ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާނުން އަލުން ފަށާތީ އެމެރިކާ އިން އިންޒާރުދީފި

ސާލިޙީ އީރާނުގެ ނިއުކްލިޔަރ ބައެއް އިންޖިނޭރުންނާ އެކު އެގައުމުގެ ނިއުކްލިޔާ މަރުކަޒެއްގައި--

ތެހެރާން (ޖޫން 6) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާތީ އާއި އެއެއްބަސްވުމާ ޚިލާފަށް އީރާނާދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައި ވާތީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަލުން ފަށާނެކަން ރަސްމީ ސިފައެއްގައި އީރާނުން އިޢްލާންކޮށްފި އެވެ.

އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާ ގެ ވެރިޔާ އަލީ އަކްބަރު ސާލިޙީ ވިދާޅުވީ މިއަދު ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަލުން ފަށާނެކަމަށާ ނިއުކްލިޔާ އެއްބަސްވުމުން އީރާނަށް ލިބޭ ފައިދާތައް ނުލިބޭ ނަމަ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލައިގެން އީރާން ނޯންނާނެ ކަމުގަ އެވެ. މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މައިގަނޑު މަސައްކަތެވެ.

އީރާނަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދޭ މިންވަރަށް (85 ޕަސެންޓް މައްޗަށް) ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއްކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެ އެވެ. ނަމަވެސް އީރާނުން މިހާތަނަށް ޔޫރޭނިޔަމް ފައްކާކޮށްފައި ވަނީ 20 ޕަސެންޓެވެ. އެއީ ޑަކްޓަރީ ކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ނިއުކްލިޔާ އައިސޮޓޮޕްސް އުފެއްދޭ މިންވަރެވެ.

އީރާނުގައިވާ ނިއުކްލިޔާ ހަކަތައިން ކަރަންޓް އުފައްދާ އިންޖީނުގެތަކަށް ބޭނުން ވަނީ ފަސް ޕަސެންޓް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އެވެ. އެމިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރުސަތު ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން ވެސް އީރާނަށް ލިބިދީފައިވެ އެވެ. ނަމަވެސް އެއަށްވުރެ މައްޗަށް ޔޫރޭނިޔަމް ފައްކަކުރަމުން ގެންދޭތޯ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ން ބަލަމުން ގެންދެ އެވެ.

ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ އަލީ އަކްބަރު ސާލިޙީ ވިދާޅުވީ ކުރިޔަށް ވުރެ ބާރު ސްޕީޑެއްގައި ޔޫރެނިޔަމް ފައްކާކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ނިއުކްލިޔާ ސެންޓްރިފިއުޖް އައު މެޝިންތަކެއް އުފެއްދުމުގެ މަސައްކަތް ބުދަދުވަހު އީރާނުން ފަށާނެ ކަމުގަ އެވެ. އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ބޭނުންވާ މެޝިންތަކަކީ އެގައުމުގެ ސައެންސްވެރިންނާއި އިންޖިނޭރުން ގުޅިގެން އުފައްދާ މެޝިންތަކެކެވެ. މީގެއިތުރުން އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ ގާބިލްކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ.

އީރާނުގައި މިހާރު ބޭނުންކުރާ ނިއުކްލިޔާ ރިއެކްޓަރުތަކަކީ ރަޝިޔާއިން ބިނާކޮށްދީފައިވާ ރިއެކްޓަރުތައް ކަމަށްވިޔަސް އީރާނުން ގެންދަނީ އަމިއްލަ ޓެކްނޮލޮޖީގައި ބިނާކުރާ ފުރަތަމަ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފަށާނެކަން އީރާނުން އިޢްލާން ކުރިނަމަވެސް ޔޫރޭނިޔަމް ފައްކާކުރާނެ މިންވަރު އެގައުމުން ހާމައެއް ނުކުރެ އެވެ.

އެމެރިކާ އިން ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ނުފެށުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ. އީރާނުގެ މިއިޢްލާން އާއެކު އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހީދާ ނައުއާޓް ވިދާޅުވީ އެމެރިކާގެ ސިޔާސަތަކީ އީރާނަށް ނިއުކްލިޔާ ހަތިޔާރު ހެދުމުގެ ފުރްސަތު ނުދިނުންކަން އީރާން ދަންނަންވާނެ ކަމުގަ އެވެ.

އެމެރިކާ އިން ވަނީ ސއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު ހެދުމުގެ ފުރްސަތު އިސްރާއީލަށް ތަނަވަސްކޮށްދީފަ އެވެ. ނަމަވެސް އިސްރާއީލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކޮންމެ ގައުމެއްގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި ނިއުކްލިޔާ ރިއެކްޓަރުތައް ހަލާކުކޮށްލުމަށް އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު