އީސީގެ ރައީސަކަށް އެމްޑީޕީއަށް ފުވާދު ރަނގަޅިއްޔާ ޕީޕީއެމްއަށް ޝަރީފު ރަނގަޅުވާނެ: ނިހާން

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ފުވާދު ތައުފީގު ހުރުން އެމްޑީޕީ މީހުންނަށް ރަނގަޅު ނަމަ އެމަގާމުގައި އަހުމަދު ޝަރީފު ހުރުން ޕީޕީއެމްއަށް ވެސް ރަނގަޅުވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިރޭ ހޮޓެލް ޖެންގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، މީގެ ކުރިން 2013 ވަނަ އިންތިހާބު ފުރަތަމަ ބުރު ބޭއްވި އިރު އިލެކްޝަންސްގެ ރައީސަކަށް ހުރީ ފުވާދު ތައުފީގު ކަމަށެވެ.

ފުވާދު ތައުފީގަކީ 2007 ހިސާބުގައި އެމްޑީޕީގެ އިސްކޮށް އުޅުއްވި މެމްބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެކްޓިވިސްޓެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

" އޭރުގައި ފުވާދު ހުންނަވައިގެން ރަނގަޅަށް އިންސާފުވެރި ކަމާއެކު އެކަން ކުރެވޭނެ ކަން އެމްޑީޕީއަށް ޔަގީން ކަށަވަރު ވެއްޖެއްޔާ ކީއްވެގެންތޯ ޕީޕީއެމްއަށް ކަށަވަރު ނުވާންވީ ޝަރީފު ހުންނަވައިގެން ސައްތައިން ސައްތަ ރަނގަޅަށް ދާނެކަމާމެދު. ދާނެ އިނގޭތޯ." ނިހާން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އަހުމަދު ޝަރީފު ހުންނަވައިގެން ރިޔާސީ އިންތިހާބު ރަނގަޅަށް ދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ ޝަރީފަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ. އަދި ފުވާދު ތައުފީގު އީސީގެ ރައީސް ކަމަށް ހުންނެވި އިރު ރަނގަޅުވި އެމްޑީޕީ މީހުން މިހާރު ޝަރީފާ ބެހޭގޮތުން ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.

އިންތިހާބުން މޮޅުވަންދެން އިންތިހާބު އިންސާފުވެރި ނުވާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާނެ ކަމަށާއި އެކަމަކު މޮޅުވެއްޖެއްޔާ އެވަރުގެ އިންސާފުވެރި އިންތިހާބެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި ނިހާން ދެއްކެވީ މިދިއަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ.

އެމްޑީޕީއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ނިހާން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "އެމްޑީޕީ މީހުން ނަޝީދު ވަށައިގެން ތޮވާފު ކުރުން ހުއްޓާލަން ވެއްޖެ" ކަމަށް ނިހާން ވިދާޅުވިއެވެ.

އެމްޑީޕީން ނަޝީދު ބައިވެރިކޮށްގެން ބޭއްވި ޕްރައިމެރީއަކީ ގާނޫނާ ހިލާފު ޕްރައިމެރީއެއް ކަމަށާއި ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނަމަ އެކި ކުށްކުށުގައި ޖަލަށް ލާފައިތިބި މީހުންނަށްވެސް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަކީ ހަމައެކަނި މުހައްމަދު ނަޝީދު ލާހޫރާ އެނބުރެން ޖެހޭ، އޭނަ ހުއްޓި ހުރެ ތަވާފުކުރުވަން ޖެހޭ ޕާޓީއެއް ނޫން. އެވެސް ޑިމޮކްރެޓިކް ވިސްނުންތަކެއްގައި ބަޔަކު އުފައްދާފައި އޮތް ޕާޓީއެއް،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް