ފެތުންތެރިންނަށް ހާއްސަ ސްވިމިން ޕޫލާއެކު އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސް އޮގަސްޓް މަހު ހުޅުވަނީ

12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން: ސްވިމިންގައި ރާްއްޖޭގެ އެތުލީޓުން އަންނަނީ ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުން ތަކެއް ހޯދަމުން ---- ފޮޓޯ: އިމޭޖަސް/ އެމްވީ

ރާއްޖޭގައި ގާއިމް ކުރެވޭ ފުރަތަމަ ސްވިމިން ޕޫލާއެކު ހުޅުމާލޭގައި ގާއިމްކޮށްފައިވާ މިނީ އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސް އަންނަ އޮގަސްޓް މަހު ހުޅުވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވޭތުވެދިޔަ ހަތަރު އަހަރާއި ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުޅިވަރަށް ކޮށްދެވިފައިވާ ކަންކަން ފާހަގަކުރުމަށް މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޒަމާނީ ގޮތަކަށް ފަރުމާކޮށް ހުޅުމާލޭގައި ގާއިމްކުރެވެމުންދާ މިނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްވެސް އަންނަ އޮގަސްޓް މަހު ހުޅުވޭނެ ކަމަށެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގައި ރާއްޖޭގެ ފެތުންތެރިންނަށް ހާއްސަ ސްވިމިން ޕޫލް ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހުޅުމާލޭގައި ގާއިމްކުރަމުންދާ މިނީ އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސް ހޯލް އޮގަސްޓް މަހުގެ ތެރޭގައި ހުޅުވިގެންދާނެ. އެ އިމާރާތަކީ ޒަމާނީ ގޮތަށް ފަރުމާކުރެވިފައިވާ، ފެންވަރުގެ ގޮތުން ވަރަށް ތަފާތު، މުޅިން އާ ޑިޒައިނެއްގެ ކުޅިވަރު އިންފްރާސްޓްރަކްޗާއެއް. އެ އިމާރާތުގައި ސްވިމިން ޕޫލެއް ގާއިމްކުރެވިގެންދާނެ. މިއީ ރާއްޖޭގައި ބޭއްވޭ މުބާރާތްތައް ބޭއްވުމަށާއި އަދި އިންޓަނޭޝަނަލް މުބާރާތްތަކަށް ފެތުންތެރިން ފަރިތަކުރުމަށް ރާއްޖޭގައި ގާއިމްކުރެވިގެންދާ ފުރަތަމަ ސްވިމިން ޕޫލް ކަން އުފަލާއެކު ފާހަގަކުރަން،" އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު އިރުތިޝާމް މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ، އެ އިމާރާތުގައި އިންޑޯ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކެރަމް، ޗެސް، ބިލިއާޑްގެ އިތުރުން ޓީޓީއާއި ގާލެއްޑޯ ކުޅުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށެވެ. އޭގެ އިތުރުންވެސް އިމާރާތުގެ ތެރެއިން ޖިމްގެ ހިދުމަތްވެސް ލިބޭނެ ކަމަށް އިރުތިޝާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ ހަފްލާގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ބައިނަލްއަގުވާމީ ސިންތެޓިކް ޓްރެކަށް ބޭނުންވާ ޗޭންޖިން ރޫމް ނިންމައި، ޕްރޮފެޝަނަލް އެތުލީޓުންނަށް އެތަން ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އޮގްސްޓް މަހު ޓްރެކްވެސް ރަސްމީކޮށް ހުޅުވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހުޅުމާލޭގައި މިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ސިންތެޓިކް ޓްރެކެއް ޤާއިމުކުރެވިފައި، އެތަނަށް މިހާރުން މިހާރަށް ބޭނުންވާ ޗޭންޖިން ރޫމް ނިންމައި، ޕްރޮފެޝަނަލް އެތުލީޓުންނަށް އެތަން ބޭނުންކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސައި ދެވިފައި. އެތުލެޓިކްސް ޓްރެކް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ސްޕެކްޓޭޓާސް ސީޓިން ޖެހުމަށާއި، އެތަނުގެ އިންޕްރާސްޓްރަކްޗާގެ ތެރޭގައި ހިމެނޭ އޮފީސް، ޗޭންޖިން ރޫމް، ވީއައިޕީ ފަދަ ބައިތައް އިންސްޓޯލްކުރުމަށް ފައުންޑޭޝަން އެޅި، ޕްރީފެބްރިކޭޝަން މެޓީރިއަލްސް ވަނީ ތައްޔާރުކުރެވިފައި. މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސިންތެޓިކް ޓްރެކް ރަސްމީކޮށް ހުޅުވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުވެސް އާންމުންނަށް ސިންތެޓިކް ޓްރެކް ހުޅުވާލެވިފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ޓްރެކްގެ ބޭނުން ކުރަމުންނެވެ. ހާއްސަކޮށް މިދިޔަ މަސް ތެރޭގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ލޯންގް ޖަމްޕު އެތުލީޓް، ސާބިއާގެ އިވާނާ ސްޕެނޮވިޗް ވެސް ވަނީ އެ ޓްރެކްގައި ތަމްރީނުތައް ފުރިހަމަކޮށްފައެވެ. ޓްރެކްގައި ހިމެނޭ ލޯންގް ޖަމްޕް ޕިޓްގައި އިވާނާ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ އިރު، ޓްރެކްގެ ފެންވަރަށް އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ.

މިރޭ ބޭއްވި ހަފްލާގައި ޔޫތު މިނިސްޓްރީގެ ފަރާތުން ރަށްރަށުގައި ހިންގާ ޒުވާނުންގެ މަރުކަޒުތަކަށް ޖިމް ސާމާނާއި ޕްރޮޖެކްޓަރުވެސް ހަވާލުކޮށްދެއްވައިފައިވެއެވެ.

comment ކޮމެންޓް