ވާވޭއަށް ޑޭޓާ އެކްސެސް ދިން ކަމަށް ފޭސްބުކުން ބުނެފި

ފޭސްބުކް ޔޫޒަރުންގެ މައުލޫމާތު ބެލުމުގެ ހުއްދަ ނުވަތަ އެ ފުރުސަތު ޗައިނާގެ ވާވޭ ކުންފުންޏަށް ދިން ކަމަށް ފޭސްބުކުން ބުނެފިއެވެ.

ފޭސްބުކުން ބުނީ ޗައިނާގެ ހަތަރު ކުންފުންޏަކާއެކު ޑޭޓާ ޝެއަރިން ޕާޓްނާޝިޕް ގާއިމްކޮށްފައިވާނެ ކަމަށެވެ. މި އެއްބަސްވުމާއެކު އެ ކުންފުނިތަކުން އެމީހުންގެ ކަސްޓަމަރުންނަށް ފޭސްބުކް އާ އެއްފަދަ އެކްސްޕީރިއަންސް ކުރެވޭނެ އެހެން ގޮތްތަކެއް ފަހިކޮށްދޭ ކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ.

މިއާއެކު ފޭސްބުކް ޔޫޒަރުންގެ މައުލޫމާތުގެ ސެކިއުރިޓީ އާމެދު އުފެދިފައިވާ ސުވާލު އަނެއްކާވެސް މިވަނީ އިތުރުވެފައެވެ. އެޕަލް އާއި ސެމްސަންގް ފަދަ ކުންފުނިތަކަށްވެސް ފޭސްބުކުން މި މައުލޫމާތުތައް ފޯރުކޮށްދޭ ކަމަށް ވެއެވެ.

ވާވޭއަށް ޔޫޒަރުންގެ މައުލޫމާތު ފޯރުކޮށްދޭކަމަށް ފޭސްބުކުން ބުނުމަކީ އެމެރިކާ ސަރުކާރުގެ މޭ ބޮޑުކުރާނެ ކަމެކެވެ. ސަބަބަކީ ޗައިނާގެ ސްމާޓް ފޯނު ކުންފުނިތަކަކީ އެމެރިކާގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން ސިފަކޮށްފައިވުމެވެ. އެމެރިކާއިން ބުނާގޮތުން ވާވޭ ފޯނުތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ޗައިނާ ސަރުކާރުން ހޯދާނެއެވެ.

ނަމަވެސް ފޭސްބުކުން ބުނީ ވާވޭ އަކީ ދުނިޔޭގެ ސްމާޓް ފޯނުގެ ބާޒާރުގައި މިހާރު ތިންވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށާއި ފޭސްބުކްގެ އިތުރުން ވެސް އެމެރިކާގެ އެހެން ޓެކް ކުންފުނިތަކުން ޗައިނާގެ ޓެކް ކުންފުނިތަކާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޑޭޓާ ޝެއަރިންއަށް ފޭސްބުކުން ގާއިމްކޮށްފައިވާ ގިނަ އެއްބަސްވުންތަކެއް އެކުންފުނިން މިހާރު ދަނީ އުވާލަމުންނެވެ. ވާވޭ އާއެކު ވެފައިވާ އެއްބަސްވުންވެސް ވަރަށް އަވަހަށް އުވާލާނެ ކަމަށް ފޭސްބުކުން ބުނެއެވެ.

ވާވޭ އަދި ޗައިނާގެ ޒީޓީއަށް އެމެރިކާގައި ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މި ދެ މަރުކާގެ ފޯނު ބޭނުންކުރުން އެގައުމުގެ ސަރުކާރު މުވައްޒަފުންނަށް މަނާ ކޮށްފައިވާއިރު ޕެންޓަގަންއިން ވަނީ އެމެރިކާގެ މިލިޓަރީ ބޭސްތަކުގެ ފިހާރަތަކުން މި ދެ މަރުކާގެ ފޯނު ވިއްކުންވެސް މަނާކޮށްފައެވެ.

comment ކޮމެންޓް