަމަވެސް އަސްލު މީގެ ބޭނުމަކީ އެކަން ވެސް ކުރުން. ދެން ރިޕޯޓް ކާޑު ހަދަން ޓީޗަރުންނަށް މިލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް. ހުރިހާ ޓީޗަރުން އެއްފަހަރާ ސިސްޓަމް ބޭނުންކުރަން ފެށީމާ ސާވާއަށް އޯވާލޯޑުވީ. ސްކޫލުތަކުގެ ވައިފައި ސިސްޓަމްވެސް އެހާ ސްލޯ،" ނަމްޒާ ވިދާޅުވިއެވެ.

މީމިސްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ޓީޗަރުން މިއަދު ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރިއެވެ. އަދި މާދާމާ ރިޕޯޓް ކާޑު ދޫކުރެވޭނެތޯ ވެސް ބައެއް ޓީޗަރުން ސުވާލު އުފެެއްދިއެވެ.

ރާއްޖެއިން ގާއިމްކުރި މީމިސް ސިސްޓަމަކީ ދަރިވަރުންގެ ތައުލީމީ ހަޔާތާ ގުޅޭ ތަފާތު މައުލޫމާތު އެއްކުރުމަށާއި މައުލޫމާތުތައް ބެލެހެއްޓޭނެ ގޮތަކަށް ދެކުނު އޭޝިއާގައި ވެސް ގާއިމްކުރި ފުރަތަމަ ސިސްޓަމެވެ.

ދަރިވަރުންގެ ހާޒިރީ ރެކޯޑްތައް ބަލަހައްޓާ ދަރިވަރުންގެ ހާޒިރީއާ މެދު މީމިސްގެ ތެރެއިން ވަކި ގޮތްތަކަކަށް އަމަލުކުރަން ފެށުމާއެކު، އެންމެ ފުރަތަމަ މަހުގެ ތެރޭގައި ވެސް ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މިންވަރު 30 ޕަސެންޓަށް ދަށްކުރެވުނުކަން އެޑިއުކޭޝަން މިނިސްޓްރީން ފާހގަަކުރިއެވެ.

comment ކޮމެންޓް