ފެނުގެ ވިއުގައިގެ މަރާމާތު ނުކުރާތީ މިރޭ ފެން ކަނޑާނުލާ ގޮތަށް ނިންމައިފި

އެމްޑަބްލިއުއެސްސީން މާލޭގައި ފެން ފޯރުކޮށް ދިނުމަށްޓަކައި ފެން އުފައްދާ ދެވަނަ މަރުކަޒު، "އާރުއޯ އެނެކްސް އެކެއް": މަރާމާތުގެ މަސައްކަތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެން ކަނޑާލަން ނިންމާފައި އޮތް ނަމަވެސް އެ މަސައްކަތް ނުކުރާތީ ފެން ކަނޑާނުލާގޮތަށް ފަހުން ވަނީ ނިންމާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެނުގެ ވިއުގައިގެ މަރާމާތު މަސައްކަތްތަކެއް ކުރުމުގެ ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލާގޮތަށް ކުރިން ހަމަޖައްސާފައިއޮތް ނަމަވެސް މިރޭ އެ މަސައްކަތް ނުކުރާތީ ފެން ކަނޑާނުލާ ގޮތަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިރޭ ފެނުގެ ވިއުގައިގެ މަރާމާތުކުރާ ގޮތަށް އޮތް ނަމަވެސް މިރޭ އެކަން ނުކުރުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން ފެނުގެ ހިދުމަތަށް ބުރޫ ނާރާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ކުރިން ނިންމާފައި އޮތީ މިރޭ 10:00 އިން 2:00 މާލޭގެ ބައެއް ހިސާބުތަކުން ފެން ކަނޑާލާ ގޮތަށެވެ.

އެމްޑަބްލިއުއެސްސީން ކުރިން ނެރުނު ބަޔާނުގައިވާ ގޮތުން ފެނުގެ ވިއުގައިގެ މަރާމާތާ ގުޅިގެން އަމީނީ މަގާއި މޫންލައިޓް ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 25 އާއި އަމީނީ މަގާއި ރަތްވިލާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 54ގެ އިތުރުން އަމީނީ މަގާއި ޖަނަވަރީ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55 އާއި އަމީނީ މަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55ގެ ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެއެވެ.

comment ކޮމެންޓް