ނިހާންގެ މައްސަލާގައި އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި

އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ސަބަބެއް ނާންގާ އިންޑިއާގެ ޗެންނާއީއަށް ވަނުމުގެ ފުރުސަތު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ނުދިން މައްސަލާގައި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރިކަން "ސަން"އަށް އެނގިއްޖެ އެވެ.

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މި ބައްދަލުވުމުގައި ނިހާނަށް ދިމާވި މައްސަލައަކީ ކޮން ސަބަބަކާ ހުރެ ދިމާވި ކަމެއްކަން ލިޔުމުން އެންގުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިންޑިއާގެ ސަފީރުގެ ކިބައިން އެދުނުކަން ވަނީ އެނގިފަ އެވެ. އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ އިއްޔެ އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށާއި ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޗެންނާއިއަށް ވަނުން މަނާކުރި މައްސަލައާ ގުޅޭ ގޮތުން ރޭ ހޮޓެލް ޖެން ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ޗެންނާއީއަށް ވަނުން ހުއްޓުވި ސަބަބަކީ ޕީޕީއެމްގެ މެމްބަރަކަށް ވީމަތޯ ނޫނީ މިހާރު ރާއްޖޭގައި އޮތް ސަރުކާރަށް ތާއީދުކުރާ މީހެއް ވީމާތޯ ވެސް އިންޑިއާއިން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ޗެންނާއީއަށް ވަންނަން ހުއްދަ ނުދިނުމުން ހިތްހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އޭނާ ޗެންނާއަށް ވަޑައިގަތީ ސައިނަސް މައްސަލަ ހުންނާތީ ރޫޓިންކޮށް މީގެ ކުރިން ވެސް ދައްކާ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ވަޑައިގަތީ އޮން އެރައިވަލް ވިސާގައި އިންޑިއާއަށް ވަންނަން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އަތުން އެއްވެސް ލިޔުމެއްގައި ސޮއެއް ނުކުރުވާ. ޕާސްޕޯޓުގައި ތައްގަނޑެއް ނުޖަހާ. އިންޑިއާއަށް އެރުން މަނައެކޭ ވެސް ނުބުނޭ. އެކަމަކު ތިން ކަރުދާހެއް އެބޭފުޅުން ގެންގުޅުއްވި. އެ ތިން ކަރުދާހުގެ ތެރޭން އެއް ކަރުދާހެއް އަޅުގަނޑު ދަތުރުކުރި އެއާލައިންގެ އެޖެންޓާ ހަމައިގައި އޮތްކަން އަޅުގަނޑަށް އެނގޭ. އެކަމަކު ނުވެއް ދެކެން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެގޮތަށް ކުއްލިއަކަށް އިންޑިއާއަށް އެތެރެވުން މަނާކުރާ ގޮތްތަކެއް އިންޑިއާއިން ކަނޑައަޅައިފިއްޔާ އެކަން ރާއްޖެއަށް އަންގަން ޖެހޭ ކަމަށެވެ. ނިހާން ގަބޫލުކުރެއްވީ އިންޑިއާގެ އިމިގްރޭޝަނުން އޭނާއަށް "ބުލީ ކުރީ" ކަމަށެވެ.

comment ކޮމެންޓް