އިރާގުގެ އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ގައުމުން ބޭރަށް ފުރުން މަނާކޮށްފި

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވަނީ އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ފުރުން މަނާކުރައްވާފައި -- ފޮޓޯ: އަންދަލޫ

ބަޣުދާދު (ޖޫން 6): އިރާގުގެ އިލެކްޝަން ކޮމިޝަން (އައިއެޗްއީސީ)ގެ ހުރިހާ އިސް މެމްބަރުން ގައުމުން ބޭރަށް ފުރައިގެން ދިޔުން އެގައުމުގެ ބޮޑުވަޒީރު މަނާކުރައްވައިފިއެވެ.

ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވި ގޮތުގައި މިމަހުގެ 12ގައި އެގައުމުގައި ބޭއްވި މަޖިލިސް އިންތިހާބުގައި ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަދި އެމައްސަލަތައް ބެލި ކޮމިޓީން ވަނީ ބައެއް ވޯޓުތައް އަލުން ގުނުމަށާއި ބައެއް ވޯޓުތައް ބާތިލު ކުރުމަށް ލަފާ ދީފައިކަން ފާހަގަ ކުރައްވާފައެވެ. ބޮޑުވަޒީރު އާބާދީ ވިދާޅުވި ގޮތުގައި އެމައްސަލަތަކުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އިލެކްޝަން ކޮމިޝަނުންނެވެ.

"ކޮމިޓީން ވަނީ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފަ. ބައެއް ކެނޑިޑޭޓުންވެސް ގަވާއިދާ ހިލާފަށް އަމަލު ކުރި ނަމަވެސް އެމައްސަލަތުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އިލެކްޝަން ކޮމިޝަނުން،" އާބާދީ ވިދާޅުވި އެވެ.

އިރާގުގެ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޝީއީ އިލްމުވެރިޔާ މުގްތަދާ އަލް ސަދުރު އިސްކޮށް ހުންނަވާ ސައިރޫން ކޯލިޝަނުންނެވެ. އެކޯލިޝަނަށް މަޖިލީހުގެ 328 ގޮނޑީގެ ތެރެއިން 54 ގޮނޑި ލިބުނު އިރު ބޮޑުވަޒީރު އާބާދީގެ ޕާޓީއަށް ލިބުނީ އެންމެ 42 ގޮނޑި އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް