ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލާސްޓިކް ރިސައިކަލް ކުރާ ރިވާސް ވެންޑިން މެޝިނެއް ބަހައްޓައިފި

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން މިރޭ ހުޅުވި ރިވާސް ވެންޑިން މެޝިން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލާސްޓިކް ރިސައިކަލް ކުރާ ރިވާސް ވެންޑިން މެޝިނެއް ބަހައްޓައިފިއެވެ.

ރިވާސް ވެންޑިން މެޝިނަކީ ހުސްފުޅި ފަދަ ތަކެތި ރިސައިކަލް ކުރުމުގެ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ބޭނުންކުރާ މެޝިނެކެވެ. ޕްލާސްޓިކް ހުސް ފުޅި ފަދަ ތަކެތި އެ މެޝިނަށް ލުމުން ބަދަލުގައި ފައިސާ ނުވަތަ ޕޮައިންޓް ލިބިގެން ދެއެވެ.

މިރޭ ރަސްފަންނުގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައި "ސްމާޓް ބިން" ބްރޭންޑްގެ ރިވާސް ވެންޑިން މެޝިން އިފްތިތާހްކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން މިރޭ ހުޅުވި ރިވާސް ވެންޑިން މެޝިން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

"ސްމާޓް ބިން" ބަހައްޓާފައިވަނީ އައިޖީއެމްއެޗް އިމާރާތުގައި، ބޮޑުތަކުރުފާނު މަގާއި ތާޖުއްދީން ހިނގުން ގުޅޭ ކަންމަތީގައެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މެޝިނަށް ދުވާލަކު 538 ޕުލާސްޓިކް ހުސް ފުޅި އެޅޭނެ ކަމަށާއި އަދި އެ މެޝިން މެދުވެރިކޮށް 300 އެމްއެލް އިން ފެށިގެން 1.5 ލީޓަރުގެ ކޮންމެ ވައްތަރެއްގެ ފުޅިއެއް އެޅޭނެ ކަމަށެވެ.

"ސްމާޓް ބިން" މަސައްކަތް ކުރާ ގޮތް:

  • ރީސައިކަލް ކުރާ ކޮންމެ ފުޅިއަކަށް 0.15 ޕޮއިންޓް ލިބޭ.
  • މެޝިނުން ލިބޭ ޕޮއިންޓްގެ މައުލޫމާތު އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް، އެޕް ބޭނުންކުރައްވާ ފަރާތްތަކަށް ލިބޭނެ.
  • އެޕް ބޭނުން ނުކުރާ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ޕޮއިންޓް ލިބޭނެ.
  • ލިބޭ ޕޮއިންޓް ފަހުން ބޭނުންވެއްޖެ ހިނދެއްގައި އެޕްލިކޭޝަން މެދުވެރިކޮށް ރިޑީމް ކުރެވޭނެ.
  • އެސްއެމްއެސް މެދުވެރިކޮށް ލިބޭ ޕޮއިންޓް، އެޕް ބޭނުންކުރާ އެހެން ފަރާތަކާ ހިއްސާވެސް ކުރެވޭނެ.
  • އެއްކުރެވޭ ޕޮއިންޓްތަކުން 30 ޕޮއިންޓް ހަމަވުމުން އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާއިރު، އެ އަދަދު އުނިކުރުމުގެ ފުރުސަތު ލިބޭ.

އެމްޑަބްލިއުއެސްސީން އުފައްދަމުންދާ ތާޒާ ފުޅި އުކާނުލައި ރީސައިކަލް ކުރެވިގެންދާނޭ ގޮތްތަކެއް މަގުފަހި ކޮށްދިނުމުގެ ގޮތުން ތާޒާ ފުޅި ރީސައިކަލް ކުރުމުގެ ޕްރޮގްރާމްތައް 2013 އިން ފެށިގެން އެމްޑަބްލިއުއެސްސީއާއި އައިބީއެމް ގުޅިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

އަދި މިރޭ ހުޅުވި ރިވާސް ވެންޑިން މެޝިނަކީ އެމްޑަބްލިއުއެސްސީ އާއި އައިބީއެމް އިން ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މިފަދަ އިޖުތިމާއީ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން މިރޭ ހުޅުވި ރިވާސް ވެންޑިން މެޝިން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެމްޑަބްލިއުއެސްސީއަކީ ތިމާވެށްޓާ ރައްޓެހި ކުންފުންޏެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެގޮތުން މިރޭ ތައާރަފް ކުރެވިގެން މިދިޔަ ސްމާޓް ބިންއަކީ ވެސް މީގެ މިސާލެއް ކަމަށް ފަޒުލް ވިދާޅުވިއެވެ. އޭގެ އިތުރުން މިއަހަރުގެ ތެރޭގައި މީގެ މެޝިނެއް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

comment ކޮމެންޓް