ރިޔާޒުގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފި

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު: އޭނާގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މައްޗަށް ގަސްތުގައި ހުރަސްއެޅިކަން ސާބިތުވާ ކަމަށް ހައި ކޯޓުން، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި އެވެ.

ހައި ކޯޓުން ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ހައިކޯޓުގެ އިސްތިއުނާފްގައި ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މައްޗަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ދައުލަތުން ޖުމްހޫރީ ޕާޓޫގެ ނައިބް ލީޑަރު ރިޔާޒުގެ މައްޗަށް ކުރީ އޭނާގެ މޯބައިލް ފޯނުގެ ޕިން ކޯޑު ނުދިން މައްސަލާގަ އެވެ.

ރިޔާޒުގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ރިޔާޒު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް